“ބުނޭ.. ބުނި ކޮންމެކަމެއް އަހަރެން ކޮށްދޭނަން… މަ ބޭނުމީ މިބިރުވެރިކަމުން ސަލާމަތްވާން…” ޟިރާރުގެ ފަރާތުން އެހީއަކަށް އެދެން ކޮންމެ ފަދަ ކަމެއްވެސް ކުރަން ނައުރީން ހުރި ތައްޔާރަށެވެ. އެކަމުން ޟިރާރަށް ލިބުނު ހިތްހަމަޖެހުމާ އެކު ނައުރީންގެ އަތުގައި ހިފާ ގަޔާ ދިމާއަށް ދަމައިގަތެވެ. އެކަމަށް ނުވިސްނާ ހުރުމުން ޟިރާރު ގައިމައްޗަށް ނައުރީން ވެއްޓުނެވެ.

ނައުރީންގެ ކަންފަތްދަށުގައި ސިއްރުސިއްރުން ޟިރާރުގެ ބޭނުން ހާމަކުރިއެވެ. އެވަގުތު ނައުރީންގެ ދެލޯ ބޮޑުވިއެވެ. “ނޫން.. ތިނޫން އެހެންކަމެއް… މަށަކަށް ތިކަމެއް ނުވާނެ…” ނައުރީން ދެކޮޅު ހެދީ އޭނާއަށް އެކަން ނުވާނެޔޭ ހިތަށް އެރުމުންނެވެ. އެވަރުގެ ކަމަކު ޟިރާރު ބުނެފާނެކަމަށް ފުރަތަމަވެސް ނައުރީން އުންމީދު ނުކުރީ ކީއްވެހެއްޔެވެ.

ބުރުގާގެ ދެފަރާތުން ނުކުމެފައިވާ ކުދި އިސްތަށިތައް ލައްވާލަމުން ނައުރީން އިސްޖަހާލީ ހަދާނެގޮތެއް އޭނާއަށް ނުވިސްނުނީމައެވެ. އެވަގުތު ޟިރާރު އޭނާގެ ފަހުބަސް ބޭރުކޮށްލަމުން ޖޯލިން ތެދުވިއެވެ. “ނައުރީނަށް އިނގޭނީ ހަދާނެގޮތެއް.. އެތަނުގައި މަ ހުންނާނަން.. ނައުރީން މަގޭ ކައިރިއަށް އައިސިއްޔާ ތިހުރިހާ އުނދަގުލަކާ ތުރާލަކުން މިންޖުވާނެ…”

*** *** *** *** *** ***

ކުނިކަހަން ބޭރަށް ނުކުންނަން އައި މަންޝާއަށް އިވެމުން ދިޔައީ ޟީރާރުގެ ވިހަގަދަ ބަސްތަކެވެ. ނައުރީން ކައިރީ އޭނާ ދައްކަމުން ދިޔަ ވާހަކަތައް އަޑު އިވުމުން މަންޝާގެ ލޭ ކެކުނެވެ. ފަޔަށް ލެވުނު ބާރެއްލާ ގޯތި ތެރެއަށް އޭނާ ނުކުތީ ހެސްކިޔާފައި ޟިރާރާ ދިމާއަށް ބަވާލާށެވެ. “އޭ… ކިހިނެއްވެގެން ތިއުޅެނީ… ތަނަކުން މީހެއްގެ ޅަ ކިރުބޯ ދަރިއެއް ފެނުނަސް މޮޔަވެގެން އުޅެން ޖެހޭތަ؟…”

ނައުރީންގެ އަތުގައި ހިފަހައްޓައިގެން ހުރި ޟިރާރު ކުއްލިއަކަށް ދުރަށް ޖެހިލަމުން އަތުގައި އޮތް ފޮތް މެއާ ލާ ބޮނޑިކޮށްލީ ބުނާނެ އެއްޗަކާ ދޭތެރޭ ވިސްނާލަމުންނެވެ. “ކިހިނެއްވީ… ކޮބާތަ އަޒީމް؟.. އަޒީމް ކައިރީ ބުނާތި މިބުނި ވާހަކަތައް؟..” ދެލޯ ބޮޑުކޮށްލަމުން ނައުރީންގެ މޫނަށް ބަލާލަމުން ޟިރާރު ވާހަކަ ދެއްކީ އެވާހަކަތައް އޮޅުވާލާށެވެ.

