ވ. ރަކީދޫ ކައުންސިލްގެ އިދާރާއިން ގަވާއިދުތަކާ ހިލާފަށް ގިނަ ކަންތައްތަކެއް ހިންގާފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވި 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ރަކީދޫ ކައުންސިލުން 2024 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު ތައްޔާރުކޮށް އޮޑިޓަށް ހުށަހަޅާފައި ނުވެއެވެ.

މީގެ އިތުރުން ކައުންސިލަށް ލިބުނު ފައިސާއާއި ކުރި ހަރަދުތައް ވިޔަ މޮޑިއުލްގައި ރަނގަޅަށް ރެކޯޑުކޮށްފައި ނުވާއިރު، ޕޭމަންޓް ވައުޗަރު ތައްޔާރުނުކޮށް 548,554 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

ހަމަ އެހެންމެ ކައުންސިލްގެ ތިޖޫރީއާއި ފައިސާ ބެލެހެއްޓުމުގައިވެސް ބޮޑެތި އިހުމާލުތަކެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ތިޖޫރީން ނަގާ ފައިސާ ދިގު މުއްދަތަކަށް ބޭންކަށް ޖަމާނުކޮށް ބަހައްޓާފައިވާ ކަމަށާއި، ކައުންސިލަށް ލިބުނު ފައިސާގެ ތެރެއިން ބޭންކަށް ޖަމާނުކޮށް ހުރި 160,265 ރުފިޔާގެ ތެރެއިން ބައެއް ފައިސާ މުވައްޒަފުންގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. ތިޖޫރީގެ ހިސާބުތަކާއި ފޮތްތައް ގަވާއިދުން ބަލަހައްޓަމުން ގޮސްފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އަދި މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ކައުންސިލްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުރި މުވައްޒަފަށް އިތުރު މަސައްކަތެއް ހަވާލުކުރިކަން އެނގެން ނެތި "މިސްކިތު ވޭޖް" ގެ ގޮތުގައި މަހަކު 9,900 ރުފިޔާގެ މަގުން ޖުމްލަ 337,600 ރުފިޔާ ޖަމާކޮށްފައިވުން ހިމެނެއެވެ. އަދި އޮފީހަށް އެކި ފަރާތްތަކުން ދައްކަންޖެހޭ 79,771 ރުފިޔާ މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ އޮފީހަށް ދެއްކިކަން ސާބިތުވާން ނެތް މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

މި މައްސަލައިގައި އޮޑިޓު އޮފީހުން ވަނީ ވަގުތީ އެސްޖީގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ފައިސާއަށް ވީގޮތެއް ބަލައި ކަށަވަރުކުރުމަށް ފަހު، އެ ފައިސާ އަނބުރާ ހޯދުމަށް ލަފާދީފައެވެ. އަދި، ނުގަވައިދުން އިތުރު މުސާރައެއް ނެގި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިގެން ތަހުގީގުކުރުމަށާއި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަށް ވަނީ ލަފާދީފައެވެ.

މީގެ އިތުރުން މުވައްޒަފުންގެ މުސާރައިން ޕެންޝަނަށް ކަނޑަންޖެހޭ 7 އިންސައްތަ ކެނޑުމަށްފަހު، ޕެންޝަން އޮފީހަށް ޖަމާނުކޮށް ހުރި 149,410 ރުފިޔާގެ މައްސަލައާއި، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މުދަލުގެ ރަޖިސްޓްރީ ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނުވާ މައްސަލަވެސް އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ މި ކަންކަން އިސްލާހުކުރުމަށް ކައުންސިލަށް އަންގަވާފައެވެ. އަދި މާލީ މުޢާމަލާތްތަކާ ގުޅޭ ލިޔެކިއުންތަކާއި ހިސާބުތައް ބެލެހެއްޓުމުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށްވެސް ވަނީ ލަފާދީފައެވ