ބައިނަލްއަގްވާމީ ފެންވަރުގައި ބާއްވާ "ދަ ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސް 2026" (ވައިއެމްއެސްއޭ) މުބާރާތުން ދިވެހި ދަރިވަރުން ހޯދި އާދަޔާހިލާފު ކާމިޔާބީއަކީ ރާއްޖޭގައި ހިސާބު އިލްމު އުނގަންނައިދިނުމުގެ ކަންކަން އިތުރަށް ރަނގަޅުކުރުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް މިނިސްޓާ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މެތްސް ތްރޫ ސްޓޯރީޒް އިން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގެ ތިން އުމުރުފުރާ ކަމަށްވާ 4-7 އަހަރު، 8-11 އަހަރު، އަދި 12-16 އަހަރުގެ ބައިންވެސް އެއްވަނަ ހޯދާފައިވަނީ ދިވެހި ދަރިވަރުންނެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި އެއް ޤައުމަކުން ހުރިހާ އުމުރުފުރާއަކުން އެއްވަނަ ހާސިލުކުރި ފުރަތަމަ ފަހަރެވެ.

މި ކާމިޔާބީއާ ގުޅިގެން މިނިސްޓަރު ޝަފީއު ވިދާޅުވީ، ދަރިވަރުން ދެއްކި އާދަޔާހިލާފު އުފެއްދުންތެރިކަމަށްޓަކައި މަރުހަބާ ދަންނަވާ ކަމަށެވެ.

"މިއީ ހިސާބު އިލްމު އުނގަންނައިދިނުމުގެ ކަންކަން ރަނގަޅު ކުރުމަށް ލިބުނު އިތުރު ހިތްވަރެކެވެ. ކާމިޔާބީ ހޯދި ލޮބުވެތި ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި، އަދި ދަރިވަރުން އައު އުސްމިންތަކަކަށް ގެންގޮސްދިން މުދައްރިސުންނަށް ހިތުގެ އެންމެ ފުންމިނުން މަރުޙަބާ ކިޔަމެވެ،"
މިނިސްޓަރު ޝަފީއު

މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އާއި ސްކޫލްތަކުން ކުރެއްވި ލާމަސީލު މަސައްކަތަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ދުނިޔޭގެ 34 ޤައުމަކުން ދަރިވަރުން ބައިވެރިވި މި މުބާރާތުގައި ރާއްޖެއިން 650 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. މިއީ ބައިވެރިވި ގައުމުތަކުގެ ނިސްބަތުން އެންމެ ގިނަ ދަރިވަރުން ބައިވެރިވި އެއް ޤައުމެވެ. މި ކާމިޔާބީގެ ބިންގަލަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން މުދައްރިސުން ތަމްރީނުކުރުމަށް ހިންގި ޕްރޮގްރާމްތައް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

ވައިއެމްއެސްއޭ މުބާރާތަކީ 4 އަހަރާއި 16 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަމިއްލަ އުފެއްދުންތެރި ވާހަކަ ފޮތްތަކުގެ ޒަރީއާއިން ހިސާބުގެ ތަސައްވުރުތައް ދައްކުވައިދިނުމަށް 2019 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ބައިނަލްއަގުވާމީ މުބާރާތެކެވެ. މި މުބާރާތުގެ ބާނީ ޑރ. ނަތަޕޮޖް ވިންސެންޓް ޓްރަކުލްފަޑެޓްކްރައި ވެސް ވަނީ ދިވެހި މުދައްރިސުން ތަމްރީނުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

މި ތާރީހީ ކާމިޔާބީން ހާމަކޮށްދެނީ މުއައްސަސާތަކުގެ އެއްބާރުލުން ލިބިއްޖެނަމަ ދިވެހި ދަރިވަރުންނަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރިއަރައިދެވޭނެ ކަމާއި، ރާއްޖޭގެ ތައުލީމީ ފެންވަރު ހުރީ ދުނިޔޭގެ ފެންވަރާ ފައިހަމަކުރެވޭ މިންވަރެއްގައި ކަމެށް އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރެއެވެ.