މާލޭގެ ކުދީނާ ގޯޅީގައި ހިންގަމުން އައި "ފުޑް ބިސްޓްރޯ" އިން ބޭރުވާ ދުމާއި ވަހުގެ މައްސަލަ ހައްލުނުކުރުމުގެ ސަބަބުން، އެތަން ބަންދުކުރަން މާލެ ސިޓީ ކައުންސިލުން ދިޔުމުން އެތަނުގައި ތިބި ބިދޭސީން ދުވެ ފިލައިފިއެވެ.

ސިޓީ ކައުންސިލުން އެތަން ބަންދުކުރަން ނިންމީ، އެ ކެފޭގެ ދުންހޮޅިން ބޭރުވާއި، ދުމާއި ވަހުގެ ސަބަބުން ކައިރީގައި ހުރި ޒިކުރާ މިސްކިތަށް ނަމާދަށްދާ މީހުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާތީއެވެ. ހާއްސަކޮށް، އިއްޔެގެ ހުކުރު ނަމާދު ގަޑީގައި އެތަނުން ކައްކަމުން ދިޔަ އެއްޗެހީގެ ވަހުގެ ސަބަބުން މިސްކިތުގައި ތިބި މީހުންނަށް ނަމާދުކުރުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

https://www.facebook.com/share/p/1Dy5gBAbUj/

މާލެ ސިޓީ ކައުންސިލުން ބުނީ، މި މައްސަލަ ރަނގަޅު ކުރުމަށް ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް އެތަނުން ކޮށްފައި ނުވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އިތުރަށް މާލެ ސިޓީ ކައުންސިލުން ބުނީ މި ޝަކުވާތަކާ ގުޅިގެން، ހުކުރު ނަމާދަށް ފަހު ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން އެތަނަށް ގޮސް، ދުންހޮޅީގެ މައްސަލަ ހައްލުކުރެވެންދެން ހިދުމަތް ދިނުން ހުއްޓުވައި ތަން ބަންދުކޮށްފައިވާ ކަމަށެވެ.

ކައުންސިލްގެ މުވައްޒަފުން އެތަނަށް ވަނުމާއެކު، އެތަނުގައި ކައްކަން ތިބި ބިދޭސީންނާ، ހިދުމަތް ހޯދަން އައިސް ތިބި ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު އެ ސަރަހައްދުން ދުވެ ފިލާފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.