2025 ވަނަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖޭގައި ޑެންގީ ހުން ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް 2459 މީހަކަށް ވަނީ ޑެންގީ ހުން ޖެހިފައެވެ. މިއީ ސިއްހީ ދާއިރާއިން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ. ހާއްސަކޮށް ފާއިތުވި ތިން ހަފްތާގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން އެޗްޕީއޭގެ ރިޕޯޓުން ހާމަވެއެވެ.

2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ޑެންގީގެ 76 ކޭސް ރިޕޯޓުކޮށްފައިވާ އިރު، މިއަހަރުގެ ޖެނުއަރީ މަހު އެ އަދަދު ވަނީ 679 އަށް އަރާފައެވެ. ހަމައެއާއެކު މިއަހަރުގެ ފެބްރުއަރީ މަހު 428 ކޭސް، މާރިޗު މަހު 601 ކޭސް އަދި އޭޕްރީލް މަހު 635 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ފާއިތުވި 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރިޕޯޓުކޮށްފައި ވަނީ އެންމެ 135 ކޭސްއެވެ. މީގެ އިތުރުން، ހިނގަމުންމިދާ މެއި މަހުގެ ފުރަތަމަ ތިން ދުވަހުގެ ތެރޭގައިވެސް 116 ކޭސް ރިޕޯޓުކޮށްފައި ވެއެވެ. މި އަދަދުތަކުން ދައްކާގޮތުގައި ކޮންމެ މަހަކުވެސް އެވްރެޖުކޮށް 500 އަށްވުރެ ގިނަ މީހުންނަށް އަންނަނީ ޑެންގީ ހުން ޖެހެމުންނެވެ. މިއީ ރާއްޖޭގެ އާބާދީއާ އަޅާބަލާއިރު ނިސްބަތުން ވަރަށް މަތީ އަދަދެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މާލެ ސަރަހައްދަށްވުރެ ބޮޑަށް އަތޮޅުތެރޭގައި ޑެންގީ ފެތުރޭ މިންވަރު އިތުރުކަން ތަފާސްހިސާބުތަކުން ހާމަވެއެވެ. އެގޮތުން، މިއަހަރު ރިޕޯޓުކުރި 2459 ކޭސްގެ ތެރެއިން 2049 ކޭސް ރިޕޯޓުކޮށްފައިވަނީ އަތޮޅުތެރެއިންނެވެ. މާލެ ސަރަހައްދުން ރިޕޯޓުކޮށްފައިވަނީ 410 ކޭސްއެވެ. ފާއިތުވި ދެ ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ޑެންގީ ކޭސް ރިޕޯޓުކޮށްފައިވަ ނީ ހދ. އަތޮޅުންނެވެ. އެ އަތޮޅުން 83 ކޭސް ރިޕޯޓުކޮށްފައިވާއިރު، ގދ. އަތޮޅުން 35 ކޭސް، ކ. އަތޮޅުން 29 ކޭސް، ށ. އަތޮޅުން 20 ކޭސް އަދި ރ. އަތޮޅުން 19 ކޭސް ރިޕޯޓުކޮށްފައި ވެއެވެ. މީގެ އިތުރުން މ. އަތޮޅާއި އދ. އަތޮޅުންވެސް ގިނަ އަދަދަކަށް ކޭސްތައް ވަނީ ފެނިފައެވެ.

ވަކިވަކި ރަށްރަށަށް ބަލާއިރު، އެންމެ ގިނަ ކޭސް ފެނިފައިވަނީ އާބާދީ ބޮޑެތި ރަށްރަށުންނެވެ. ފާއިތުވި ދެ ހަފްތާގެ ތެރޭގައި އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ ހދ. ކުޅުދުއްފުށިންނެވެ. އެ ރަށުން އެކަނިވެސް 62 ކޭސް ރިޕޯޓުކޮށްފައި ވެއެވެ. ދެވަނައަށް އެންމެ ގިނަ ކޭސް ފެނިފައި ވަނީ ށ. މިލަންދޫންނެވެ. އެ ރަށުން 17 ކޭސް ރިޕޯޓުކޮށްފައިވާ އިރު، ގދ. ތިނަދޫން 16 ކޭސް، މާލެއިން 15 ކޭސް އަދި އދ. މާމިގިލިން 13 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން ހދ. ފިނޭ، މ. މަޑުއްވަރީ، ކ. މާފުށި، ކ. ތުލުސްދޫ އަދި ގދ. ގައްދޫއަކީވެސް މި ދުވަސްވަރު ޑެންގީގެ ކޭސްތައް ގިނައިން ފެންނަމުންދާ ރަށްރަށެވެ.

ޑެންގީ ހުމާއި މަދިރީގެ ޒަރީއާއިން ފެތުރޭ އެހެނިހެން ބަލިތައް އިތުރުވަމުންދާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މަދިރިން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅުތައް

  • މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމާއި، ހުސް ފުޅި އާއި ދަޅު ފަދަ ތަކެތި ގޯތިތެރޭގައި ފެން ހަރުލާ ގޮތަށް ނުބެހެއްޓުން
  • ފަތިސް ގަޑިއާއި އިރުއޮއްސޭ ވަގުތު ގޭގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން.
  • ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި، ޑީޓް (DEET) ނުވަތަ ޕިކާރިޑިން އެކުލެވޭ މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުން.

ގޭގައި ފަރުވާ ހޯދާ ފަރާތްތަކުން ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި، ހުން މަޑުކުރުމަށް ހަމައެކަނި ޕެރެސެޓަމޯލް ބޭނުންކުރުމަށް އެޗްޕީއޭއިން ލަފާދެއެވެ. އަދި ތިން ދުވަހަށްވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ މާބޮޑަށް ވަރުދެރަވާ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ފުރާނައަށް ނުރައްކާވުމުން ސަލާމަތްވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ. ކުރިއަށް އޮތީ ވިއްސާރަ މޫސުމަށް ވުމާއެކު، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މަދިރި އާލާވާ ތަންތަން ނައްތާލުމުގެ ހާއްސަ ހަރަކާތްތަކެއް މުޅި ރާއްޖޭގައި ފެށުމަށް އެޗްޕީއޭއިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.