“ކަލޭތީ ހަސަންބެ ކަހަލަ ޖައްބާރު މީހެއް… މީހުންގެ ޅަ ދަރިން ރޮލާ ހަފާ ކެއުން ކަލޭމެންގެ ކަމަކީ… ސަހަލު ގޮތަކަށް އުޅެން ނޭނގިގެން ތިއުޅެނީޔޯ…” އަތް އުކަމުން މަންޝާ ހަޅޭއްލަވަމުން ދިޔައީ އޭނާގެ ހިތުގައި އުތުރި އަރަމުން ދިޔަ ޖަޒްބާތުތައް ބޭރު ކުރަމުންނެވެ.

އެއްޗެއް ބަންލާފައި ވެއްޓުނު އަޑަށް މަންޝާ ހަމަހިމޭވިއެވެ. އެންމެންނަށް އެއްފަހަރާ ބަލާލެވުނީ ގޯތިތެރޭ ތަންކޮޅެއް އެތެރޭގައި ހުރި ބަނބުކެޔޮ ގަހާ ދިމާއަށެވެ. ގަހުން ވެއްޓުނު ބަނބުކޭލާ ދިމާއަށް ބަލާލަމުން ޟިރާރު އެގެއިން ނިކުންނަން ފިޔަވަޅު އަވަސްކޮށްލިއެވެ.

ދޮރުމަތީ ހުރި އަންހެންމީހާ ފެނުމުން ޟިރާރު މޫނަށް ވައްތަރެއް ޖައްސާލަމުން އެ އަންހެންމީހާގެ ހަށިގަނޑަށް މަތިން ތިރިއަށް ބަލާލިއެވެ. މޫނު ބުރުގާ އަޅައިގެން ހުރި އަންހެންމީހާގެ ނަޒަރު ހުއްޓިފައިވަނީ މަންޝާއާ ދިމާއަށެވެ. މަންޝާގެ ދުލުން ހަސަންބެގެ ނަން ބޭރުކުރުމުން އޭނާ އެހުރި ތަނަށް ގަނޑުވީއެވެ.

ބަނބުކެޔޮ ގަހާ ދިމާއަށް މަންޝާ ހިނގައިގަތީ ކުނި ކަހާށެވެ. ވެއްޓިފައި އޮތް ބަނބުކެޔޮ ނަގާ އެއްފަރާތަކަށް ޖައްސާލަމުން އިލޮށިފަތި ނަގައިގެން އޭނާ ކުނިކަހަން ފެށިއެވެ. ޖޯލިފަތި ކައިރީ ހުރި ނައުރީންގެ ކަޅި އަމާޒުވެފައި ވަނީ ބަނބުކެޔޮ ގަހުގެ ފަތްތަކާ ދިމާއަށެވެ. ފަތްތަކުގެ ތެރެއިން އެއްޗެއް ދަތުރުކުރަމުން ދިޔަތަން އޭނާއަށް ފެނުނެވެ. ރަތްކުލައިގެ ދެލޯ ދިއްލުމުން ދުވާލުގެ ވަގުތު އެތަނަށް ވެސް އެ ޝައިތޯނާ ހާޒިރުވީކަން އެނގި ނައުރީން ބިރުގަތެވެ.

“ކިހިނެއްވެފަ ތިހުރީ.. ބަލަ ޟިރާރާ ތި ވާހަކަ ދައްކަނީ އެއީ މާ ރަނގަޅު މީހެއްކަމަށް ހީކޮށްގެންތަ.. ނައުރީނަށްވެސް އިނގޭނެ އޭނާގެ ވިސްނުން ނުބައިކަން… ޝާޔާ ގޮވައިގެން ހުރި އިރުވެސް މަގޭ ހިތަށް އެރިއޭ.. އޭނާ ނޭނގެ އެމަންޖެ ގައިގަ އަތް ނުލާ ކަމެއްވެސް މަ އަހާ އަހާ އެމަންޖެ ވާހަކަވެސް ނުދެއްކި. ނޭނގެ ބިރު ދެއްކީ ނޫންކަމެއްވެސް…މަށަށްވެސް އެހެންވެފަ ހުރީމަ އެނގޭނެ ދޯ… ކުޑައިރުއްސުރެ ހަސަންބެ މަށާ ބެހެމުން އައީ… އެއިން ވާހަކައެއް މީހެއް ކައިރީ ނުބުނެ ހުރުމުން އަހަންނަށްވީ ގޮތް އެހެން މީހަކަށް އިހްސާސެއް ނުކުރެވޭނެ… އެ މަންޖެކައިރީ މަ އަހާ އަހާ ނުބުނި.. ނިކަން ނައުރީން ވާހަކަ ދައްކަބަލަ…”

