ޒަފްރީން މަޑުމަޑުން އޭނާގެ އަތް އަނބުރަމުން ލުކި ޖަހާލީ މުނާޒް ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ދަތިވީމައެވެ. ޒަފްރީންގެ އަތުން މުނާޒް ދޫކޮށްލުމުން އޭނާގެ ފިޔަވަޅު އަވަސްކޮށްލީ އެ ސްޓޫޑިއޯއިން ނިކުންނާށެވެ. ނަމަވެސް ޒަފްރީން ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ މުނާޒް ގޮވާލުމުންނެވެ.
"ޒަފް.. އައި ލަވް ޔޫ..."
ޒަފްރީން ފަސްއެނބުރި މުނާޒާ ދިމާއަށް ބަލާލީ ހައިރާންކަމާ އެކީގައެވެ. މުނާޒްގެ މޫނުމަތިން ފެންނަމުން ދިޔަ އަބުއިކަމުން އޭނާ އެބުނި އެއްޗެއް ރައްދުވާ ފަރާތަކީ ޚުދު ޒަފްރީން އެނގުނެވެ. އެއްޗެއް ބުނަން ޒަފްރީންގެ ދޫ ހަރަކާތް ކޮށްލަން މަސައްކަތްކުރިއެވެ. ނަމަވެސް މުނާޒް ކަރުކެހިލަމުން ވާހަކަ ދެއްކީ އިސް ޖަހާލަމުންނެވެ.
"މަންމާ..."
ދެލޯ ބޮޑުކޮށްލަމުން ޒަފްރީން ފަސްއެނބުރި ބަލާލީ އޭނާގެ ފަހަތުން މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުންނެވެ. މީރާ ހިނިތުންވެލަމުން ޒަފްރީންއާ މުޚާތަބުކޮށް ސައިބޯން އައުމަށް އެދެމުން އޭނާ ހިނގައިގަތީ މުނާޒަށްވެސް ގޮވާލަމުންނެވެ. އިސްޖަހާލަމުން މީރާގެ ފަހަތުން ޒަފްރީން ހިނގައިގަތީ އެގޭ ކާގެއާ ދިމާއަށް ދާށެވެ. ތަންކޮޅަކަށް ގޮސް މުނާޒާ ދިމާއަށް ޒަފްރީން ބަލާލިއެވެ. ލަދުރަކި ހިނިތުންވުމަކާއެކީ ބޮލުގެ އިސްތަށިގަނޑާ ކުޅަލަ ކުޅެލަ މުނާޒް ހުރީ ޒަފްރީނާ ދިމާއަށް ބަލާށެވެ.
ޒަފްރީންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވީ މުނާޒްގެ ހަރާކާތްތައް ހުރި ގޮތުންނެވެ. މުނާޒްގެ ހިތުގެ މަލަކާއަކީ ޚުދު ޒަފްރީން ކަން އެނގުމުން އިތުރަށް ލަދުގަތެވެ. ޒަފްރީންގެ ތުންފަތްމަތިން ފާޅުވި ހިނިތުންވުމުގެ ސަބަބުން މުނާޒަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. އަތުގެ އިނގިލިތައް މުށްކަވާލަމުން އަތަށް ގެނައި ކުޑަ ހަރަކާތަކާ އެކީ ޔޭސް އޭ އޭނައަށް ބުނެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ."
މުނާޒް... ސައި ނުބޮނީތަ؟.."
މިރާ ގޮވާލި އަޑަށް މުނާޒްގެ ދެއަތުން ވަރު ދޫކޮށްލަމުން ހަމަޖެހެން މަސައްކަތްކޮށްލީ އޭނާގެ މަންމަ އެތަނަށް އަންނަނީއޭ ހީވުމުންނެވެ. އާޓް ސްޓޫޑިއޯ ތެރެއިން ނިކުންނަމުން މުނާޒް އޭނާގެ މަންމައަށް ޖަވާބުދިނެވެ.
"މި އަންނަނީ...."
