"އަދަދު" ނޫހުގެ އޮފީހަށް ފުލުހުން ވަދެ އެ ތަން ފާސްކުރަމުންދިޔުމާ ގުޅިގެން އެ އަމަލު، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކުށްވެރިކުރައްވައިފިއެވެ.

'އައިޝާ' ގެ ނަމުގައި އަދަދު ނޫހުން ގެެނެސްދިން ޑޮކިއުމަންޓްރީގެ މައްސަލައިގައި ފުލުހުން ދަނީ އެ ނޫހުގެ އޮފީހަށް ވަދެ ފާސްކުރަމުންނެވެ. އެކަމާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މިނިވަން މީޑިއާތަކަށް ބިރުދެއްކުމަށް ސަރުކާރުން ކުރާ މި މަސައްކަތަކީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި، މައުލޫމާތު ހޯދައި ލިބިގަތުމަށް ރައްޔިތުންނަށް އޮތް ހައްގަށް ދިން ސީދާ ހަމަލާއެއް ކަމަށެވެ.

އަދި މިއީ ނޫސްވެރިންގެ މަސައްކަތަށް ހުރަސްއަޅައި، ނޫސްވެރިކަން ކުރުމުގެ ޖާގަ ހަނިކުރުމަށް ސަރުކާރުން ހިންގި "ލަދުވެތި" އަމަލެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވާފައެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެއް ތަނބު ކަމަށާއި އެއީ ވެރިކަމުގެ ބާރުގައި ތިއްބަވާ ބަޔަކު ހިތަށްއެރުމުން ދޭ، ނުވަތަ ބޭނުންވުމުން އަތުލެވޭނެ ފަދަ "އިނާޔަތެއް" ނޫން ކަމަށެވެ.

އަދަދު ނޫހުގެ އޮފީސް ފުލުހުން ފާސް ކުރުމުގެ ތެރެއިން / ފޮޓޯ: ސޯޝަލް މީޑިއާ

އެ ނޫހުގެ އޮފީސް ފާސްކުރަން ފަށާފައި މިވަނީ އެ ޑޮކިއުމަންޓްރީގައި ހިމެނޭ ވާހަކަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކަން ދޮގުކުރައްވައި، އަދަދުން ދޮގު ހަބަރު ފެތުރިކަމަށްބަލަައި މައްސަލަ ތަހުގީގު ކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުގައި މިއަދު އެދިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދު ނޫހުގެ ނޫސްވެރިޔާ ވަނީ ރަމަޟާން މަހު އާންމު ވެގެން ދިޔަ އޭއައި ބޭނުންކޮށްގެން ޖެނެރޭޓްކޮށްފައިވާ ވީޑިއޯ އަކީ އެ ނޫހަށް ލިބިފައިވާ ހެއްކާ އެކު އުފައްދާފައިވާ ޑޮކިއުމަންޓްރީއެއް ކަމަށް ބުނެފައެވެ. އަދި އެ ޑޮކިއުމަންޓްރީގައި އެމަނިކުފާނަށް ތުހުމަތު ކުރެވޭ ކަންކަމާ ގުޅުވާ ވަނީ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ ނޫހަކުން އެމަނިކުފާނާ ގުޅުވައިގެން ދާދިފަހުން ނެރުނު ވީޑިއޯ ޑޮކިއުމަންޓްރީއަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ އެއްޗެއް ކަމަށެވެ. އެ ވީޑިއޯގައި އެމަނިކުފާނަށް އަމާޒުކޮށްފައިވާ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ދޮގު މައުލޫމާތު ފެތުރި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.