ފަލަސްތީނުގެ ރައްޔިތުންނާއެކު އޮތް އެއްބައިވަންތަކަމަކީ ހަމައެކަނި ބުނެލާ ބަހަކަށް ވެގެން ނުވާނެ ކަމަށާއި، އެ ރައްޔިތުންނަށް ބޭނުންވަނީ އިންސާފާއި ރައްކާތެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި އެކްސް މެދުވެރިކުރައްވައި ހިއްސާކުރެއްވި މެސެޖެއްގައެވެ. ރައީސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ސުލްހައާއި މިނިވަންކަމާއި ކަރާމާތަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު އެ ރައްޔިތުންނާއެކު ދެމިއޮންނާނެ ކަމަށެވެ. އަދި އެމީހުންގެ އަމިއްލަ ވަޒަނުގައި މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރިހަމަ ހައްގު އެ ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ނިމުމެއްނެތް ބޮޑެތި ވޭނާއި ކެކުޅުންތަކަކީ، އެ ސަރަހައްދުގައި ހިންގަމުންދާ އަނިޔާވެރިކަން ވަގުތުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން މަޖުބޫރުކުރާ ކަމެއްކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އިންސާނީ އެހީތެރިކަން އެއްވެސް ހުރަހެއްނެތި ފޯރުކޮށްދިނުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކޮށް އެ ގާނޫނުތައް ނެގެހެއްޓުމަށްވެސް ރައީސް ގޮވާލެއްވިއެވެ.
ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، އދ. އަދި ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ. އެގޮތުން، އައިސީޖޭ ގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ދިވެހިރާއްޖެއިން ވަދެފައިވާކަމާއި، އދ. ގެ ރިލީފް އެންޑް ވާކްސް އެޖެންސީ (އަންރުވާ) އަށް ރާއްޖެއިން އެއްބާރުލުން ދެމުންދާކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
މީގެއިތުރުން، އދ. ގެ ފުރިހަމަ މެންބަރު ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަނެ، އެ ޖަމާއަތުގެ ހުރިހާ ގޮފިތަކެއްގައި ފަލަސްތީނަށް ހަމަހަމަ ހައްގުތަކާއި ފުރިހަމަ ބައިވެރިވުން ލިބެންޖެހޭނެ ކަމަށް ރާއްޖެއިން އަބަދުވެސް ދެކޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށް ރާއްޖެއިން ކުރާ ތާއީދު އެގޮތުގައި ދެމިއޮންނާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
