ޑެންގީ ހުން ޖެހިގެން އަންހެން ކުއްޖަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އުމުރުން 17 އަހަރުގެ މ. މުއްޔަށް ނިސްބަތްވާ އާއިޝަތު އަންޖަލް މުމްތާޒެވެ. އަންޖަލް ނިޔާވެފައިވަނީ ޑެންގީ ޖެހިގެން ފަރުވާ ދެމުން ދަނިކޮށްކަށްކަން މި ނޫހަށް ވަނީ ކަށަވަރު ވެފައެވެ.
މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މުލި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ އަންޖަލް ނިޔާވެފައި ވަނީ ރޭގެ ވަގުތެއްގައެވެ. އަންޖަލްގެ ކަށުނަމާދު އޮންނަނީ މިއަދުގެ ހުކުރު ނަމާދަށްފަހު، މުލީ މަސްޖިދުލް މުސާވާތުގައެވެ.
މިއީ ޑެންގީ ޖެހިގެން މި މަހު ނިޔާވި ދެވަނަ ކުއްޖާއެވެ. ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި، ށ. މިލަންދޫ ޒުވާނަކު މި މަހުގެ 13 ވަނަ ދުވަހުވެސް ވަނީ ނިޔާވެފައެވެ. އުމުރުން 23 އަހަރުގެ މި ޒުވާނާއަށް ޑެންގީ ޖެހިގެން ފުރަތަމަ ފަރުވާ ދީފައި ވަނީ ށ. މިލަންދޫގައެވެ. އެއަށްފަހު ހާލު ސީރިއަސްވުމުން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މާލެ ގެނެސްވެސް ފަރުވާ ދީފައި ވެއެވެ.
އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް އޭނާ ވަނީ ނިޔާވެފައެވެ.
މި ދުވަސްވަރު ކަންބޮޑުވާ މިންވަރަށް ޑެންގީ ފެތުރެމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެ ގޮތުން މިދިޔަ މާޗްމަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ މަހު އެކަނި ވެސް ވަނީ 535 ކޭސް ރިޕޯޓްކޮށްފައެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުންވެސް މި ބަލިތައް ރިޕޯޓުކުރަމުންދާކަން އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފައެވެ.
ޑެންގީ ހުމަކީ އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައުމާއި، ގައިގައި ރިއްސުމާއި، ލޮލުގެ ފަހަތުގައި ރިއްސުމާއި، ހުޅުހުޅުގައި ރިއްސުން ހިމެނެއެވެ. ބައެއް ހާލަތްތަކުގައި މި ބަލި ނުރައްކާތެރި ދަރަޖައަކަށް ގޮސް، ޑެންގީ ހެމޮރެޖިކް ފީވާ ފަދަ ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ދެއެވެ.
ޑެންގީ ހުންޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވަމުންދާތީ، އެޗްޕީއޭއިން ވަނީ ޑެންގީހުން ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް ވަރަށް ބޮޑަށް އިލްތިމާސްކޮށްފައެވެ.