ކުނިކަހަން ގުދަށް އޮތް މަންޝާ ވާހަކަ ދެއްކީ ޖޯލިފަތި ކައިރީ ހުރި ނައުރީނަށް އެއްޗެއް ވިސްނައިދެވޭތޯއެވެ. ނައުރީންގެ ފަރާތުން ޖަވާބެއް ނުލިބުމުން މަންޝާ އެދިމާއަށް ބަލާލީ އަނެއްކާ އެކަމާ ހިތްހަމަނުޖެހުނީ ހެން ހީވުމުންނެވެ. އެތާކު ނައުރީނެއް ނެތެވެ. ޖޯލިފަތި ކައިރީ މަންޝާ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ހުރި އަންހެންމީހާ ފެނުމުން މަންޝާއަށް ލިބުނީ ހައިރާންކަމެކެވެ. ކަޅިޖަހާނުލާ އޭނާ ހުރީ މަންޝާއާ ދިމާއަށް ބަލާށެވެ. އެއީ ކަޅުކުލައިގެ ޖިލްބާބެއްގައި މޫނު ނިވާކޮށްގެން ހުރި އަންހެނެކެވެ.

*** *** *** *** *** ***

“އަންހެނެކޭ…. ކަލެއަށް ހަމަ ޔަގީން…”

އެނދުމަތީ އިށީނދެގެން އިން ހޫދު އޭނާގެ ފޯނު ހާވަމުން ދިޔައިރު ރޭގައި ދިމާވި ހާދިޘާ އެކުވެރިއާއަށް ކިޔައިދިނެވެ. އެ ގަޑީގައި އެތަނުން އަންހެނަކު ފެނުނު ވާހަކަ ބުނުމުން ރާއިދު ހުރީ ހައިރާންވެފައެވެ. ހޫދު ކައިރީ އެނދުގައި އިށީންނަމުން އޭނާއަށް ހީވާ އެއްޗެއް ހާމަކުރިއެވެ.

“ކަލޭ މީގެ ފަހުން ރޭގަނޑު މާ ދަންވީމަ ބޭރަށް ނުނިކުންނާތި…. މީހުން ބުނޭ އެ ހިސާބަކީ ފަޅުތަނެކޭ… މީހުން މޮޔަވެސް ވޭ.. ރަނގަޅަށް ވިއްޔާ ކަލެއަށް ތި ފެންނަނީ ކޮންމެވެސް ޖިންނިއެއް ކަންނޭނގެ… އަޅެ ބުނެބަލަ..އެ އަންހެންމީހާ ވަރަށް ރީއްޗެއްނު..” ރާއިދު ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އިން ހޫދު ގާތަށް ނުބައި ހިންޏެއް އައީ އެ އަންހެންމީހާގެ ސިފައާ ބެހޭގޮތުން ރާއިދު ސުވާލު ކުރުމުންނެވެ.

“އާން.. އެއީ ހުތުރު މީހެއް ނޫން… އެކަމަކު މަށަކަށް އޭނާގެ މޫނެއް ނުފެނޭ…” ހޫދު ދިން ޖަވާބުން ރާއިދަށް އެހެންއެއްޗެއް ވިސްނުނު ކަހަލައެވެ. ހޫދުގެ ފަލަމަސްގަނޑު މަތީ ޖަހާލަމުން އޭނާ ވާހަކަ ދެއްކީ ގަޔަށް ބާރެއްލަމުންނެވެ. “ކަލެއަށް އޭނަ ގަސްތުގަ މޫނު ނުދައްކަނީއްޔޭ… އޭރުން ދޯ އެމަންޖެ ހޯދަން ދާނީ… ބުނޭ ކަލޭ މޮޔައެއް ނުވެޔޭ… ދެން މިރޭ ވަލަށް ވަންނަން ދާނީކީ ނޫން…”

“ސާބަހޭ… ފައިމަތީ ނުޖަހަބަލަ.. ތަދުވެޔޭ…” ރޭގަ ސައިކަލުން ވެއްޓި ކަކޫ މަށައިގެން ދިޔަ ތަނުގައި ބޭސްއަޅަފައި ހުއްޓެވެ. ކަކުލުގައި ފިރުމާލަމުން ހޫދު ލޯ އަޅާލީ އޭނާގެ ފަޔަށް ތަދުވީމައެވެ. “މަ ނޫޅެން މޮޔަވެގެންނެއް… އެކަމަކު އޭނަ ވައްތަރު.. މަ ދަންނަ މީހަކާ ވައްތަރުވާތީ މިއުޅެނީ… ސީދާ އޭނައެކޭ ބުނާކަށްވެސް ބޭނުމެއްނޫން…”

“ތިހުރީ ހަމަ ރަނގަޅަށްވެސް މޮޔަވެފަ… މަބުނީ ދޮގެއް..” ހޫދު ކައިރިން ތަންކޮޅަށް ދުރަށް ޖެހިލަން ފޫ އުފުލާލަމުން ހޫދާ ދިމާއަށް ރާއިދު ބަލާލީ ވަށްކަޅިންނެވެ.

