މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ އެންމެ ވަރުގަދަ މެޗު މިރޭ ކުޅޭނެއެވެ. މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރު ކުޅޭ މިމެޗުގައި ވާދަކުރާނީ ސްޕެއިން އަދި ޕޯޗުގަލްއެވެ.

ގަދަ 16 އަށް ސްޕެއިން އައި މުބާރާތުގެ ދެވަނަ ބުރުގައި ފަސޭހަ ކަމާއެކު އޮސްޓްރިއާ 3-0 އިން ބަލިކޮށްގެންނެވެ. މުބާރާތުގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުގައި ކާބޯ ވާޑޭ އަތުން 0-0 އިން އެއްވަރުވި ނަމަވެސް ދެން ކުޅުނު އަނެއް ތިން މެޗުން ވަނީ މޮޅުވެފައެވެ. އަދި ސްޕެއިން އަކީ މުބާރާތުގައި ބާކީ އޮތް ޓީމުތަކުގެ ތެރެއިން ބައިކޮޅަށް ގޯލެއް ނުވަންނަ ހަމައެކަނި ޓީމު ވެސް މެއެވެ.

ސްޕެއިންގެ ފުރަތަމަ މެޗުގައި ޔަމާލް ކުޅެން އެރީ ފަހު ހާފްގައި/ފޮޓޯ: އެކްސް

ޕޯޗުގަލް ގަދަ 16 އަށް އައި ދެވަނަ ބުރުގައި ފަހަތުން އަރާ 2-1 އިން ކްރޮއޭޝިޔާ ބަލިކޮށްގެންނެވެ. މިމުބާރާތުގައި ހަތަރު މެޗު ކުޅެފައިވާ ޕޯޗުގަލް ދެ މެޗުން މޮޅުވި އިރު އަނެއް ދެ މެޗުން ވީ އެއްވަރެވެ.

މިރޭގެ މެޗުން މޮޅުވާ ޓީމެއް ކުޅެނީ އެމެރިކާއާ ބެލްޖިއަމް ވާދަކޮށް މޮޅުވާ ޓިމަކާއެވެ.

މުބާރާތުގައި ބާކީ އޮތް ހަމައެކަނި ހޯސްޓް އެމެރިކާއާ ބެލްޖިއަމްގެ މެޗު ފަތިހު 5 ޖަހާ އިރު

މިރޭ ފަތިހު އެމެރިކާއިން ބެލްޖިއަމްއާ ދެކޮޅަށް ނިކުންނަ އިރު ދެވަނަ ބުރުގައި އެމެރިކާއިން ބޮސްނިއާ ބަލިކުރި މެޗުގައި އެމެރިކާގެ ފޯވަޑް ފްލޯރިއަން ބަލުގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަން ފީފާއިން ފަސްކުރުމުން މެޗަށް ވަނީ އަނދިިރި އެޅިފައެވެ. ފީފާއިން މިނިންމުން ނިންމީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މައްސަލަ ބަލަން ފީފާގައި އެދުމުުން ކަން މިހާރު ހާމަވެފައިވާ އިރު ބެލްޖިއަމްއިން ވަނީ މިކަމުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބެލްޖިއަމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

އެހެން ނަމަވެސް، ބެލްޖިއަމްއިން މަސައްކަތް ކުރާނީ އެކަމުގެ ހިޔަނިން ދުރުވެ މުބާރާތުގައި ބާކީ އޮތް ހަމައެކަނި ހޯސްޓް ގައުމު ކަޓުވާލާ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކުރާށެވެ. ދެވަނަ ބުރުގައި 2-3 އިން ސެނެގާލް ބަލިކޮށް މިހާ ހިސާބަށް އައި ބެލްޖިއަމް އަށް މުހިއްމު ވާނީ އަނެއްކާވެސް ކާމިޔާބު ނަތީޖާއެއް ނެރުމެވެ.