*** *** *** *** *** ***
ކިއެވެލިތަކެއް ކިޔަވަން ތައްޔާރުވަމުން ދިޔަ އިބްޒީމާގެ ހަރަކާތްތައް އަވަސްވެފައިވުމުން ކަމަކަށް އޭނާ ކެތްމަދުވެފައި ވާކަން ދޭހަކޮށްދެއެވެ. މުޅި ކޮޓަރިތެރޭގައިވާ ސާމާނުތައް އެއްފަރާތަކަށް ޖައްސާ ކޮޓަރިމެދުގައި ހުސް ޖާގައެއް ތައްޔާރުކޮށްފައި ހުރީ ހާއްސަ ކަމަކަށެވެ. އުއްބަތިތަކާއެކު ތަޅުންމަތީ އުޑުފައިން އިށީންދެގެން އިބްޒީމާ އިނީ އަކަތަކެއް ކުރަހާށެވެ. ކޮޓަރި ދޮރު ހުރީ އެއްކޮށް ނުލެއްޕިއެވެ. ގޭތެރެއަށް ވަދެގެން އައި ޟިރާރު އެ ކޮޓަރި ދޮރުމައްޗަށް ހުއްޓެމުން އެތެރެއަށް ބަލާލީ މަޑުމަޑުން ދޮރު ފަތުގައި އަތް ޖައްސާލަމުންނެވެ.
ދޮރު ހުޅުވުނު އިރު ކޮޓަރިތެރޭ އިބްޒީމާ ކުރަމުން ދިޔަ މަސައްކަތް ޟިރާރަށް ފެނުމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އިބްޒީމާއަށް ގުޅާލާފަ ކަމަކު ބުނެލާ އިރަށް އެކަމެއް އޭނާ އެހާ ފަސޭހައިން ނިންމާލައެވެ. މިއީ އަބަދުވެސް އިބްޒީމާގެ ފަރާތުން ފެންނަ ކަމެކެވެ. ކަންކަމުގައި ދެބަސްވެ ރުންކުރުވެ ރުޅި މޫޑު ދެއްކިއަސް އޭނާއަކީ ޟިރާރަށް ވަފާތެރި އަންހެނެކެވެ.
ދޮރުން އެތެރެއަށް ޖެހުނު ވައިރޯޅި އިބްޒީމާގެ ހަށިގަނޑުގައި ބީހިލުމާއެކީ އެއް އަތުގައި ހުރި އުއްބަތިތައް ބިންމަތީ ބެހެއްޓުމަށްފަހު ދޮރާދިމާއަށް ބަލާލަން ބޯ އަނބުރާލީ އަނެއް އަތުގައި އޮތް ޗޯކްކޮޅުން ތަޅުމުގައި ކުރަހަމުން ދިޔަ އަކައިގެ ފާހަގަ ނިންމާލަމުން އަތަށް ބާރެއް ލާ އެ ޗޯކުބުރި ތަޅުންމަތީ ވިއްދާލަމުންނެވެ. އެހުރިތަނުން އޭނާ ދެތުވެ ޟިރާރާ ކުރިމަތިލީ ހިނިއައިސް ހުރެއެވެ.
ދޮރުމަތީ ހުރި ޟިރާރަށް އޭރު މާނޭވާ ލެވެނީއެވެ. ދަލުން ތެމި ފޯވެފައި ހުރި ޟިރާރު ކުރިއަށް ޖެހިލަމުން އިބްޒީމާއާ ދިމާއަށް ދިއްކޮށްލީ އޭނާގެ އަތުގައި އޮތް ރަތް ހާލެވެ. އެ ހާ އޭރުވަނީ ގަދަހަދަން ތެޅިފޮޅުމުގެ ސަބަބުން ބަލިވެ ހަރަކާތް މަޑުވެފައެވެ. ހާލާ ދިމާއަށް ބަލާލަމުން އިބްޒީމާ އެ ހުރި ތަނުން ތެދުވެ ހިންދެމިލީ ނުލަފާ ވައްތަރެއް އަނގަޔަށް ޖައްސަމުންނެވެ.
"ކަލޭތަ ހިފީ... ކިހިނެއް ތިކަން ކުރީ. ތީކީ އެހާ ފަސޭހައިން ވާނެ ކަމެއް ނޫން..."
