މާލޭގެ އުސް އިމާރާތްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެން ލިބުމުގައި ދިމާވާ ޕްރެޝަރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން ރަސްމީކޮށް މަސައްކަތް ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަދު ބޭއްވި ރަސްމީ އާންމު ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު މީކާއީލް މުހައްމަދު ރިޔާޒެވެ. މި ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ އުސް އިމާރާތްތަކުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް ދިމާވަމުންދާ ފެނުގެ ދަތިކަމަށް ނިމުމެއް ގެނައުމެވެ.

ޑެޕިއުޓީ މޭޔަރު މީކާއީލް ފާހަގަކުރެއްވި ގޮތުގައި، ހަފްތާ ބަންދު ދުވަސްތަކާއި، ފެން ބޭނުންކުރާ މިންވަރު އިތުރުވާ "ޕީކް" ގަޑިތަކުގައި އުސް އިމާރާތްތަކަށް ފެން ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ. އަދި ބައެއް ގެތަކަށް އެއްގޮތަކަށްވެސް ފެން ނުލިބޭ ކަމުގެ ޝަކުވާ ތަކުރާރުކޮށް ކައުންސިލަށް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި ރައްޔިތުން އުފުލަންޖެހޭ މާލީ ބުރައާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އެމްޑަބްލިއުއެސްސީ އަށް ފެނުގެ ޓެރިފް ރޭޓުން އެއްވަރަކަށް ފައިސާ ދައްކާއިރު، އުސް ފްލޯތަކަށް ފެން އެރުވުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް 80,000 އަށް ވުރެ ގިނަ ރުފިޔާ ރައްޔިތުން އަމިއްލައަށް ހޭދަކުރަން ޖެހުމަކީ ބޮޑު ބުރައެއް ކަމަށެވެ. މިއީ މެދުފަންތީގެ އާއިލާތަކަށް އުފުލޭ ވަރަށްވުރެ ބޮޑު ތަކުލީފެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަކީ ކައުންސިލްގެ ޒިންމާއެއްކަން ފާހަގަކުރައްވައި، ޑެޕިއުޓީ މޭޔަރު ވަނީ މިކަމާ ގުޅޭގޮތުން އެމްޑަބްލިއުއެސްސީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ ބައްދަލުކުރުމަށް ހުށަހަޅުއްވާފައެވެ. މީގެ އިތުރުން، ސޭފްޓީ މިންގަނޑުތަކަށް ފެތޭ، އަގުހެޔޮ ތިންވަނަ ފަރާތްތަކުގެ ޕަމްޕުތައް ބޭނުންކުރުމުގެ ހުއްދަ ރައްޔިތުންނަށް ދިނުމަށް ބާރުއެޅުމަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.

މި ހުށަހެޅުމަށް މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާން ތާއީދުކުރައްވާފައިވާއިރު، މޭޔަރ އާދަމް ޢާޒިމް ވެސް ވަނީ މިއީ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަން ގަބޫލުކުރައްވާފައެވެ. މޭޔަރު ވަނީ މިކަމަށް އަވަސް ހައްލެއް ހޯދުމަށް ކައުންސިލުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.