ކުއްލިއަކަށް ކަމެއް ހަނދާންވުމުން އުޅޭ ކަހަލަ ގޮތަކަށް ހޫދު ތެޅިގަތެވެ. ފޯނުން ގެލެރީ ބަޔަށްވަދެ ވީޑިއޯ ހުޅުވާލަމުން އެ ވީޑިއޯ ރާއިދަށް ދައްކާލިއެވެ. ބިރުގެންފައި އިން ރާއިދަށް އެ ވީޑިއޯއަށް ބަލާކަށް ނުކެރުނެވެ. އެއީ ސީމާ ހޯދަން އެމީހުން ވަލަށް ވައިން ދުވަހު ނަގާފައިވާ ވީޑިއޯކަން ރާއިދަށް އެނގުނެވެ. ހޫދު އާދޭސް ކުރަމުން އެ އަންހެންކުއްޖާއަށް ބަލާބަލާށޭ ބުނެ ކިޔާތީ ރާއިދު އެ ފޯނަށް ބަލަން އިނީ އެއްލޯ މަރައިގެންނެވެ. ހުދުހެދުމުގައި ހުރި އަންހެން މީހާ ފެނުމުން ވީޑީއޯގެ އެ މަންޒަރަށް ހުއްޓާލަމުން ހޫދު އިޝާރާތްކޮށްލިއެވެ. “ބަލާބަލަ… ކާކާ މީނަ ވައްތަރީ… މީ…. މީ…”

ރާއިދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެނދުމަތިން ތެދުވަމުން އޭނާއަށް އެ ފެނުނު މަންޒަރުގައިވާ އަންހެން މީހާގެ ނަން ހާމަކޮށްލިއެވެ.

"ޝީން.... މީ ޝީން..."

ޔަގީންކަމާއެކު އެ ފޯނުގެ ޑިސްޕްލޭއިން ފެންނަން ހުރި މޫނާ ދިމާއަށް އިޝާރާތްކުރަމުން ރާއިދު ވާހަކަ ދެއްކީ އެ ދެކެވުނު ވާހަކައިން ހޫދަށް އަސަރެއް ކުރާނެކަމަށް ނުވިސްނާހުރެއެވެ. ހަމހިމޭންވެފައިވާ ހޫދުގެ މޫނަށް ބަލާލަމުން ރާއިދު މަޑުޖެހިލީ އެބުނެވުނު އެއްޗަކާ ދޭތެރޭ ވިސްނުނީމައެވެ.

"މަށަށްވެސް ޝީންއާ ވައްތަރުވާތީ މިއުޅެނީ.. އެކަމަކު މޫނު ސާފްކޮށް ނުފެންނާތީ ވަކި އެއްޗެއް ބުނަން ނޭނގިފައި މިހުރީ...." އަތުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން ހޫދު އޭގެ ސްކްރީނަށް ބަލާލިއެވެ. ރިޔާޒްގެ ނަން އަރާފައިވުމުން ފޯނު ނަގާ ވާހަކަ ދައްކަމުން އެއްފަރާތަކަށް ޖެހިލިއެވެ. "ހަލޯ..."

"ޒައިކް... ރިޔާޒްބެއާ އަސްރާރުބެ މިއައީ އައްޑޫއަށް.. ކޮންތާކު ތިހުރީ..." ރިޔާޒް އައްޑޫއަށް އައި ޚަބަރު ދިނުމުން ހޫދަށް ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. "އަޅުގަނޑު މިހުރީ ގޭގަ... ކިޝަން މެންގެ...." ހޫދު ޖަވާބު ދިނުމުން، އިރުކޮޅަކުން އެބައަންނަން ކަމަށް ބުނެ ރިޔާޒް ފޯނު ކަނޑާލިއެވެ.

"ކާކުތަ ގުޅީ...." ކަންފަތުން ފޯނު ދުރުކޮށްލިއިރު ހޫދުގެ މޫނުމައްޗަށް ވެރިވެފައިވާ ހިނިތުންވުން ފެނި ރާއިދު ސުވާލުކޮށްލީ އެއް އަރިއަކަށް ވާނެހެން އެނދުގައި ޖައްސާލަމުންނެވެ.