ޟިރާރު ދިއްކުރި ހާލުގެ ފިޔަގަނޑުގައި ބާރުބާރަށް ހިފަމުން ޟިރާރުގެ މޫނަށް އިބްޒީމާ ބަލާލިއެވެ. "ދެރޭ ވީ ތިކަމެއްގަ އުޅޭތާ. މިރޭ ހިތަށް އެރީ ރަނގަޅު ލަގާއެއް ދޭނަމޭ. އިރުއޮއްސެން އުޅެނިކޮށް ތި ރަތްހާ ފެނިގެން އެއަށް ފާރަލަމުން މި ދުވަނީ. އަނދިރިވާން ފެށީމަ ހިރުނދުގަހަކަށް އަރާ މަޑުޖެހި ނިދޭހާ އިރު ކޮށްފަ އަހަރެން ގޮސް ޓޯޗުން އަލިކުރީ... ދެން އޭތި ގަހުން ވެއްޓުނުތާވެސް އެތައްއިރެއްވީ ފަހުން މަށަށް ހިފޭ ވަރުވީ..."
ކިސަޑުން ތަތްތެޅިފައިވާ ޟިރާރާ ދިމާއަށް ބަލާލަމުން އިބްޒީމާ ހިނިގަނޑެއް ޖަހާލިއެވެ. "ދޭ ގިފިއްޔަށް ވަދެ ފެންވަރައިގެން އަންނަން.. އޭރަށް މި ހާލުގެ ދުވަސް ދުއްވާލާނަން...."
އިބްޒީމާގެ އެދުމަށް ޟިރާރު އެގޭ ގިފިއްޔާ ދިމާއަށް މިސްރާބުޖެހީ ވަރަށް އުފަލުން ހުރެއެވެ. އޭނާގެ މަގްސަދު ހާސިލް ވާން ކައިރިވަމުން ދާ ކަން އެނގި ތުންފަތާ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ. ގޯތިތެރެއަށް އިބްޒީމާ ނިކުތީ ބަދިގެއިން ތެއްޔަކާއި ބޮޑު ވަޅިއެއް ހިފައިގެންނެވެ. އުޑު ފެންނަހެން ހާސާކޮށް އޮތް ހުސް ބިމުގައި ހުރެ ވަލުފަރާތަށް ދެވެން އޮތް މަގާ ދިމާލުން ބިޔަކޮށް ހެދިފައިވާ ގަސްތަކާއި ދިމާއަށް އިބްޒީމާ ބަލާލީ އަތުގައި އޮތް ހާލުގެ ފިޔަފަތްގަނޑުގައި ހިފާފައިވާ އަތަށް ބާރުކޮށްލަމުންނެވެ. ހާލުގެ ދެލޯ މަރާލުމަށްފަހު ހުޅުވާލި ވަގުތު ގަސްތަކުގެ ތެރެއިން ރަތްކަން ގަދަ ދެލޯ ދިއްލިގެން ދިޔަތަން އިބްޒީމާއަށް ފެނުނެވެ. ހަމަ އެވަގުތު އިބްޒީމާ ބަލާލީ އުޑުމައްޗަށެވެ. ބުރުހަމަ ފުރިހަމަ ހަނދާ ދިމާއަށް ބަލާލުމަށްފަހު އޭނާ އިސްއޮބާލީ އޭނާގެ މަސައްކަތައް ރުޖޫއު ވާން ބިންމަތީ ދެކަކޫ ޖަހާ އިށީންނަމުންނެވެ.
ބިންމަތީގައި ހުރި ތެލީގެ ތެރެއަށް އެހާ ތިރިކޮށްލުމަށްފަހު އޭތީގެ ކަރުގައި ތޫނު ވަޅި ޖައްސާލަމުން އިބްޒީމާ ތުންތަޅުވާލިއެވެ. އަދި އެއް ފަހަރުން އޭތީގެ ކަރުގައި ވަޅި އަޅާލުމާ އެކީ އެ ހާ ކުކުރާލިއެވެ. އޭތީގެ ކަރުދަށުން ދުނިލާފައި ނިކުތް ލޭތައް އިބްޒީމާގެ މޫނަށާ ގަޔަށް ބުރައިގެން ދިޔައެވެ. އެހާލުގެ ފިޔަގަނޑުގައި ހިފާ ތެލީތެރެއަށް ތިރިކޮށްލީ އޭގެ ލެއިން އެ ތެލި ފުރާލުމުގެ ބޭނުމުގައެވެ. އޭރުވެސް އޭތީގެ ފުރާނަ ސަލާމަތްވުމަށް ފިޔަގަނޑަށާއި ފަޔަށް ބާރުލަމުން ދިޔައެވެ.
