އޫރީދޫ މޯލްޑިވްސްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ފައިދާހުރި މުހިންމު ދެ ހިދުމަތެއް އެކުންފުނިން މިއަދު ތައާރަފުކޮށްފިއެވެ. މީގެ ތެރޭގައި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ޓްރޫކޯލާ ޕްރީމިއަމް ހިދުމަތާއި، އާއިލާތަކަށް އަމާޒުކޮށްގެން ތައާރަފުކުރި "ޗައިލްޑްސޭފް" ސާވިސް ހިމެނެއެވެ.

އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ހާއްސަ އެއް ކަމަކީ އޫރީދޫ ހޮޅުއަށި މެދުވެރިކޮށް ސީދާ ޓްރޫކޯލާ ޕްރީމިއަމް ހިދުމަތް ތައާރަފުކުރުމެވެ. މި ހިދުމަތުގެ ދަށުން، އިތުރު ފައިސާ ދައްކާ ވަސީލަތެއް ނުވަތަ ބޭރުގެ ކާޑެއް ބޭނުންކުރުމުގެ ބަދަލުގައި، އޫރީދޫ އެކައުންޓަށް ބިލްކުރެވޭ ގޮތަށް ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާއެކު ޓްރޫކޯލާ ޕްރީމިއަމް ސަބްސްކްރައިބް ކުރެވޭނެއެވެ.

މިދުވަސްވަރަކީ އޮޅުވާލައިގެން ކުރާ ފޯން ކޯލްތަކާއި ސްޕޭމް ކޯލްތައް ރާއްޖޭގައި އިތުރުވަމުންދާ ދުވަސްވަރަކަށް ވުމާއެކު، ޓްރޫކޯލާ ޕްރީމިއަމްއިން ކަސްޓަމަރުންނަށް ބޮޑު ރައްކާތެރިކަމެއް ފޯރުކޮށްދޭނެއެވެ. މީގެ ތެރޭގައި އެޑްވާންސްޑް ސްޕޭމް އަދި ސްކޭމް ރައްކާތެރިކަމުގެ އިތުރުން، ޕްރޮފައިލް ބެލި މީހުންގެ މައުލޫމާތު ބެލުމާއި، އިންކޮގްނިޓޯ މޯޑު، ކޮންޓެކްޓް ރިކުއެސްޓް ފޮނުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން އެއްވެސް އިޝްތިހާރެއް ނުފެންނަ ގޮތް ހެދުމާއި ޕްރީމިއަމް ވެރިފިކޭޝަން ބެޖު ވެސް ކަސްޓަމަރުންނަށް ލިބޭނެއެވެ.

މީގެ އިތުރުން، އާއިލާތަކަށް ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި، އޫރީދޫއިން ވަނީ ޝަރުތުހަމަވާ 5ޖީ އެއާފައިބާ ކަސްޓަމަރުންނަށް "ޗައިލްޑްސޭފް" ޕޭރެންޓަލް ކޮންޓްރޯލް ހިދުމަތް ވެސް ތައާރަފުކޮށްފައެވެ.

މި ހިދުމަތުގެ ސަބަބުން ކުޑަކުދިން އިންޓަނެޓް ބޭނުންކުރާ މިންވަރު ކޮންޓްރޯލްކޮށް، އެކުދިންނަށް ނުރައްކާތެރި ވެބްސައިޓްތަކާއި ކޮންޓެންޓްތަކުން ދުރުހެލިކޮށް، ރައްކާތެރި އޮންލައިން މާހައުލެއް ގާއިމުކޮށްދެވޭނެއެވެ. މި ހިދުމަތުގެ ސަބަބުން ގޭގޭގައި ބޭނުންކުރާ ބްރޯޑްބޭންޑް ވަސީލަތްތަކުގައިވާ 'ޕޭރެންޓަލް ކޮންޓްރޯލް' ފީޗަރުތައް އެންމެ ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތު ބެލެނިވެރިންނަށް ލިބިގެންދާނެއެވެ.

އޫރީދޫއިން ހާމަކޮށްފައިވާ ގޮތުގައި، އެކުންފުނީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އޯގަސްޓު މަހުގެ ނިޔަލަށް "ޗައިލްޑްސޭފް" ހިދުމަތް ކަސްޓަމަރުންނަށް މުޅިން ހިލޭ ލިބޭނެއެވެ. މިއީ ދިވެހި މުޖުތަމައުގެ ރައްކާތެރިކަމާއި ޑިޖިޓަލް ކުރިއެރުމަށް އޫރީދޫއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.