އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލައިގައި އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ފަސް ކުށެއްގެ ތުހުމަތު ފުލުހުން ކޮށްފިއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ހަސަން ވަނީ ތަހުގީގުގެ ބޭނުމަށް ސުވާލު ކުރުމަށް ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. އެހެންނަމަވެސް ހަސަން ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގަށް ބަޔާން ދިނުމަށްފަހު އޭނާގެ ވަކީލު ސައްޔާރު ހަލީލު ވިދާޅުވީ މަސްދަރު ހާމަކުރުމަށް މަޖުބޫރު ނުކުރުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށެވެ. އެހެންކަމުން ހަސަންގެ ފަރާތުން ތުހުމަތުތަކަށް އިންކާރުކޮށް ހަނު ހުރުމުގެ ހައްގު ބޭނުން ކޮށްފައިވާކަމަށް ސައްޔާރު ވަނީ ވިދާޅުވެފައެވެ. އިތުރަށް ސައްޔާރު ވަނީ މިއީ ކަނޑައެޅިގެން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މި ޑޮކިއުމެންޓްރީ އާއި ގުޅިގެން ހަސަންގެ މައްޗަށް ކުރާ ޖިނާއީ ތުހުމަތުތަކީ:
- މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް - ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ
- މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް - ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ ހ. ގެ ދެވަނަ ނަންބަރުގެ ދަށުން
- ގަޛްފުގެ ކުށް - ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާ
- ކުށެއް ކުރުމަށް އެދުން - ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާ
- ކުށެއް ކުރުމަށް ރޭވުން - ގާނޫނުލްއުގޫބާތުގެ 82 ވަނަ މާއްދާ
ކާކުކަން ނޭނގޭ ގޮތަށް އަދި އަޑު ބަދަލުކޮށްގެން ދައްކާފައިވާ ވާހަކަތަކެއް ހިމަނައިގެން އަދަދުން ހެދި ޑޮކިއުމެންޓްރީ އާއި ގުޅިގެން މިހާތަނަށް ތިން މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.
