ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު، ހެލްތް މިނިސްޓަރު ގީލާ އަލީއާ މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ މި ބައްދަލުކުރުމުގެ މަގްސަދަކީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުންކަމަށެވެ. އެގޮތުން ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން މި ދާއިރާއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، ނަފްސާނީ ބަލިތަކާ ގުޅުންހުރި މައްސަލަތަކުގައި ފުލުހުން ހަރަކާތްތެރިވާއިރު ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ކޮމިޝަނަރު ވަނީ މިނިސްޓަރާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ހުރިހާ އުމުރުފުރާތަކަކަށް އަމާޒުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ފެށުމާ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ނަމަވެސް ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލަސްނުވެ އެންމެ ފުރިހަމަ ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ނަފްސާނީ ބަލި ތަހައްމަލު ކުރާ ފަރާތްތަކަށް ހާއްސަކޮށް މާލޭގައި މެންޓަލް ހޮސްޕިޓަލެއް އަޅަން ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ވަގުތަކީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް އިތުރު އެހީއެއް ބޭނުންވާ ފަދަ ދުވަސްވަރެއްކަމަށާއި، މިކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މެންޓަލް ހެލްތް ހޮސްޕިޓަލް އެޅުމުގެ ކަންކަން ދައުލަތުގެ ބަޖެޓުގެ ދަށުން ކުރަން ނިންމާފައިވާ ކަމަށެވެ.
ނަފްސާނީ ބަލިތަކަށް އާސަންދައިން ފަރުވާ ދޭން ފެށި ފަހުން މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ވަނީ ނަފްސާނީ ބަލިތައް އިތުރުވަމުންދާ ދިއުން ފެނި މިކަމަށް އެހީތެރިކަން ބޭނުވާ މިންވަރު ދެނެގަނެ އެކަމަށް ފިޔަވަޅުތައް އެޅުން މުހިއްމު ކަން ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، މިދިޔަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް 10،954 ފަރާތަކަށް މެންޓަލް ހެލްޓް ދާއިރާއިން ސައިކޭޓްރިކް ކޮންސަލްޓޭޝަން ހިދުމަތާއި ސައިކޮލޮޖިކަލް ތެރަޕީ ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 8125 ފަރާތަކުން މި ހިދުމަތް ހޯދާފައި ކަން ރައީސް ފާހަގަކުރެއްވިއެވެ.
