ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ 'އެލްނީނޯ' ވަރަށް އަވަހަށް އަލުން އުފެދި، މޫސުމީ ކާރިސާތައް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭތީ، އެކަމަށް ދުނިޔެ ތައްޔާރުވުމަށް އދ. އިން އިންޒާރުދީފިއެވެ.

އދ. ގެ ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އިން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ގޮސް، މޫސުމީ ނުރައްކާތެރި ހާދިސާތަށް މެދުވެރިވާ މި ހާލަތު، ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ކުރިން އުފެދުމުގެ 80 އިންސައްތަ ފުރުސަތު އެބައޮތެވެ. މިއީ ވަރަށް ބާރުގަދަ އެލްނީނޯއަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ޑަބްލިއުއެމްއޯއިން ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވި ގޮތުގައި، މިއީ މޫސުމީ ގޮތުން ދުނިޔެއަށް ދެވޭ ވަރަށް އަވަސް އިންޒާރެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ދުނިޔެ ހޫނުވަމުންދާ ދަނޑިވަޅެއްގައި އެލްނީނޯގެ ސަބަބުން އެކަން އިތުރަށް ގޯސްވެގެންދާނެ ކަމަށެވެ.

ޑަބްލިއުއެމްއޯއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިންވެސް އާދަޔާ ހިލާފަށް މައްޗަށް ދާނެއެވެ. އަދި މޫސުމް ގޯސްވެ، ބޯކޮށް ވާރޭވެހުމާއި ހަނަފަސްކަން ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ވަނީ އިންޒާރުދީފައެވެ.

ކޮންމެ އެލްނީނޯއަކީވެސް ތަފާތު ހާލަތެއް ނަމަވެސް، ސައިންސްވެރިން އާންމުކޮށް ލަފާކުރާ ގޮތުގައި މީގެ ސަބަބުން ދެކުނު އެމެރިކާގެ ބައެއް ސަރަހައްދުތަކަށާއި، އެމެރިކާގެ ދެކުނުގެ ހިސާބުތަކަށާއި، އެފްރިކާގެ ބައެއް ގައުމުތަކުގެ އިތުރުން މެދުތެރޭ އޭޝިއާއަށް ބޯކޮށް ވާރޭވެހޭނެއެވެ. މީގެ އިތުރުން މެދުތެރޭ އެމެރިކާއާއި، ދެކުނު އެމެރިކާގެ އުތުރުގެ ސަރަހައްދުތަކާއި، ކެރީބިއަންއާއި، އޮސްޓްރޭލިއާއާއި، އިންޑޮނޭޝިއާ އަދި ދެކުނު އޭޝިއާގެ ބައެއް ސަރަހައްދުތަކަށް ހަނަފަސްކަން ކުރިމަތިވާނެއެވެ.

ހަނަފަސް ސަހަރާއެއްގައި މީހަކު ހުއްޓިލައިގެން

އިނގިރޭސިވިލާތުގެ ތިންކްޓޭންކެއް ކަމަށްވާ އެނާޖީ އެންޑް ކްލައިމެޓް އިންޓެލިޖެންސް ޔުނިޓުގެ ގަރެތު ރެޑްމަންޑް-ކިންގް ބުނި ގޮތުގައި، މިއީ ކާބޯތަކެތީގެ ސަޕްލައިއަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. މޫސުމަށް އަންނަ ބަދަލުތަކާއި، އީރާނުގެ ހަނގުރާމައާ ގުޅިގެން ގަސްކާނާ ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ދަނޑުވެރިކަމަށް މިހާރުވެސް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. އޭނާ ފާހަގަކުރި ގޮތުގައި 2027 ވަނަ އަހަރަކީވެސް ހޫނުގަދަ އަހަރަކަށް ވެއްޖެނަމަ، ދަނޑުވެރިންނަށް އޭގެ ގެއްލުން އިންތިހާއަށް ކުރާނެއެވެ. އަދި މިއީ ގިނަ ބައެއްގެ ފުރާނައާ ގުޅިފައިވާ ކަމެއް ކަމަށްވެސް އޭނާ ބުންޏެވެ.

