އެއްވެސް އުޒުރެއް ނެތި ދަރިވަރުން ސްކޫލަށް ނުދާނަމަ ހަރުކަށި ފިޔަވަޅު އެޅުމަށް ހުރިހާ ސްކޫލްތަކަކަށް އަންގާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ޝަފީއު ހާމަކުރެއްވި ގޮތުގައި، މި ދުވަސްވަރު ދުވާލެއްގެ މައްޗަށް 8،000 އެއްހާ ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ކަމަށެވެ. މީގެ ތެރެއިން އެންމެ ގިނައީ މާލެ ސަރަހައްދުގެ ސްކޫލްތަކަށް ނިސްބަތްވާ ކުދިންކަމުގައިވާއިރު ސްކޫލަށް ހާޒިރުނުވާ ކުދިންގެ 40 އިންސައްތައަކީ މާލެ ސަރަހައްދުގެ ދަރިވަރުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ހާޒިރީ ރަނގަޅަށް ބެލެހެއްޓުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ރައީސް ޔާމީންގެ ޕީޕީއެމް ސަރުކާރުގައި ނަމަވެސް އޭގެ ފަހުން އައި އެމްޑީޕީ ސަރުކާރުން އެކަން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެޓެންޑެންސް ޕޮލިސީއެއް އޮންނައިރު، ދަރިވަރުންގެ އެޓެންޑެންސް ސްކޫލްތަކުން މިނިސްޓްރީއާ ހިއްސާކުރަން ޖެހޭ ގޮތަށް އޮތް ނަމަވެސް ގަވައިދުން އެކަން ނުކުރާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިދިޔަ ޖޫން 21 އިން ފެށިގެން އައު ޑިޖިޓަލް ސިސްޓަމެއް މެދުވެރިކޮށް ކޮންމެ ދުވަހެއްގެ އެޓެންޑެންސް ބަލަން ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ކޮންމެ ސްކޫލަކުންވެސް ކޮންމެ ދުވަހެއްގެ ހާޒިރީ ރިޕޯޓް އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވަން މަޖުބޫރުއިރުކޮށްފައިވާއިރު ކުދިން ސްކޫލަށް ނުދާ ސަބަބު ބަލައި ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން އެކަން ހައްލުކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.