ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ޝަރުތުތަކާއެކު ދިރާސާކުރާ ލިޔުންތައް ބެލުމުގެ އިންތިޒާމު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހަމަޖައްސައިފިއެވެ.

ޕީޖީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި އިންތިޒާމު ހަމަޖައްސާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކާ ގުޅިގެން، ދިފާއީ ވަކީލުންނާއި ދައުވާލިބޭ ފަރާތްތަކަށް ލިޔުންތައް ދިރާސާކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ. އަދި މި އިންތިޒާމު ހަމަޖެއްސީ ސުޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/09 ޤަޟިއްޔާގެ ނިންމުމަށް ރިއާޔަތްކޮށް ކަމަށް ވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވެއެވެ.

އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ހިމެނޭ ލިޔުންތައް ކޯޓުގައި ބަލައި ދިރާސާކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކޯޓުތަކަށް ދަތިވާނަމަ، ހަރުދަނާ އުސޫލުތަކެއްގެ ދަށުން ޕީޖީ އޮފީހުގައި ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްގައި އެ ފުރުސަތު ދިނުމަށް އެންގުމުގެ އިހުތިޔާރު ފަނޑިޔާރުންނަށް ލިބިގެންވާ ކަމަށެވެ.

މި ނިންމުމާ އެއްގޮތަށް، 26 އެޕްރީލް 2026 އިން ފެށިގެން ޕީޖީ އޮފީހުން ހުދުމަތް ދޭން ފަށާނެ އެވެ.

މިކަން ކުރިއަށްގެންދިއުމަށްޓަކައި "ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ޝަރުތުތަކާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހެކިތައް ބަލައި ދިރާސާކުރުމުގެ ފުރުސަތު ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި ހާއްސަ އުސޫލެއް މިހާރު ވަނީ އެކުލަވާލާފަ އެވެ. މި އުސޫލުގެ ދަށުން، ކޯޓަކުން އަމުރުކޮށްފިނަމަ، ދައުވާލިބޭ ފަރާތަށް އެ އޮފީހުގައި ހެކިތައް ބަލައި ދިރާސާކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި އިންތިޒާމުގެ ދަށުން ހެކި ބަލައި ދިރާސާކުރަން ބޭނުންވާ ފަރާތްތަކުން، އެކަމަށް ހާއްސަކޮށްފައިވާ ފޯމު ހުށަހަޅަންޖެހެ އެވެ. މި ފޯމަކީ އެކުލަވާލާފައިވާ އުސޫލުގެ ޖަދުވަލު 1 ގައި ހިމެނޭ "ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހެކި ބަލައި ދިރާސާކުރުމަށް އެދި ހުށަހަޅާ ފޯމު" އެވެ. މި އުސޫލާއި ފޯމު މިހާރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މި އުސޫލުގެ ދަށުން ހެކިތައް ދިރާސާކުރުމުގެ ފުރުސަތު ދެވޭނީ ހަމައެކަނި ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ހެކިތަކަށެވެ. އަދި އެކަން ކުރިއަށްދާނީ އެކަމަށްޓަކައި ހާއްސަކުރެވިފައިވާ ތަނެއްގައި، ކޯޓު އަމުރުގައި ކަނޑައަޅާފައިވާ މިންވަރަށާއި ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހެކި ރައްކާތެރިކުރުމާއި، ހަމައެއާއެކު ދިފާއަށް ލިބިދޭންޖެހޭ ހައްގުތައް ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ އޮފީހުން ވަނީ ސިފަ ކޮށްފައެވެ.