ފ. ދަރަނބޫދޫ ފުޓްސަލް ދަނޑު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ހުޅުއްވާ ދެއްވައިފިއެވެ.

އެކަމަނާ އެ ދަނޑު ހުޅުއްވައި ދެއްވީ އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ފަސްޓް ލޭޑީގެ އަރިހުގައި ހެލްތު މިނިސްޓަރު ގީލާ އަލީ އާއި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އާއި ދަރަނބޫދޫ ކައުންސިލްގެ ރައީސް އަބްދުލް ހަމީދު އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ.

ދަރަނބޫދޫ ފުޓްސަލް ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅުނު ފުޓްސަލް މެޗުގައި ބައްދަލުކުރި ދެ ޓީމަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ސާޖިދާއެވެ.

އެކަމަނާ ވަނީ މި މެޗުގައި ބައްދަލުކުރި ފ. ނިލަންދޫ އާއި ދަރަނބޫދޫގެ އުމުރުން 12 އަހަރުން ދަށުގެ ދެ ޓީމުގެ މެދުގައި ކުޅުނު އެކުވެރިކަމުގެ ފުޓްސަލް މެޗު ބައްލަވާލައްވައި، ޓީމުތަކަށް ތަރުހީބު ދެއްވައިފައެވެ. މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ނިލަންދޫ ޓީމެވެ.

ސާޖިދާ ދަރަނބޫދު އަށް ވަޑައިގަތުމުން އެ ރަށުން އެކަމަނާއަށް ވަނީ ހޫނު މަރުހަބާއެއް ދެންނެވިއެވެ.