ފުވައްމުލަކުގައި މަސްތުވާތަކެތި ވިއްކުމުގެ އިތުރުން އެތަކެތި ބޭނުންކުރުމުގެ ފުރުސަތު ދޭ ކެފޭއެއްގެ ގޮތުގައި ހިންގާ ކަމަށް ތުހުމަތުކުރެވޭ ތަނެއް ކޯޓުއަމުރެއްގެ ދަށުން ބަންދުކޮށްފިއެވެ.

މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކޮށް، ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތަށް ފުވައްމުލަކު މެޖިޓްރޭޓްކޯޓުގެ އަމުރަކުން ބަންދުކުރީ ފުނާޑު، ގުލިސްތާނުގޭގައި ހުރި ތަނެކެވެ.

ފުލުހުން ބުނީ އެތަން ބަންދުކުރުމުގެ އަމުުރު ނެރުނީ އިއްޔެއިން ފެށިގެން 85 ދުވަހަށް ކަމަށެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރުކަމުގައިވާއިރު މިއީ ޑްރަގް ކެފޭއެއް ކަމަށް ތުހުމަތުކުރެވިގެން، މާލެ ނޫން ރަށަކުން ތަނެއް ބަންދުކުރި ފުރަތަމަ ފަހަރެވެ.

ކޯޓު އަމުރުގެ ދަށުން އެގޮތަށް ބަންދުކުރާ ތަންތަނަށް އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށަކަށްވާއިރު ފުލުހުން ބުނީ އެފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާ، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.