ސަރުކާރުގެ އަމަލުތަކާމެދު ރައްޔިތުން ނުރުހުންވެފައިވާ ކަމަށާއި، ސަރުކާރު ހަމަމަގަށް އެޅުވުމަށް އެމްޑީޕީން ރައްޔިތުންނާއެކު މަގުމައްޗަށް ނުކުންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ސަރުކާރު ހަމަމަގަށް ގެެނެސް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނުގެ އަރިހުން އެދެމުންދާ ކަމަށެވެ. އަދި އެކަމަށް އެމްޑީޕީ އާއި އެމަނިކުފާނު ފުރިހަމައަށް ތައްޔާރަށް ތިއްބެވި ކަމަށާއި، އެކަމަށް ބޭނުންވާ ރޭވުންތައް މިހާރުވެސް ރޭވެމުންދާ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ވަކި ތަސައްވުރެއް ނެތި އެއްވެސް ވެރިއަކަށް ނުވަތަ ސަރުކާރަކަށް ރައްޔިތުންގެ ހިތެއް ނުހޯދޭނެއެވެ. އަދި ރައްޔިތުންގެ އިތުބާރު އެމްޑީޕީއަށް އޮތީ ހަމައެކަނި ޕާޓީ ދެކެ ވާ ލޯބިން ނޫން ކަމަށާއި، އެއީ އެ ޕާޓީގެ ސަރީހަ ތަސައްވުރާއި ވިސްނުން ހަގީގަތަކަށް ހެދުމަށް ކުރާ މަސައްކަތުގެ ސަބަބުން ލިބިފައިވާ އިތުބާރެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ގައުމުގެ ކަންކަން މިހާރު ދާގޮތުން ރައްޔިތުންނަށް ކެތްނުވާ ހިސާބަށް ދިއުމުން ރައްޔިތުން ނުކުމެ ބަސްބުނާނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ހައްގުތަކުގެ ދިފާއުގައި ނުކުންނަ ކޮންމެ ވަގުތަކުވެސް އެމްޑީޕީ އާއި އެމަނިކުފާނު ސާބިތުކަމާއެކު ރައްޔިތުންނާއެކު ތިއްބަވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