ގިފިލީގައި ހުރި ޟިރާރަށް ހާލުގެ ކުކުރާލުމުގެ އަޑު އިވުމާ އެކީ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އިބްޒީމާގެ މަސައްކަތް ފުރިހަމަ ކޮށްފިކަން އޭނާއަށް ކަށަވަރުވީއެވެ. ވަޅު ތެރެއިން ނެގި ފެންދާނި މައްޗަށް އުފުލާލަމުން އޭނާގެ ބޮލަށް އޮއްސާލީ ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލަމުންނެވެ. ދެލޯ މަރާލަމުން މޫނު މައްޗަށް އޮހިގެން ދިޔަ ފެންތަކާ އެކީ އިސްތަށިގަނޑުގައި އަތްހާކާލީ އަވަހަށް ފެންވަރައިގެން ނިކުމެ ދެން ހުރި މަސައްކަތް ފުރިހަމަ ކުރުމުގެ ފޮނި އުންމީދުގައެވެ. ދާނި އަނބުރާ ވަޅުތެރެއަށް ވައްޓާލުމާއެކީ ފެންގަނޑު މަތީ ދާނި ޖެހުނު އަޑަށް ގަސްތަކުގައި ޖައްސާފައިވާ ދޫނިތައް އުދުއްސައިގެން ދިޔައެވެ. ވަޅުތެރެއަށް ދާނީ ގަންބާލަމުން ޟިރާރުގެ ހަށިގަނޑު ވަޅު ދަށަށް ގުދުކޮށްލީ ހިނިތުންވަމުންނެވެ.
*** *** *** *** *** ***
ގޭތެރެއަށް ވަދެގެން އައި ޒިބާންގެ ސަމާލުކަން ހުރީ ކުދިން ތިބޭ ކޮޓަރިއާ ދިމާއަށެވެ. ގެއިން ބޭރަށް ފެނަމުން ދިޔަ ގަދަ އަލިކަމަކީ އެކޮޓަރިން ބޭރަށް އެޅިފައިވާ އަލިކަމެއްކަން ޒިބާނަށް ކަށަވަރުވިއެވެ. ކާން ހަދަން ހުރި ތަޒްކިޔާއަށް ބަލާލެވުނީ ޒިބާންގެ އަވަސްވެފައިވާ ހަރަކާތަށެވެ. ކާން އަންނާށޭ ތަޒްކިޔާއަށް ނުބުނެވެނީސް ޒިބާންގެ ފިޔަވަޅު އަވަސްކޮށްލީ ކުދިވެރިންގެ ކޮޓަރިއަށް ދެވެން ހުރި ހަރުފަތްތަކާ ދިމާއަށެވެ. ތަޒްކިޔާ ހުއްޓުން އަރާފައި ޒިބާން ދިޔަ ދިމާއަށް ބަލަން މަޑުޖެހިލައިގެން ހުރީ ޒިބާންގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރު މާ ރަނގަޅު ނޫންކަން އެނގުމުންނެވެ.
ކޮޓަރިއާ ހަމައަށް ގޮސް ޒިބާންގެ ފިޔަވަޅު މަޑުޖައްސާލިއެވެ. އެއް އަޑެއްހެން ބޭރަށް އިވެމުން ދިޔައީ ޒޯއީއާ މެހެކްގެ ކިޔެވެލީގެ އަޑެވެ. ފުން ނޭވާއެއް އެތެރެކޮށްލުމަށްފަހު ދަތްކުނޑި ވިކާލަމުން އެ ކޮޓަރީގެ ދޮރުހުޅުވާލަން އޭނާ މަސައްކަތް ކުރިއެވެ. ދޮރުފަތް ހުޅުވިގެން ދިޔަ ވަގުތު ޒިބާންގެ އަތް މޫނު މައްޗަށް ހުރަސްކޮށްލީ އެކޮޓަރި ތެރެއިން ބޭރަށް އެޅުނު ގަދަ އަލިކަމެއްގެ ސަބަބުން އޭނާގެ ދެލޮލަށް އުނދަގޫވުމުންނެވެ.
