ބ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުޅުދޫގައި ބަޔަކު ވެލާ ފެޅި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލައި ގާނޫނީ ފިޔަވަޅު އަޅަން ފޮނުވައިފިއެވެ.

މި މައްސަލަ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:18 އެހައިކަންހާއިރުއެވެ. ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްޓަކައި ތަހުގީގު ރިޕޯޓު މިހާރު ވަނީ އެންވާރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަށް ފޮނުވާފައެވެ.

ބ. އަތޮޅުގެ ފަޅުރަށްރަށުގައި ވެލާ ފަޅާ މައްސަލައަކީ މީގެ ކުރިންވެސް ފެންމަތިވެފައިވާ ކަމެކެވެ. އެގޮތުން 2023 ވަނަ އަހަރު ބ. ކެންދޫގެ ހަތް މީހަކު، އެ އަތޮޅުގެ ފަޅުރަށެއްކަމަށްވާ، ބ. ކެޔޮދޫގައި ހަ ވެލާ ފަޅައި ކެއްކި މައްސަލައެއްގައި ކޮންމެ މީހަކަށް 33,000 ރުފިޔާގެ މަގުން ޖޫރިމަނާ ކޮށްފައިވެއެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ވެލާ ކަހަނބަކީ ހިމާޔަތްކޮށްފައިވާ އެއްޗަކަށްވާއިރު، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.