ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މިއަދު އއ. އުކުޅަހަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުކުޅަހަށް ވަޑައިގަތުމުން، އެ ރަށު ބަނދަރު ސަރަޙައްދުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އުކުޅަހު ކައުންސިލާއި އެކިއެކި މުއައްސަސާތަކުގެ ވެރިންނެވެ. މީގެ އިތުރުން، އެ ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ އިސް އޮފިޝަލުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ އުކުޅަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ މުހިންމު ދެ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުންކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. އެގޮތުން "ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް" (ސިޑްސް-އެސް.އޭ.އައި) ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތާއި، "އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް" (އައިޑީއައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ކުރައްވާ މި ދަތުރުފުޅުގައި އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. މި ބައްދަލުކުރެއްވުންތަކުގައި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.
ހަމައެއާއެކު، ރަށުގެ ތަރައްގީއަށާއި އާންމު ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް ސަރުކާރުން ކުރިއަށްގެންދަވާ ބައެއް މަޝްރޫއުތަކާ ގުޅޭ ހާއްސަ ހަފުލާތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