"ޒޯއީ.. މެހެކް... މީ ކޮންކަމެއް؟..." ރުޅި އައިސް ރަތްވެފައިވާ ހާލުގައި ޒިބާން އޭނާގެ ބަރު އަޑުން ދެ ކުދިންނަށް ގޮވާލިއެވެ. ހަމައެއާއެކު އެކޮޓަރީގެ މެދުގައި ދެއަތް ގުޅާލައިގެން ކިޔަވަން ތިބި މެހެކްއާ ޒޯއީގެ ކިޔެވުން ހުއްޓާލުމަށްފަހު ހުޅުވިފައިވާ ދޮރާ ދިމާއަށް ބަލާލީ ޖެހިލުންވެ ތިބެއެވެ. އެ ދެކުދިންގެ ވަށާ ދިއްލިފައިވާ ހުދު އަލިކަން މަޑުވެ ތަނަށް އަނދިރިކަން ވެރިވެގެން ދިއުމުން ޒިބާން ކޮޓަރި ތެރެއަށް ކަޅި ހިންގާލަމުން ވާހަކަ ދެއްކީ އެ ދެކުދިން އެކުރާ ކަމަކީ ކޮބައިތޯ އޮޅުން ފިލުވުމުގެ ބޭނުމުގައެވެ.
"ކާކު ބުނެގެން ތި ކަމެއް ތިކުރަނީ؟ ދަރިފުޅުމެންގެ ބާރު ބޭނުންކޮށްގެން ކަންކަން ފަރިތަކުރުން އޮންނާނީ މާކުރިންވެސް މަނާކޮށްފަ. މިހެން ބައްޕަ މިބުނަނީ ކަމެއްވެގެން. ދަރިފުޅުމެންނަށް އިތުރު ދެރައެއް ލިބިދާނެތީ. ގެއްލުމެއް ވެއްޖިއްޔާ ޔޯ..." ހާސްވެ ކަންބޮޑުވެފައިވާ ހާލުގައި ޒިބާންގެ ހިތުގައި ފުނި ޖެހިފައިވާ ޝަކުވާތައް އެއްފައްޗަކަށް އަމުނާލީ އެތާ އިތުރު މީހަކު ހުރިކަން ނޭނގިއެވެ. ދޮރު ކައިރިން އަލިކަމެއް ވީހެން ހީވެގެން އެންމެން އެއްފަހަރާ އެދިމާއަށް ބަލާލިއެވެ. އަތްތިލަ ތެރޭ އަލިގުޅައެއް ފަދަ އަލިފާން ބޯޅައެއް ބައިންދައިގެން ހުރެ ސަކޭރާ ކުރިއަށް ޖެހިލުމުން އެ އަނދިރި ކޮޓަރިތެރެއަށް އަލިކަމެއް ވެރިވެގެން ދިޔައެވެ.
"ބޮޑު ދައިތާ..." ހައިރާންވެފައި ހުރެ ޒިބާން އަށް ބުނެވުނީ އެވަރަށެވެ. ބޮޑުދައިތަ ސަކޭރާ އިސް ޖަހައިގެން ހުރެ ކުރިއަށް ޖެހިލީ ޒިބާންއާ ކުރިމަތިލާ ވާހަކަ ދައްކާށެވެ. ޒިބާންގެ ހުއްދައަކާ ނުލާ އެވަރުގެ ބޮޑުކަމެއް އެކުދިން ލައްވާ ކުރުވަމުން ދާތީ އެކަމާ ސަކޭރާ ހުރީ ޖެހިލުންވެފައެވެ. ނަމަވެސް ހަގީގަތް ހާމަކުރުމުން އެކަމަށް ޒިބާންގެ ފަރާތުން އެއްބާރުލުން ލިބޭނެކަމަށް ސަކޭރާ ގަބޫލު ކުރެއެވެ.