"އެގުޅީ ރިޔާޒްބެ... އަސްލު އަހަރެން މިރަށަށް އައީ ރިޔާޒްބެއާ އަހަރެންގެ މަންމަ ބުނެގެން.... އެއްކަލަ ރޭ މިވާހަކަ ތައް ކިޔައިދޭން އުޅެފަ ރާއިދު މޫޑު އެހާ ރަނގަޅު ނުވީމަ ކިޔައިނުދެވުނީ..." ރާއިދު ކައިރިއަށް އައިސް އެނދުގައި އިށީނެވެ. ގިނަ ދުވަސްތަކެއް ވަންދެން ކިޔައިދޭން ބޭނުންވެ، ނުކިޔައިދީ ސިއްރުކޮށްގެން އުޅުނު ވާހަކަތައް ހޫދު ކިޔައިދޭމް ފެށިއެވެ.

*** *** *** *** *** ***

ސައިތަށި ގިރަން ހުރި ނައުރީނަށް ބަލާލެވުނީ ބަދިގެ ދޮރުމައްޗަށް ހުއްޓުނު އަޒީމް ފެނުމުންނެވެ. ޝީން ސައިބޯން އިންއިރު އޭނާގެ މަންމަގެ ހަރަކާތް ހުއްޓުނުތަން ފެނުމުން ބަދިގެ ދޮރާ ދިމާއަށް ބަލާލެވުނެވެ. މަޑު ފިޔަވަޅުތަކެއްގައި އަޒީމް އެތެރެއަށް ވަދެ ކާމޭޒު ކައިރީ އިށީނީ ސައިބޯން ބޭނުންވެފައި ހުރުމުންނވެ. އަޒީމް ގޮނޑީގައި އިށީނުމުން ޖޯޑެއް ނަގައި ނައުރީން ސައި ތައްޔާރުކުރަން އަތްމަތި އަވަސްކޮށްލިއެވެ.

ނައުރީންގެ އަވަސްވެފައިވާ ހަރަކާތަށް ދޭތެރެއަކުން ޝީންއާ އަޒީމް ބަލާލީ އޭނާގެ ހަރަކާތް ހުރިގޮތުން ތަނަކަށް ދާން ލަސްވެފައިވާ މީހަކު ފަދައިން އުޅޭތީއެވެ. މޭޒުމަތީ ސައިތައްޓާ އެކު ކާން އިތުރު ތައްޓެއް ބަހައްޓަމުން މަތި ޖަހާފައިވާ ތަށިތަކުގެ މަތި ނައުރީން ނަގަމުން ވާހަކަ ދެއްކީ އަޒީމާއެވެ. "އަވަހަށް ކާން ފަށާ... މިއަންނަނީ ޝާޔާ ފެންވަރުވާފަ ރީތިކޮށްލާފަ.. އިރުކޮޅަކުން އަހަރެން މަންމަމެން ގެއަށް ފޮނުވަން ކަމަށް... ޝާޔާ ނުފެންނާތީ މަންމަ ޝަކުވާ ކުރާވަރުން މިއުޅެނީ..."

ބަހަނާއެއް ދައްކައިގެން ނަމަވެސް އަޒީމްއާ އެއްތާކު ގިނަވަގުތު މަޑުނުކޮށްވޭތޯ ނައުރީން މަސައްކަތްކުރީ ކުރިން ރޭ ހިނގި ހާދިޘާ އަދިވެސް އޭނާގެ ހަނދާނުން ނުފިލާތީއެވެ. ބަދިގެ ދޮރާ ދިމާއަށް ނައުރީންގެ ފިޔަވަޅު އަވަސްކޮށްލުމުން އަޒީމް ރޮށިތަށި މަތި ނަގާލުމަށްފަހު ސުވާލެއްކޮށްލީ ނައުރީންއާ ދިމާއަށް ބަލާލަމުންނެވެ. "ރޭގަ ކޮންތާކަށް ދިޔައީ؟... އަހަރެން ގެއަށް އައި އިރު ނައުރީން ކޮޓަރިއަކު ނެތް.. އެކަމަކު އެނދުމަތީ ފޯނު އޮތް... ދަން ވީމަ ދާންޖެހޭ ހާއްސަ ތަނެއް އޮތީތަ؟..."

އަޒީމްގެ އަޑުގައިވަނީ ހަރުކަށިކަމެވެ. އަޑު ޖެހުމާއެކު ނައުރީންގެ ފިޔަވަޅު އެހުރިތަނަށް މަޑުޖެހުނެވެ. ޝީން އަނގަޔަށް ލައިލައިހުރި ކާއެތިކޮޅު ތިރިކޮށްލަމުން ފަސްއެނބުރި އޭނާގެ މަންމައާ ދިމާއަށް ބަލާލިއެވެ. ނައުރީންގެ މޫނުމަތިން ހާސްކަމުގެ ކުލަވަރުފެނުނެވެ ދޭނެ ޖަވާބެއް ނޭނގި އޭނާއަށް ބަލާލެވުނީ ޝީންގެ މޫނަށެވެ.

