މެދުއިރުމަތީގެ މަޝްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ފަތުރުވެރިންގެ އުންމީދުތަކަށް އަންނަ ބަދަލުތަކަށް ސަމާލުކަން ދިނުމަކީ ރާއްޖެ ފަދަ މަންޒިލްތަކަށް ވަރަށް މުހިންމު ކަމެއް ކަމަށް ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެއެވެ.
ޝިއުރީ މިހެން ވިދާޅުވީ ދެކުނު ކޮރެއާގެ ގްޔޮންގްޖޫގައި މިހާރު ކުރިއަށްދާ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އެނުއަލް ސަމިޓް 2026 ގެ ތެރެއިން ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޕާޓާގެ ބޯޑު މެންބަރެއްގެ ހައިސިއްޔަތުން ޝިއުރީ ވަނީ ބައިނަލްއަގުވާމީ މަޝްރަހަށް އަންނަ ލޮޅުންތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާ އަސަރުތަކާ މެދު މަޝްވަރާކުރައްވާފައެވެ.
އެ ގޮތުން ޝިއުރީ ފާހަގަކުރެއްވި މުހިއްމު ކަންތައްތަކުގެ ތެރޭގައި ދުނިޔޭގެ ހަމަޖެހުމަކީ ފަތުރުވެރިކަމާ ދަތުރުފަތުރުގެ ނިޒާމަށް ސީދާ އަސަރުކުރާ ކަމަކަށްވާއިރު، މިދަނޑިވަޅުގައި ސިނާއަތުގެ ދެމެހެއްޓެނިވިކަމާއި، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަމާއި، އަދި ފަތުރުވެރިންގެ އުންމީދުތަކަށް އަންނަ ބަދަލުތަކަށް ސަމާލުކަން ދިނުމަކީ ކުރިއަށްވުރެ މާމުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ސަމިޓުން ލިބުނު މައުލޫމާތުތަކުގެ އަލީގައި ރާއްޖެ އިޝްތިހާރުކުރުމާ، އިސްތިރާތީޖީ ގުޅުންތައް ބަދަހިކުރުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން ވެސް އޭނާ ވަނީ ވާހަކަދައްކަވާފައެވެ.
މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމާއި، ދާއިރާގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުންނެވެ. އަދި ޔާސަތުތައް އެކުލަވާލުމާއި އައު އީޖާދުތައް ތައާރަފުކުރުމުގެ އިތުރުން މެންބަރު ގައުމުތަކާއި ޖަމިއްޔާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
"ނެވިގޭޓިން ޓުވާޑްސް އެ ރެޒިލިއަންޓް ފިއުޗަ" މި ޝިއާރުގެ ދަށުން ބާއްވާ މި ސަމިޓުގައި 35 ގައުމަކުން 550 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ. މީގެ ތެރޭގައި ސަރުކާރުތަކުގެ އިސް ބޭފުޅުންނާއި، އެއާލައިންތަކާއި، ހޮސްޕިޓާލިޓީ ދާއިރާގެ ތަޖުރިބާކާރުން ހިމެނެއެވެ. މި ސަމިޓުގައި ރާއްޖެއިން އިސް ދައުރެއް އަދާކުރުމަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފަތުރުވެރިކަމުގެ ކުރީ ސަފުގައި ރާއްޖެ އޮތްކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރެއެވެ.