ސަކޭރާއަށް ވާހަކަ ނުދެއްކެނީސް އިވިގެން ދިޔައީ ތަޒްކިޔާގެ އަޑެވެ. ޒިބާން ގެއަށް ވައިންގޮތަށް ކުއްލިއަކަށް ކުދިންގެ ކޮޓަރިއާ ދިމާއަށް ދިއުމުން އޭނާ ބިރުގަނެ ޖެހިލުންވީއެވެ. ވެގެން އުޅޭ ގޮތެެއް ބަލަން ތަޒްކިޔާ އައިސް އެކޮޓަރި ކުރިމައްޗަށް ހުއްޓުނު އިރު ތަޒްކިޔާގެ ފަހަތުން ސައިބްރޯތުވެސް އެތަނަށް ހާޒިރުވެއްޖެއެވެ. ތަޒްކިޔާއާ ސައިބްރޯތަށް ހައިރާންވެ ތިބެ ބަލާލެވުނީ ކޮޓަރި ތެރޭ ތިބި އެންމެންގެ މޫނަށެވެ. އެމީހުން ތިބި ގޮތުން ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ނަގައިގަނެވުނެވެ. އޭރުވެސް މެހެކްއާ ޒޯއީ ތިބީ ތަޅުން މަތީ ދެފައި ވަށްކޮށްގެން އެ ދެކުދިންގެ އަތް ގުޅުވާލައިގެންނެވެ. އެ ދެކުދިންނަށް ބަހެއްވެސް ބުނަން ނުކެރިފައި ބަލަން ތިބެވުނީ ޒިބާންގެ ރުޅިވެރި މޫަނު ފެނުނީމައެވެ.
ސަކޭރާގެ އަތުގައިވާ އަލިގުޅަ މައްޗަށް ފޮނުވާލުމުން އެ އަލި ގުޅަ އެމީހުންގެ ބޯމައްޗަށް ދަތުރު ކުރިއެވެ. އަދި އެ އަލިގުޅައިން މުޅިތަނަށް އަލިވެ ތަންދޮރު ފިލާވަރުގެ އަލިކަމެއް ވެރިވިއެވެ. "ޒިބާން... މީ މިކުދިންނަށް ދަސްކޮށްދޭން ޖެހޭ އެއްޗެކޭ... މިހެން މިކަން ނުކޮށް އަހަރެމެން ތިއްބަސް ވާނީ ގެއްލުން. ހަގީގަތުގަ މުސީބާތެއް ދިމާވާ ދުވަހަކުން އެކުދިންނަށް އެކުދިންގެ ދިފާއުގައި އެބާރުގެ ބޭނުންކުރަން ދަސްވެފަ ހުރެގެން ނޫނީ...."
ސަކޭރާގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ޒިބާންގެ ރުޅިވެރި ބަސްތަކުން އެ ވާހަކަ މެދުކަނޑާލިއެވެ. "ކޮން މުސީބާތެއް... އަހަރެމެންނާ ދިމާވާނެ އެންމެ ބޮޑު މުސީބާތަކީ އިންސާނުން. އެމީހުން ކައިރިއަށް ނުގޮސް އަހަރެމެންނަށް ދިރިއުޅެވޭނެ. އަހަރެން ބުނިން ދޯ ދެން ދުވަހަކުވެސް ދުނިޔެއަކަށް ނުފައިބާނަމޭ... ދެން ޖެހޭނެ ކޮން މުސީބާތެއް އޮތީ.. މެހެކްއާ ޒޯއީގެ ބާރު ބޭނުންކޮށްގެން ކަންތައްތަކެއް ދަސްނުކުރިއަސް އަހަަރެމެންނަށް ހަމަޖެހިގެން އުޅޭވޭނެ. ތިކަން ކުރާކަށް ނުޖެހޭ.."
