'އައިޝާ' ގެ ނަމުގައި އަދަދު ނޫހުން ގެެނެސްދިން ޑޮކިއުމަންޓްރީގެ މައްސަލައިގައި ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެ ފާސްކުރަން ފަށައިފިއެވެ.
އަދަދު ނޫހުގެ އޮފީސް ފާސްކުރަން ފުލުހުން ވަދެފައި ވަނީ ކޯޓު އަމުރާ އެކުއެވެ.
އެ ނޫހުގެ އޮފީސް ފާސްކުރަން ފަށާފައި މިވަނީ އެ ޑޮކިއުމަންޓްރީގައި ހިމެނޭ ވާހަކަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކަން ދޮގުކުރައްވައި، އަދަދުން ދޮގު ހަބަރު ފެތުރިކަމަށްބަލަައި މައްސަލަ ތަހުގީގު ކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުގައި މިއަދު އެދިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.
މިއަދު ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދު ނޫހުގެ ނޫސްވެރިޔާ ވަނީ ރަމަޟާން މަހު އާންމު ވެގެން ދިޔަ އޭއައި ބޭނުންކޮށްގެން ޖެނެރޭޓްކޮށްފައިވާ ވީޑިއޯ އަކީ އެ ނޫހަށް ލިބިފައިވާ ހެއްކާ އެކު އުފައްދާފައިވާ ޑޮކިއުމަންޓްރީއެއް ކަމަށް ބުނެފައެވެ. އަދި އެ ޑޮކިއުމަންޓްރީގައި އެމަނިކުފާނަށް ތުހުމަތު ކުރެވޭ ކަންކަމާ ގުޅުވާ ވަނީ ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ ނޫހަކުން އެމަނިކުފާނާ ގުޅުވައިގެން ދާދިފަހުން ނެރުނު ވީޑިއޯ ޑޮކިއުމަންޓްރީއަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ އެއްޗެއް ކަމަށެވެ. އެ ވީޑިއޯގައި އެމަނިކުފާނަށް އަމާޒުކޮށްފައިވާ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ދޮގު މައުލޫމާތު ފެތުރި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ކަނޑައެޅިގެން ދޮގު ވާހަކައެއް ތިއީ. 'އަދަދު' ނޫހުން ތިވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. އެނގިވަޑައިގަންނަވާނެ ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭގޮތަށް ތިބޭފުޅުން ވީޑިއޯއެއް ހެއްދެވި ހެއްދެވުމަށް ތި އިއުތިރާފުވެވަޑައިގެންނެވީ. މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާކުރަން އަޅުގަނޑު އެދެން ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިންވެސް އެ ނޫހުން ވަނީ އެމަނިކުފާނަށް އަމާޒުކޮށް އެފަދަ ހަގީގަތާ ހިލާފު ވީޑިއޯތަކެއް ތައްޔާރުކޮށްފައެވެ. އެހެންކަމުން، އެ މީޑިއާއިން މިފަދަ ކަންކަން ތަކުރާރު ކުރުމަކީ އެމަނިކުފާނު ހައިރާންވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ރައީސް މުއިއްޒު ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ދޮގު މައުލޫމާތު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ހާމަކުރައްވައި، ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަމަށް އިންސާފު ހޯއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