"މަންމަ ރޭގަ ނިދީ އަޅުގަނޑުމެން ކޮޓަރީގަ... ޝާޔާ ނުނިދާ ބޮޑާހާކާތީ މަންމަ އައިސް އަޅުގަނޑުމެން ކޮޓަރީގަ ޖައްސާލައިގެން އޮއްވާ ނިދުނީ... މަންމައަށް ނިދިފަ އޮތީމަ.. އުނދަގޫ ނުކުރަން އަޅުގަނޑުވެސް އޮށޯތީ..." ތަށީގައިވާ ރޮށިކޮޅު އަތުގެ އިނގިލިތަކުން ހާވަލުން ޝީން ވާހަކަ ދެއްކިއިރު އިސް އުފުލާ އެދެމީހުން ކުރެ މީހަކާ ދިމާއަށް ބަލައިވެސް ނުލައެވެ.

ޝީންއާ ދިމާއަށް ބަލަން އިން އަޒީމް އަނބުރާ ނައުރީންއާ ދިމާއަށް ބަލާލީ އޭނާއަށް ނައުރީންއާ ދޭތެރޭ ޝައްކު ކުރެވުނީތީ އެކަމާ މޮޔަ ހީވީމައެވެ. ނައުރީން ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ބަދިގެއިން ނުކުމެގެން ދަމުން ޝީންއާ ދިމާއަށް ބަލާލީ އޭނާގެ ދޮށީ ދަރި އޭނާގެ ދިފާއުގައި އެވަރުގެ ބޮޑު ދޮގެއް ހެދީމައެވެ.

*** *** *** *** *** ***

ހަލުވި ފިޔަވަޅުތަކެއްގައި ގޭތެރެއަށް ވަދެގެން ދިޔަ އަފްނާން ފެނުމުން މަޖުދީ ކުރަން ހުރި މަސައްކަތް ހުއްޓާލިއެވެ. ގަސްތަކަށް ފެންދޭން ގެންގުޅުނު ހޮޅީގެ އިސްކުރު ބާރުކޮށްލުމަށްފަހު ގޭތެރެއަށް ވަނުމަށް އޭނާ އަވަސްވެގަތީ އަފްނާނުގެ ހާލު ރަނގަޅު ނޫންހެން ހީވުމުންނެވެ.

ތަޅުންމަތީ އިށީންދެގެން އިން އަފްނާން އޭނާގެ މޫނު ނިވާކޮށްފައިވާ ފޮތިކޮޅް އުފުލާލަމުން އަނެއް އަތުން މޫނު ފުހެލިއެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހެމުން ދިޔައިރު އަފްނާނަށް އޭނާގެ ގިސްލުމުގެ އަޑު މައިތިރިއެއް ނުކުރެވުނެވެ. ކޮޓަރިއަށް ވަތް މަޖުދީއަށް އަފްނާނު އިން ހާލު ފެނިފައި ހިތުގައި ހަމްދަރުދީ އުފެދުނެވެ. އަވަހަށް އަފްނާނު ގާތަށް ގޮސް ދެކަކޫޖަހާ ތަޅުން މައްޗަށް ތިރިވެ އޭނާގެ އަންހެނުންގެ ބުރަކަށީގައި ފިރުމާލީ އޭނާއަށް ހިތްވަރުދެމުންނެވެ.

"އަހަރެން ދޮނާ ކައިރިއަށް ދިޔައީ އޭނައާ ވާހަކަ ދައްކަން.. އަހަރެމެންނާ އެކީ މާމަ ކައިރިއަށް ރަށަށް ދާން ހިނގާށޭ ބުނަން... އެކަމަކު..." އަފްނާނަށް ވާހަކަ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. އޭނާ ބަޑި ފަޅަޒއިގެން ގޮސް އަޑުން އަޑުނަގާ ރޯން ފެށިއެވެ.

ކަންތައް ވީ ގޮތް އަފްނާނަށް ކިޔައިދެވޭވަރުވީ އިރުގަނޑެއް ފަހުންނެވެ. ވާހަކަތައް އަޑުއަހަން ހުރި މަޖުދީގެ ލޮލުން ކަރުނަ ނީރާލިއެވެ. އޭނާގެ އަންހެނުންގެ ހިތަށް ކޮށްފައިވާ އަސަރު އޭނާއަށް އިހްސާސްވީ ކަހަލައެވެ.

