މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމު ކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ގެ ރަސްމީ ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ޖުލައި 2 އިން 4 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތް ކޮންމެ ދުވަހެއްގެ ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް އާންމުންނަށް ހުޅުވާލެވިފައި ހުންނާނެއެވެ. މިއީ މާލީ ދާއިރާގެ މުހިންމު ފަރާތްތައް އެއްތަނަކުން ބައްދަލުވެ، މާލީ ހޭލުންތެރިކަމާއި، އީޖާދީ ކަންކަމުގެ އިތުރުން މާލީ ކަންކަމުގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމުގެ މަގްސަދުގައި ބާއްވާ ހަރަކާތެކެވެ.

މި އެކްސްޕޯގައި އުރީދޫ ފިންޓެކްގެ ފަރާތުން އެ ކުންފުނީގެ ފުޅާވަމުންދާ ޑިޖިޓަލް މާލީ ނިޒާމު ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ހިދުމަތަކީ ދާދިފަހުން ތަޢާރަފުކުރި އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ޚިދުމަތެވެ. މި އީޖާދީ ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރުގެ ފައިސާ، ސީދާ އެމް-ފައިސާ ވޮލެޓަށް ލިބުމުގެ މަގު ފަހިވެގެންދާނެއެވެ.

މި ހިދުމަތަކީ ރާއްޖޭގެ ފްރީލާންސަރުންނާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދުނިޔޭގެ ޑިޖިޓަލް އިޤްޞާދުގައި ބައިވެރިވުމަށް ލިބިގެންދާނެ ރަނގަޅު ފުރުޞަތެކެވެ.

މީގެ އިތުރުން، އެކްސްޕޯގެ ތެރެއިން ބާއްވާ ޕެނަލް މަޝްވަރާއެއްގައި އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ފިންޓެކް އަޙްމަދު ނޫމާން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި މަޝްވަރާގައި ޑިޖިޓަލް ޕޭމަންޓްތަކާއި މާލީ އީޖާދުތަކުގެ މުސްތަޤްބަލާ ބެހޭގޮތުންނާއި، ޑިޖިޓަލް މާލީ ޚިދުމަތްތަކުގެ ސަބަބުން މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުވާ ގޮތުގެ މައްޗަށް އޭނާގެ ތަޖުރިބާ ޙިއްޞާކުރައްވާނެއެވެ.

އުރީދޫ މޯލްޑިވްސްއިން ވަނީ އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި އެ ކުންފުނީގެ ސްޓޯލަށް ޒިޔާރަތްކޮށް، އެމް-ފައިސާއާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް އާންމުންނަށް ދައުވަތު އަރުވާފައެވެ. މިއީ އުރީދޫގެ ޑިޖިޓަލް މާލީ ނިޒާމުގެ އެހީގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ކުރިއެރުން ލިބެމުންދާ ގޮތް ދެނެގަތުމަށް ލިބޭނެ މުހިންމު ފުރުޞަތެކެވެ.