ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދިއްގަރު ދާއިރާގެ ރައީސްކަމުގެ މަގާމުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަކިކުރީ އޭނާގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕާޓީގެ ދާއިރާތަކުގެ ރައީސުންގެ ތެރެއިން ނާޒިމް ވަކިކުރަން ނިންމެވީ އޭނާގެ އަމަލުތައް ހުރި ގޮތުން ކަމަށެވެ. ނަމަވެސް އެއީ ކޮން ކަހަލަ އަމަލުތަކެއް ކަމުގެ ތަފްސީލެއް މަޖިލީހުގެ ރައީސް ހާމައެއް ނުކުރައްވައެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ޕާޓީއަށް ގެއްލުމެއް ލިބޭ ފަދަ ކަންކަމުގައި މިފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ޕާޓީގެ ލީޑާޝިޕަށް ލިބިގެންވާ ކަމަށެވެ. އަދި ނާޒިމް ދިއްގަރު ދާއިރާގެ ރައީސް ކަމުން ވަކިކުރި ނަމަވެސް، އޭނާ ޕީއެންސީގެ މެންބަރުކަމުން ވަކިކޮށްފައި ނުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް، މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވާފައިވަނީ، އޭނާގެ މައްސަލައަކާ ގުޅިގެން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައި މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ. ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެން، މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް މިހާރު ވަނީ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އިންތިހާބުކޮށްފައެވެ.
މި ނިންމުމަކީ ސަރުކާރު ހިންގާ ޕާޓީގެ ތެރޭގައި ހުރި ބައެއް ކަންބޮޑުވުންތަކާ ގުޅިގެން އެޅި ފިޔަވަޅެއްގެ ގޮތުގައި ބެލެވޭއިރު، ޕީއެންސީން މިހާރު ވަނީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލާފައެވެ. އެގޮތުން ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން، އަންހެނުންގެ ހަރަކާތުގެ ރައީސާއި ޒުވާނުންގެ ހަރަކާތުގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ދިއްގަރު ދާއިރާގެ ރައީސް ކަމަށް އާ މެންބަރަކު އައްޔަނު ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ޕީއެންސީން ބުނެފައިވާއިރު، އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.