ޑަބްލިއުއެމްއޯއިން ބުނި ގޮތުގައި އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން މެއި މަހުގެ މެދުތެރެއާ ހަމައަށް، ޕެސިފިކް ކަނޑުގެ ބައެއް ސަރަހައްދުތަކުގެ ލޮނުގަނޑުގެ ހޫނުމިން ވަނީ އެލްނީނޯ އުފެދުމަށް މަގުފަހިވާ މިންވަރަށް މައްޗަށް ގޮސްފައެވެ. ނަމަވެސް، ބައެއް ސައިންސްވެރިން ބޭނުންކުރަމުން އަންނަ “ސުޕާ އެލްނީނޯ” މި ބަހަކީ ރަސްމީ ގިންތިކުރުންތަކުގެ ތެރޭގައި ހިމެނޭ ބަހަކަށް ނުވާތީ، އެ އިދާރާއިން ވަނީ އެ ބަސް ބޭނުންކުރުމަށް ދެކޮޅުހަދާފައެވެ.

މޫސުމީ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ އިންޒާރުދޭ ނިޒާމުތަކުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރެވުނު ނަމަވެސް، ފާއިތުވި އަހަރުގެ ތެރޭގައި އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ބޮޑެތި ގައުމުތަކުން ވަނީ މިފަދަ ނިޒާމުތައް ގާއިމުކުރުމަށް ދޭ މާލީ އެހީތެރިކަން ކުޑަކޮށްފައެވެ.

ޖަވަށް ބޭރުކުރާ ވިހަ ދުންތައް

ސައުލޯ ވިދާޅުވި ގޮތުގައި މޫސުމީ ބަދަލުތަކާ ގުޅިގެން ފޯރުކޮށްދޭ މާލީ އެހީތެރިކަން އެންމެ އެކަށީގެންވާ މިންވަރަށް ނުލިބުނު ނަމަވެސް، ދުރާލާ އިންޒާރުދޭ ނިޒާމުތަކަކީ އަބަދުވެސް އިސްކަންދޭ ކަމެކެވެ. އަދި އެހީތެރިކަން ބޭނުންވާ ގައުމުތަކަށް ފަންޑު ހޯދުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސައުލޯ ވިދާޅުވީ މިކަމަށް އޮތް ހަމައެކަނި ހައްލަކީ ތެލުގެ ބާވަތްތައް ބޭނުންކުރުން ހުއްޓާލައި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސްކުރުމާއެކު، ނާޒުކު ހާލަތްތަކުގައިވާ ފަރާތްތައް ހިމާޔަތްކުރުން ކަމަށެވެ.

އެލްނީނޯގެ ހާލަތު އާންމުކޮށް ކޮންމެ ދެތިން އަހަރަކުން އެއްފަހަރު މެދުވެރިވާއިރު، މި ހާލަތު ނުވަ މަހާއި ބާރަ މަހާ ދެމެދުގެ މުއްދަތަކަށް ދެމިއޮވެއެވެ. އެންމެ ފަހުން އެލްނީނޯގެ ހާލަތެއް މެދުވެރިވެފައިވަނީ 2023 އިން 2024 އަށެވެ. އެއީ ތާރީހުގައިވެސް ރެކޯޑުކުރެވިފައިވާ އެންމެ ބާރުގަދަ ފަސް އެލްނީނޯގެ ތެރެއިން އެކެކެވެ. އޭގެ ސަބަބުން 2024 ވަނަ އަހަރަކީ ދުނިޔޭގެ ފިނިހޫނުމިން އެންމެ މައްޗަށް ދިޔަ އެއް އަހަރު ކަމުގައި ވެގެންދިޔައެވެ.