ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމުގައި ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް އެކުލަވައިލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށް މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް، އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ 6 ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް ހުޅުވުމަށް މިއަދު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސިމްޕޯޒިއަމްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، މިއީ ކަނޑުގެ ދިރާސާތައް ކުރާ ފަރާތްތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތައް ގުޅުވައިދޭ މުހިންމު މަންސައެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި، ދާދިފަހުން ވާވު އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި ދުނިޔެ ދޫކުރި މެރިން ރިސާޗަރުންގެ ހަނދާން އައުކުރައްވައި، އެ ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ދިރުންތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެހެންކަމުން، ފަރުތަކުގެ ދިރުން ދަމަހައްޓައި، އާ އީޖާދީ ހައްލުތައް ހޯދުމަށް ސައިންޓިފިކް ދިރާސާތައް ކުރިއަށްވުރެ ބޮޑަށް މުހިންމުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުން ލިބޭ މަންފާ މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދެވޭނީ އިލްމީ ހެކިތަކުގެ މައްޗަށް ބިނާކޮށް ކަންކަން ނިންމައިގެންނެވެ. އަދި ރާއްޖޭގެ ދިރާސާކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، ބޭރުގެ މާހިރުންނާ ގުޅިގެން މަސައްކަތްކުރާއިރު ދިވެހި ޒުވާން ސައިންސްވެރިން ބިނާކުރުމަށް އިސްކަންދޭންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
މި އަހަރުގެ ސިމްޕޯޒިއަމްގައި ގިނަ އަދަދެއްގެ ދިވެހި ސައިންސްވެރިންނާއި، އަންހެނުން އަދި ޒުވާނުން ބައިވެރިވާތީ އެކަމާ އުފާކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ކަނޑުގެ ދިރާސާތައް ކުރާ ހުރިހާ ފަރާތްތަކުން ވެސް ގައުމީ ގަވާއިދުތަކަށް އިހުތިރާމްކޮށް، އެ ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.
