ހުޅުމާލޭގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގައި އާންމުންނަށް ދޫކޮށްފައިވާ ގޯތިތަކުގައި އަމިއްލަ ފަރާތްތަކުން އިންވެސްޓްކޮށްގެން އެކި ކަހަލަ ހިދުމަތްތައް ގާއިމުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަޝްރޫއު ނިންމައި އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލޭގެ ދެވަނަ އަދި ތިންވަނަ ފިޔަވަހިން މާލޭގެ ރައްޔިތުންނަށް ދެހާހަށްވުރެ ގިނަ ގޯތި ދޫކޮށްފައިވެއެވެ. މިހާރު އެ ބިންތަކަކީ ހަމައެކަނި ދިރިއުޅުމަށް ބޭނުންކުރެވޭ ގޮތަށް ކަނޑައެޅިފައިވާ ބިންތަކެއް ނަމަވެސް، މާލެއެކޭ އެއްގޮތަށް އެ ތަންތަނުގައިވެސް ޕްރައިވެޓް ސެކްޓަރުން އިންވެސްޓުކޮށްގެން ޚިދުމަތްތައް ދެވޭނެ މަގު ފަހިކޮށްދިނުން މުހިންމެވެ.

މި ބަދަލުގެ ސަބަބުން ބިން ލިބިފައިވާ އާންމު ރައްޔިތުންނަށް ބޮޑެތި މާލީ ފައިދާތަކެއް ލިބުމުގެ އިތުރުން، ހުޅުމާލޭގެ އިގްތިސާދު އިތުރަށް ތަނަވަސްވެ، އާ ވަޒީފާތަކާއި ވިޔަފާރީގެ ފުރުސަތުތައް އުފެދިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހަކަމާއި ލުއިކަން ލިބޭނެ ގޮތަކަށް ބިންތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދީ، އެ ފަރާތްތަކުގެ ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.