މިއަދުގެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާގައި، މުޖުތަމައުގެ އިޖުތިމާއީ އަދި އަހުލާގީ ފޭރާން ރަނގަޅުކުރުމަށްޓަކައި ކޮންމެ ފަރުދަކުވެސް އެމީހެއްގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ބާރުއަޅައި ގޮވާލައިފިއެވެ. މިއަދު އިއްވި ހުތުބާ ބިނާކޮށްފައިވަނީ "ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން" މި މައުލޫގެ މައްޗަށެވެ.
ހުތުބާގައި ފާހަގަކުރި ގޮތުގައި، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމަކީ އިސްލާމް ދީނުގެ މައިގަނޑު އެއް ސިފައެވެ. ނުބައި ކަންކަމުން މުޖުތަމައު ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ އެންމެންގެ ބޮލުގައި އެޅިފައިވާ ދީނީ އަދި އިޖުތިމާއީ މަސްއޫލިއްޔަތެއްކަން ހަނދާންކޮށްދެމުން، ދިވެހި މުޖުތަމައުގައި މިއަދު ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ހުތުބާގައި ފާހަގަކުރިއެވެ. ވަކިން ހާއްސަކޮށް، މާތް ﷲ ހުރުމަތްތެރިކުރައްވާފައިވާ މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ހާމަކުރިއެވެ. މިފަދަ ކަންކަން ރަނގަޅުކުރެވޭނީ ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމުގެ އިޖުތިމާއީ މަސްއޫލިއްޔަތު ދަމަހައްޓައިގެންކަމަށް ހުތުބާގައި ބަޔާންކުރިއެވެ.
ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމަކީ މާތް ﷲ ވެރިކަން ދެއްވައިފި ބައެއްގެ އެންމެ އިސް ވާޖިބެވެ. އެގޮތުން، މުންކަރާތެއް ފެނިއްޖެނަމަ އަތުން ނުވަތަ ދުލުން ނުވަތަ ހިތުން އެކަމެއް މަނާކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއްކަން ހަނދާންކޮށްދިނެވެ. އަދި ޝައިހުލްއިސްލާމް އިބްނު ތައިމިއްޔާގެ ބަސްފުޅަކާ ހަވާލާދީ، ނުބައި އަމަލުތަކަށް ރުހިގެން ހުންނަ މީހާގެ ހިތުގައި އީމާންކަމެއް ނުވާނެކަމަށްވެސް ހުތުބާގައި ބުންޏެވެ.
މުޖުތަމައުގައި ހިނގާ ނޭއްގާނީ އަމަލުތައް ހުއްޓުވުމުގެ މުހިންމުކަން ސާފުކޮށްދިނުމަށް، ހުތުބާގައި ވަނީ ނަވެއްގައި ދަތުރުކުރި ބައެއްގެ މިސާލު ގެނެސްދީފައެވެ. ނަވުގެ އަޑީގައި ތިބި މީހުން ފެން ހޯދުމަށް ނަވުގެ ފޫވައްޓާލަން އުޅުނު ހިނދު، މަތީގައި ތިބި މީހުން އެކަން ނުހުއްޓުވައިފިނަމަ އެންމެން ހަލާކުވެދާނެކަމުގެ މިސާލުން، މުޖުތަމައުގެ އެންމެންގެ ސަލާމަތް ގުޅިފައިވަނީ އެންމެންގެ އަމަލުތަކާކަން ފާހަގަކޮށްފައެވެ.
ހުތުބާ ނިންމާލަމުން، ހަރުދަނާ އަހުލާގީ ޖީލެއް ބިނާކުރުމަށް އެންމެން އަތުގުޅާލުމަށް ވަނީ ގޮވާލާފައެވެ. މައިންބަފައިން ދަރިންނަށް ހެޔޮ ތަރުބިޔަތު ދިނުމަށާއި، މުދައްރިސުންނާއި، ދީނީ ޢިލްމުވެރިންނާއި، ދައުލަތުގެ މަސްއޫލުވެރިން އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށްވެސް ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.