ކޮޓަރިން ނިކުމެގެން ދާން ހިނގައިގަތް ޒިބާނަށް ބޭރުގައި ހުރި ތަޒްކިޔާއާ ސައިބްރޯތު ފެނުމުން ފިޔަވަޅު މަޑުކޮށްލިއެވެ. ވަގުތުގެ ބޭނުން ހިފަން ލިބޭނެ މީ ފަހު ފުރުސަތުކަމަށް ބަލާފަ ސަކޭރާ އާދޭހުގެ ރާގަކަށް އޭނާގެ އެދުން ހާމަކުރިއެވެ. "ޒިބާން... މިކުދިންގެ ހައްގުގައިވެސް ތިހެން ނުބުނޭ..." އެހުރިތަނަށް ޒިބާން މަޑުޖެހުނު ނަމަވެސް ސަކޭރާއާ ހަތަރުކަޅި ހަމަކުރަން ބޭނުން ނުވާތީ ޒިބާން ހުރީ ދޮރާ ކުރިމަތިލައިގެންނެވެ. ސަކޭރާގެ ވާހަކަތަކަށް އެންމެން ކަނުލާ އަޑުއަހަން ތިބި އިރު ޒޯއީއަށް ރޮވެން ފަށައިފިއެވެ. ތަޒްކިޔާ އެތެރެއަށް ފިޔަވަޅު އެޅީ ޒޯއީ ހުއްޓުވާށެވެ. އެކުދިންގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓޭ ތަން ބަލަން ހުންނާކަށް އޭނާގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ. އެތެރެއަށް ވަދެވަދެ ހުރި ތަޒްކިޔާގެ އަތުގައި ޒިބާން ހިފަހައްޓާލުމާ އެކީ ތަޒްކިޔާގެ ފިޔަވަޅު މަޑުޖެހުނެވެ. ޒިބާންގެ ވަރުގަދަ އަތުން އެނާ ހިފަހައްޓާފައި ވަނީ ތަޒްކިޔާއަށް އެއަތް ދަމައިގަނެވޭނެ ވަރަށް ވުރެ މާ ބާރަށެވެ.
"ޒިބާން... އެކުދިން ދުނިޔެއަށް ނުގޮސް ކިހިނެއް އުޅޭނީ.. އެމީހުންނަކީ އިންސީންގެ ތެރެއިންވާ ބައެކޭ؟.. އެހެންވީ އިރު އެމީހުންގެ ބާރުވެސް ދަސްކުރަން ޖެހޭނެ ދޯ!" ޒިބާނަށް އެވާހަކަތައް ކިޔައިދޭނެ ގޮތެއް ސަކޭރާއަކަށް ނުވިސްނުނެވެ. ރުޅިއައިސް އަލިފާން ކަނި ބުރަމުން ދިޔަ ޒިބާންގެ ލޮލުން ސަކޭރާއާ ދިމާއަށް އޭނާ ބަލާލީ އޭނާގެ ފަހުގެ ނިންމުން ހާމަ ކުރާށެވެ. "އިންސީންގެ ތެރެއިން ވާބަޔަކަސް އެމީހުންނާ ގުޅުން ހުރި ބަޔަކު ދުނިޔޭގަ ވާކަމަކަށް އަހަރެން ގަބޫލެއް ނުކުރަން... އެހެންވީއިރު ދުނިޔެއަށް ދިއުމުގެ އެއްވެސް ބޭނުމެއް ނެތެއްނު... ދެން އިތުރަށް މި މައުލޫއަށް ވާހަކަ ދައްކާކަށް މަ ބޭނުމެއް ނޫން... ތަޒްކީ.. ހިނގާ މިތަނުން ދާން..."
ޒިބާން އެތަނުން ނުކުންނަމުން ދިޔައީ ތަޒްކިޔާވެސް ގޮވައިގެންނެވެ. ތަޒްކިޔާ ކޮޓަރިން ނިކުންނަމުން ފަހުފަހަރަށް ޒޯއީއާ ދިމާއަށް ބަލާލިއެވެ. ޒޯއީއަށް ފެނުނު މަންޒަރުތައް ތަޒްކިޔާ ވަނީ ބަލާފައެވެ. އެކުދިންނަށް މަންޝާ ފެނިއްޖެ ކަމުގެ ސިގްނަލް ލިބިފައިވާކަން އޭނާއަށް އެނގުނު ނަމަވެސް އެވާހަކަތައް އޭނާ ބުނަން ފަސްޖެހުނެވެ. ޒިބާންގެ ލޯބި ގެއްލެން އޭނާ ބޭނުން ނުވަނީއެވެ. ނަމަވެސް ޒޯއީގެ މިލާފައިވާ މޫނު ފެނުމުން ތަޒްކިޔާގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް ވިއެވެ.
