ރައްކާތެރި ކާބޯތަކެތި ބޭނުންކުރުމުގައި އެންމެންގެވެސް ދައުރެއް އޮންނަކަމަށާ، އެކަން ކަށަވަރުކުރުމަކީ އެންމެހާ ފަރާތްތަކެއްގެ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ސާޖިދާ ފާހަގަކުރެއްވި ގޮތުގައި، ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތައް ނައްތާލައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ނިޒާމަށާއި އާންމު ދިރިއުޅުމަށް އުފުލަންޖެހޭ ބުރަ ކުޑަކުރުމުގައި ރައްކާތެރި ކާނާ މުހިންމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން، މިއީ ހުރިހާ ފަރާތްތަކުންވެސް ގުޅިގެން ކުރަންޖެހޭ ކަމެއްކަން އެކަމަނާ ހަނދާންކޮށްދެއްވިއެވެ.
އެގޮތުން ކާބޯތަކެތި އުފައްދާ، އޭގެ ވިޔަފާރިކުރާ ފަރާތްތަކާ، ސިއްހީ ހިދުމަތްތެރިންގެ އިތުރުން އެތަކެތި ބޭނުންކުރާ މީހުންވެސް އެބޭނުންކުރާ ކާނާގެ ބާވަތްތަކަކީ ރައްކާތެރި ގޮތުގައި އުފައްދާ އަދި ތައްޔާރުކޮށް، ރައްކާކުރެވިފައި ހުންނަ ބާވަތްތަކެއްކަން ކަށަވަރުކުރުމަކީ މުހިންމުކަމެއްކަން ސާޖިދާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސާޖިދާ ވިދާޅުވީ، އާންމު ސިއްހަތު ރައްކާތެރިކޮށް، ދުޅަހެޔޮ މުސްތަގްބަލެއް ބނާކުރެވޭނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގުޅިގެން މަސައްކަތްކޮށް އެކަމަށް އެހީތެރިވެގެން ކަމުގައެވެ. ސާޖިދާ މުހައްމަދަކީ ކާބޯތަކެތީގެ ރައްކާތެރިަކަން ކަށަވަރުކުރުމާއި ގުޅޭ މަސައްކަތުގައި ސިއްހީ ދާއިރާގައި ގިނަ އަހަރު ހިދުމަތްކުރައްވާފައިވާ ފުޑް ސައިންޓިސްޓެކެވެ.