"ދޮނާ އަހަރެން ބައްޕަ ދެކެ ވަރަށް ރުޅިއާދޭ... އަދިވެސް ދޮނާ އެއުޅެނީ އެ ކަންތައްތަކުން މިންޖުނުވެގެން.. ބައްޕަ ކުރި ކަންތަކުން ދޮނާގެ ދިރިއުޅުން އެވަނީ ހަލާކުވެފަ.. މިއަދުވެސް ޟިރާރު ޝާޔާއާ ބެހުނީއޭ ކިޔާފަ ވާހަކަތައް ދެއްކިގޮތުން ޚުދު އަހަންނަށްވެސް އަހަރެންގެ މާޒީ ސިފަވި... ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޯ.. މިއަޅާ ކުރި ކުށަށް މާފް ކޮށްދެއްވާންދޭން... މާފްކޮށްދެއްވާން ދޭން...."

އަފްނާންގެ ބަލިކަށި ހިތަށް ވިސްނައިދޭނެގޮތެއް މަޖުދީއަކަށް ނުވިސްނުނެވެ. އަފްނާނުގެ ހަށިގަނޑުގައި ބައްދާލަމުން އޭނާގެ ނިތްކުރިއަށް ބޮސްދެމުން ދިޔައިރު މަޖުދީއަށްވެސް ރޮވެނީއެވެ.

*** *** *** *** *** ***

"ރިޔާޒްބެ އެ އަންނަނީ ވަރަށް މޮޅަށް ރުގްޔާ ކުރާ މީހަކާ އެކީ..." ރިޔާޒް މިކޮޅަށް އަންނަ މަގްސަދު ހޫދު ކިޔައިދެމުން ދިޔައިރު ރާއިދު ހުރީ ޑްރެސިންގް ޓޭބަލްކައިރީ ލޯގަނޑުން ފަރިބަލާށެވެ. އެނދާ ދިމާއަށް ރާއިދު އެނބުރިލި އިރ ދޮރުމަތީ ހުއްޓިގެން ހުރި މީހަކު ފެނުމުން ސިހިފައި ފަހަތަށް ޖެހެވުނެވެ.

"ޝީން...."

ރާއިދުގެ ހަރަކާތް ހުރިގޮތުން ކޮޓަރި ދޮރާ ދިމާއަށް ހޫދު ބަލާލީ އެނދުގައި އޮވެ ބޯ ހިއްލާލަމުންނެވެ. ޝީން ހުރިގޮތް ފެނުމުން ހޫދު އެނދުމަތިން ތެދުވެ ޝީންއާ ދިމާއަށް ބަލާލީ ކަންބޮޑުވެފައިވާ ހާލުގައެވެ. ރާއިދު ކަރުކެހިލަމުން އެ ކޮޓަރިން ބޭރަށް ނުކުންނަން ފިޔަވަޅު އަވަސްކޮށްލިއެވެ. ޝީންގެ ކައިރިންލާފައި ބޭރަށް ނުކުންނަން ދިޔަ ރާއިދުގެ ހިތް ބާރުބާރަށް ތެޅިފޮޅެނީއެވެ. ހޫދު ދެއްކި ވާހަކަތަކެއްގެ ސަބަބުންނާ ބެލި ވީޑިއޯއިން ފެނުނު މަންޒަރުން ވަލުތެރެއިން ފެންނަ އަންހެން ކުއްޖާއަކީ ޝީންކަމަށް އެމީހުންނަށް ޝައްކުވެފައިވާތީއެވެ.

ހޫދާ ދިމާއަށް ކަޅި ޖަހާނުލާ ބަލަން ހުރި ޝީންގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހާސްކަމެވެ. އޭނާ ހުރީ ރޮވެން ކައިރިވެފައިކަން ހޫދަށް އެނގުނެވެ. ދޮރު ކައިރިއަށް ދާން ހޫދު ފިޔަވަޅު އެޅީ ކުޑަ ކޮރެއް ޖަހަމުންނެވެ. ދުވެފައި އައިސް ހޫދުގެ ހަށިގަނޑުގައި ޝީން އޮޅުލައިގަތުމަށްފަހު ހޫދު ލައިގެން ހުރި ޓީޝާޓުގައި މޫނު ޖައްސާ ބާރުކޮށްލަމުން އޭނާ ރޯން ފެށީ އެހިތަށް ކެތްކުރަން ދަތިވެފައި ވާތީއެވެ.

