"އަދަދު" ނޫހުގެ އޮފީހަށް ފުލުހުން ވަދެ އެތަން ބަލައި ފާސްކުރަން ފެށުމާ ގުޅިގެން، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ބައިވެރިންނާއި އެހެންއި ނޫސްވެރިން އެ ނޫހުގެ އޮފީސް ކުރިމަތީގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

'އައިޝާ' ގެ ނަމުގައި އަދަދު ނޫހުން ގެެނެސްދިން ޑޮކިއުމަންޓްރީގެ މައްސަލައިގައި ފުލުހުން ދަނީ އެ ނޫހުގެ އޮފީހަށް ވަދެ ފާސްކުރަމުންނެވެ. އެއާއެކު އެކަމާ ދެކޮޅަށް އެ އޮފީސް ކުރިމަތީގައި ނޫސްވެރިން ދަނީ އަޑުއުފުލަމުންނެވެ.

އެމްޖޭއޭއިން ބުނި ގޮތުގައި، މި އިހުތިޖާޖުގެ ބޭނުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ކުރާ މަސައްކަތްތަކާ ދެކޮޅު ހެދުން ކަމަށެވެ. އަދި ހަމަ އެހެންމެ މިނިވަން ނޫސްވެރިކަމަށް ބިރުދެއްކުމާއި، ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅުން ވަގުތުން ވަގުތަށް ހުއްޓާލުމަށް އެމްޖޭއޭއިން ކަމާބެހޭ މުއައްސަސާތަކަށް ދަނީ ގޮވާލަމުންނެވެ.

މީގެ އިތުރުން ވެސް ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން އަންނަ އެއްވެސް އަމަލެއް ސަރުކާރުގެ މުއައްސަސާތަކުން ކޮށްގެން ނުވާނެ ކަމަށް އިހުތިޖާޖުގެ ބައިވެރިން ބުނަމުންދެއެވެ. އިހުތިޖާޖުގެ ބައިވެރިން މަގުމަތީގައި ހަރަކާތްތެރިވަމުންދަނީ ޝުއޫރުތައް ލިޔެފައިވާ ތަފާތު ބޯޑުތަކާއެކު އެވެ.

އަދަދު ނޫހުގެ އޮފީސް ފާސްކުރަން ފަށާފައި މިވަނީ އެ ޑޮކިއުމަންޓްރީގައި ހިމެނޭ ވާހަކަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކަން ދޮގުކުރައްވައި، އަދަދުން ދޮގު ހަބަރު ފެތުރިކަމަށްބަލަައި މައްސަލަ ތަހުގީގު ކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުގައި މިއަދު އެދިވަޑައިގެންފައިވާވުމާއެކުއެވެ.

މިއަދު ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދު ނޫހުގެ ނޫސްވެރިޔާ ވަނީ ރަމަޟާން މަހު އާންމު ވެގެން ދިޔަ އޭއައި ބޭނުންކޮށްގެން ޖެނެރޭޓްކޮށްފައިވާ ވީޑިއޯ އަކީ އެ ނޫހަށް ލިބިފައިވާ ހެއްކާ އެކު އުފައްދާފައިވާ ޑޮކިއުމަންޓްރީއެއް ކަމަށް ބުނެފައެވެ. އަދި އެ ޑޮކިއުމަންޓްރީގައި އެމަނިކުފާނަށް ތުހުމަތު ކުރެވޭ ކަންކަމާ ގުޅުވާ ވަނީ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ ނޫހަކުން އެމަނިކުފާނާ ގުޅުވައިގެން ދާދިފަހުން ނެރުނު ވީޑިއޯ ޑޮކިއުމަންޓްރީއަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ އެއްޗެއް ކަމަށެވެ. އެ ވީޑިއޯގައި އެމަނިކުފާނަށް އަމާޒުކޮށްފައިވާ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ދޮގު މައުލޫމާތު ފެތުރި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަދަދު" ނޫހުގެ އޮފީހަށް ފުލުހުން ވަދެ އެ ތަން ފާސްކުރަމުންދިޔުމާ ގުޅިގެން އެ އަމަލު، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން އިދިކޮޅު ފަރާތްތަކުންވެސް ދަނީ ކުށްވެރިކުރަމުންނެވެ. އެކަމާ ގުޅިގެން ޝާހިދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މިނިވަން މީޑިއާތަކަށް ބިރުދެއްކުމަށް ސަރުކާރުން ކުރާ މި މަސައްކަތަކީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި، މައުލޫމާތު ހޯދައި ލިބިގަތުމަށް ރައްޔިތުންނަށް އޮތް ހައްގަށް ދިން ސީދާ ހަމަލާއެއް ކަމަށެވެ.