ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ސައްހަ ނޫން ލިޔެކިޔުންތަކެއް އުފައްދައިގެން، ދައުލަތުގެ އެކި އިދާރާތަކާއި ކުންފުންޏަކުން ޖުމުލަ 410 މިލިއަން ރުފިޔާ ހޯދަން މަސައްކަތް ކުރަމުންދާ މައްސަލައެއް ފެންމަތިވެ، އެކަމުގެ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންގައިފިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން މިއަދު ނެރުނު ހާއްސަ އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ކުންފުނިން 2006 އާއި 2010 އާ ދެމެދު މުދަލާއި ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ބުނެ، ފައިސާ ހޯދުމަށް 2020 ވަނަ އަހަރުން ފެށިގެން 6 މައްސަލައެއް ދައުލަތާ ދެކޮޅަށް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ މުދަލުގެ އަގާއި، ފައިސާ ނުދައްކައިގެން އަރާފައިވާ ކަމަށް ބުނާ ބޮޑެތި ޖޫރިމަނާތަކެވެ.
ފައިސާ ހޯދަން ހުށަހަޅާފައިވާ މައިގަނޑު މައްސަލަތައް:
- މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް: 2007 އާއި 2009 އާ ދެމެދު ސަޕްލައިކޮށްދިން ކަމަށް ބުނާ 3,627 ބޯފެން ރައްކާކުރާ ކަޅުހަމުގެ އަގާއި ޖޫރިމަނާ ހޯދުން.
- ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސް (ޑީއެމްއެސް): 2008 ވަނަ އަހަރު ސަޕްލައިކޮށްދިން ކަމަށް ބުނާ 900 ކަޅުހަމުގެ އަގަށްވާ 25.33 މިލިއަން ރުފިޔާ ހޯދުން.
- ޑީއެމްއެސް (މެޑިކަލް އިކުއިޕްމަންޓް): 2006 ވަނަ އަހަރު ފޯރުކޮށްދިން ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓަށް 83.94 މިލިއަން ރުފިޔާ ހޯދުން.
- ޑީއެމްއެސް (މެޑިކަލް އިކުއިޕްމަންޓް): 2008 ވަނަ އަހަރު ފޯރުކޮށްދިން ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓަށް 79.40 މިލިއަން ރުފިޔާ ހޯދުން. އޮޑިޓް އޮފީހުން ބުނި ގޮތުގައި މިއީ ލިޔުންތައް އުފައްދައިގެން އޮޅުވާލައިގެން ހޯދަން އުޅޭ ފައިސާއެވެ.
- މާލޭ މުނިސިޕަލްޓީ: 2006 އިން 2010 އަށް ފޯރުކޮށްދިން ކަމަށް ބުނާ އެކި މުދަލާއި ހިދުމަތަށް 168.81 މިލިއަން ރުފިޔާ ހޯދުން.
- އެމް.އޭ.ސީ.އެލް: 2008 ވަނަ އަހަރު ފޯރުކޮށްދިން ފަޔަރޓްރަކަކަށް 20.92 މިލިއަން ރުފިޔާ ހޯދުން. ނަމަވެސް މި ފައިސާއަކީ ކުރިން ދައްކާފައިވާ ފައިސާއެއްކަން ސިވިލް ކޯޓުގެ ހުކުމަކުން ވަނީ ސާބިތުވެފައެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސެންޓަ އެންޓަޕްރައިސަސް އިން ހުށަހަޅާފައިވާ ގިނަ ލިޔެކިޔުންތަކަކީ ސައްހަ ނޫން ލިޔެކިޔުންތަކެއް ކަމަށް ބެލެވެއެވެ. އަދި ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދީފައި ނުވާ މުދަލުގެ އަގު ހޯދުމަށާއި، ކުރިން ފައިސާ ދައްކާފައިވާ މުދަލަށް އަލުން ފައިސާ ހޯދުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށް އޮޑިޓް އޮފީހުން ތުހުމަތު ކުރެއެވެ.
މި މައްސަލައިގެ ސީރިއަސް ކަމަށް ރިއާޔަތްކޮށް، އެ ކުންފުނިން ހުށަހެޅި ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސްއެއް ހެދުމަށާއި، މި ޖަރީމާގައި ޝާމިލުވާ ހުރިހާ ފަރާތްތަކަކަށް ފިޔަވަޅު އެޅުމަށްޓަކައި ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގުމަށް އޮޑިޓާ ޖެނެރަލް ވަނީ ކަމާބެހޭ އިދާރާތަކަށް އަންގާފައެވެ.