ޝީންގެ ރުއިން ހުއްޓެންދެން އޭނަ ގައިގާ ހޫދު ބައްދާލައިގެން ހުންނަން ބޭނުންވިއެވެ. ހަމަޖެހުމުން ވެގެންއުޅޭ ކަމެއް އޮޅުން ފިލުވަން އޭނާ ނިންމިއެވެ. ރޮއެ ރޮއެ ވަރުބަލިވުމުން ޝީން މަޑުމަޑުން ހޫދުގެ ގައިން ދޫކޮށްލަމުން ދުރަށް ޖެހިލިއެވެ. ޑްރެސިންގް ޓޭބަލްމަތީ ހުރި ޓީޝޫފޮށި ދިއްކޮށްލަމުން އެނދުގައި އިށީންނާށޭ ހޫދު ބުނެލީ ލޯތްބާ އެކީގައެވެ.

ދޮރުމަތީ މަޑުކޮށްގެން ހުރި އިރު ރާއިދާއި ހޫދު ދެއްކި ވާހަކަތައް އޭނާއަށް ކޮންމެވެސް ވަރަކަށް އަޑުއިވުނެވެ. މަންޝާއަށް ކަންތައްތަކެއްވާކަން އެނގި ރިޔާޒްބޭ އައްޑޫއަށް ރުގްޔާ ކުރާ މީހަކު ގޮވައިގެން އެ އަންނަނީ މަންޝާ ގޮވައިގެން ރަށަށް ދާށެވެ. އެއާއިލާއަށް ޖެހިފައިވާ މުސީބާތްތަކުން ސަލާމަތްވާނެ ގޮތަކާ ދޭތެރޭ ޝީން ވިސްނާލިއެވެ.

"ހޫދު.. އަހަރެންނަށް އެހީވާނަންތަ؟.. އަހަރެން.... ވަރަށް ބޮޑު ކަމަކު ބުނަން ބޭނުން..." ޝީންގެ އެދުން ހާމަކުރަން އޭނާ ދައްކާނެ ވާހަކައަކާ ދޭތެރޭ ވިސްނާލިއެވެ. ހަމަނުޖެހޭ ކަހަލަ ވާހަކައެއް ދެއްކިއްޖިއްޔާ އޭނާ ހަދަނީ ދޮގުކަން ފަޅާއަރާނެކަން އޭނާއަށް އެނގުނެވެ. ނަމަވެސް ކަމެއް ރަނގަޅުކުރަން އޭނާއަށް ދޮގު ހަދަން މަޖުބޫރުވިއެވެ. ޝީންގެ ބޮލުގައި ފިރުމާލަމުން ހޫދު މަޑުކޮށްގެން އިނީ އޭނާ ދައްކަން އުޅޭ ވާހަކަތައް އަޑުއަހަން ޝައުގުވެރިވެގެންނެވެ.

"އަހަރެން..... މޮޔަވެދާނެ... ފާޑުފާޑުގެ އެއްޗެހި ފެންނަނީ.. އަޑުއަޑުވެސް އިވޭ... އަޅެ އަހަރެން މޮޔަވަނީތަ؟..." ވިސްނާލަން ހިނދުކޮޅަކު މަޑުކޮށްލުމަށްފަހު ޝީން ވާހަކަ ދެއްކީ ސީދާ ހޫދުގެ މޫނަށް ބަލަން އިނދެއެވެ. ޝީންއަށް މާގިނަ ވާހަކަތަކެއް ދެއްކޭ ގޮތެއްނުވިއެވެ. ހޫދުގެ ފޯނަށް ކޯލެއް އަންނަން ފެށުމުން އެކޯލުނަގަން ހޫދަށް މަޖުބޫރުވިއެވެ. ޑިސްޕްލޭއަށް އަރާފައިވާ ނަމަށް ޝީން ބަލާލަމުން ދެލޯ ފޮހެލަން މަސައްކަތްކުރިއެވެ. އޭނާގެ ހަޔާތުގައި ދިމާވަމުން ދިޔަ ކަންތައްތައް ހޫދާ ހިއްސާކުރަން ބޭނުންވިއެވެ. ނަމަވެސް އެއިން ވާހަކައެއް ދައްކަންވެސް އޭނާ ޖެހިލުންވިއެވެ. އޭނާގެ ހަނދާނަށް އައީ އެއްރޭ ނިދީގައި އޮވެ ޝާޔާ ތެދުވެ ޖެއްސި ވައްތަރުތަކެވެ. ޝާޔާއަށް ހޭލެވުމުން އެ ތުއްތު ކުއްޖާ ދިން އިންޒާރުގެ ބަސްތަކެވެ. "އެއްވެސް މީހެއް ކައިރީ ބުނެފިއްޔާ ބައުކަލޯ ބުނީ މަންމަ ގެންދާނަމޯ..."

(ނުނިމޭ)