ސަކޭރާ ކަރު އެލުވާލުމުން ސައިބްރޯތު ކުރިއަށް ޖެހިލިއެވެ. އޭރު ޒިބާން އާއި ތަޒްކިޔާ އެ ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. އޭނާގެ ދެ ކާފަ ދަރިންނާ ދިމާއަށް ބަލާލަމުން ސައިބްރޯތު ކުރިއަށް ޖެހިލިއެވެ. ދެކުދިންނަށް އިސްއުފުލާލާ ކާފައާ ދިމާއަށް ބަލާލަން ނުކެރިފައި ތިބީއެވެ. ކާފަ ރުޅި އައިސްފި ނަމަ އެގޭ އެންމެންވެސް ބިރުގަނެއެވެ. ކާފަގެ އަމުރާ ހިލާފްވާ ކަމެއް ކުރެވުމުން ކުށްވެރިވެފައިވާ ހާލުގައި އެކުދިން ތިބީ ދޭނެ ޖަވާބަކާ ދޭތެރޭ ވިސްނާށެވެ. މެހެކްގެ ބުޅި އިސްތަށިގަނޑުގައި ސައިބްރޯތު ފިރުމާލިއެވެ. ސިހިފައި އިސްއުފުލާލަމުން ކާފައާ ދިމާއަށް މެހެކް ބަލާލީ ފެންކަޅިވެފައިވާ ދެލޮލުންނެވެ.
އެވަގުތު ސައިބްރޯތަށް ސިފަވެގެން ދިޔައީ އޭނާގެ އަންހެން ދަރި ޒޭބާއެވެ. މޭގައި ފިރުމާލަމުން ސައިބްރޯތު ބިންމައްޗަށް ތިރިވީ އޭނާގެ ހިތުގެ އުދާސްތައް ބޭރުކުރަމުންނެވެ. "އަހަރެންނަށް އިހްސާސްކުރެވޭ ޒިބާންއަށް އެވާ ގޮތް... އެއީ އެއްދުވަސްވަރެއްގަ އަހަރެންވެސް އުޅުނު ގޮތް. ޒިބާންގެ ފަރާތުން އެ ފެންނަނީ އަހަރެންގެ ބޯ ހަރުކަމާއި ރުޅިވެރިކަން... ކައޭޝާ ދުނިޔެއަށް ގޮސް އުޅުމުގެ ތެރޭގައި ޟިރާރުގެ ދަރިއަކަށް ބަލިވެ އިނދެ ޒޭބާ އުފަންކުރުމުން އަހަރެން އައި ރުޅި ސަކޭރާއަށް ރަނގަޅަށް އިނގޭނެ... ޒޭބާ ބެލީ ޒިބާން.. ވީމަ ޒޭބާއަށް ލިބިފައިވާ އާދަޔާ ޚިލާފް އެތައް ބާރުތަކުގެ ބޭނުން ހިފާނެ ގޮތްތައް ކިޔައިދޭކަށް ޒިބާނަކަށް ނޭނގޭނެ... އެކަން ކުރަން ކޮއްކޮ ކައިރީ އަހަރެން މަނާކުރިން.. އޭގެ ނަތީޖާއަކަށް ވީ.. ބޮޑުކަމެއް ޖެހުނު ދުވަހު ޒޭބާ އަނދާ އަޅިއަށް ވެގެން ދިޔައީ..." ސައިބްރޯތުގެ ވާހަކަ އެހިސާބަށް ދިއުމުން ސަކޭރާއަށް އާ ހިތްވަރެއް ލިބުނު ކަހަލައެވެ. ސައިބްރޯތުގެ ވިސްނުން އެހުރީ ކުރިއާ މުޅިން ތަފާތު ގޮތަކަށެވެ. ކުރިން އޭނާއަށް އެޅުނީ ޅައެއްޗެއްކަން ގަބޫލުކޮށް އެކަން ރަނގަޅުކުރަން ބޭނުވެފައިވާކަން ދޭހަވިއެވެ.
(ނުނިމޭ)
