ނޭވާހިއްލުން ނުވަތަ އާސްތްމާ ބައްޔަށް ހަމައެކަނި ކުއްލި ފަރުވާ ދިނުމުގެ ބަދަލުގައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މުޖުތަމައުގެ އެންމެހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.

ސާޖިދާ މިފަދައިން ވިދާޅުވެފައިވަނީ އައިޖީއެމްއެޗުން އިންތިޒާމުކޮށްގެން ބޭއްވި ދުނިޔޭގެ އާސްތްމާ ދުވަސް 2026 ގެ ސިމްޕޯޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ސާޖިދާ ވިދާޅުވީ ރާއްޖޭގައި ނޭވާހިއްލުމުގެ ބަލި ތަހައްމަލުކުރާ މީހުންގެ ނިސްބަތް އިތުރުވަމުންދާކަމަށާއި ހާއްސަކޮށް ކުޑަކުދިންގެ މެދުގައި މި ބަލި އާންމުވެ ބަލީގެ ސަބަބުން ހޮސްޕިޓަލުން ފަރުވާ ހޯދަންޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާކަމަށެވެ.

ސާޖިދާ ވަނީ ދުނިޔޭގެ ސިއްހަ ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ފާހަގަކޮށްފައިވާ ފަދައިން ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކަކީ ތިމާވެށި ތަގައްޔަރުވުމާއި، ވައި ނުސާފުވުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައްކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން އެލާޖީ އަދި އެކްޒީމާ ފަދަ ހާލަތްތަކަކީ ރާއްޖޭގައި ވަރަށް އާންމު ކަންކަން ކަމަށާ މިއީ ނޭވާހިއްލުމުގެ ބަލި އިތުރުވުމަށް މަގުފަހިކުރުވާ ކަންކަން ކަމުގައި ސާޖިދާ ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ދުނިޔޭގެ އާސްތްމާ ދުވަހުގެ ޝިއާރުކަމަށްވާ “އެންޓި އިންފްލެމޭޓަރީ އިންހޭލަރުތައް ނޭވާހިއްލާ ކޮންމެ މީހަކަށް ލިބޭނެގޮތް ހެދުން - މިއީ އަދިވެސް ކޮންމެހެން ބޭނުންތެރިކަމެއް”މި ޝިއާރަށް އިޝާރާތްކުރައްވާ އިންހޭލަރާ ގުޅޭގޮތުން މުޖުތަމައުގައި އޮންނަ ކުށްހީތަކާއި ބިރުވެރިކަން ނައްތާލުމަށް ސާޖިދާ ވަނީ ގޮވާލައްވާފައެވެ.

އިންހޭލަރަކީ ރައްކާތެރި އަދި ބަލި ކޮންޓްރޯލްކުރުމަށް އެންމެ އެކަށީގެންވާ ފަރުވާކަމަށާއި، މިއީ އެއީ އޭގެ ސަބަބުން ދެވިހިފާ އެއްޗެއް ނޫންކަމަށް ސާޖިދާ ވަނީ ވިދާޅުވެފައެވެ. އިތުރަށް ސާޖިދާ ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއިން ކުރިއަރަމުންދާކަން ފާހަގަކުރައްވާ ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ހިދުމަތްތައް ވެސް ގާއިމުކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.

ސާޖިދާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެހީތެރިވެދޭ ކްލިނިކުތައް (ޓޮބޭކޯ ސެސޭޝަން ކްލިނިކް) ގާއިމުކޮށްފައިވުމާ 2007 ވަނަ އަހަރުގެ ފަހުން އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުމާއި އޭގެ ވިޔަފާރި ކުރުން މަނާކުރާ ގާނޫނު ތަންފީޒުުރަން ފެށުމަކީ ބަލި މީހުންނަށް ފުރިހަމަ ފަރުވާއެއް ދިނުމަށް ގެންގުޅޭ ސިޔާސަތުގެ ހެއްކެއްކަމަށެވެ.

ސާޖިދާ ވަނީ މި ސިމްޕޯޒިއަމްގެ ސަބަބުން ހަމައެކަނި މަޝްވަރާތަކެއް ކުރެވިގެން ދިއުމުގެ ބަދަލުގައި، އަމަލީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.