އަތޮޅު ކައުންސިލްތަކާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލުމާ ގުޅިގެން އިދާރީ ދާއިރާތައް ހިންގުމުގައި ގާނޫނީ ހުސްކަމެއް ނެތް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހާމަކޮށްފިއެވެ.
އެލްޖީއޭއިން މިއަދު ނެރުނު ބަޔާނެއްގައި މިހެން ހާމަކޮށްފައިވަނީ، ސަރުކާރުގެ ކެބިނެޓަށް ދާދިފަހުން ގެނައި ބަދަލުތަކަކާ ގުޅިގެން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ގާނޫނީ ހުރަސްތަކަކާއި ހުސްކަމެއް ކުރިމަތިވެފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
ލާމަރުކަޒީ ގާނޫނުގެ 17 ވަނަ އިސްލާހުގެ ދަށުން، އަތޮޅު ކައުންސިލްތައް އުވާލާފައިވާއިރު، މި ހަފްތާގެ ތެރޭގައި ސަރުކާރުން ވަނީ ވަޒީރުންގެ މަޖިލީހުގެ ވުޒާރާތަކުގެ އަދަދު 20 އިން 15 އަށް މަދުކޮށް، ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުގެ ތެރެއިން، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް ވަނީ އުވާލާފައެވެ. މި ބަދަލުތަކާއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގެ ދަށުން، ކައުންސިލްތައް ވިލަރެސްކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވަނީ އެލްޖީއޭއަށެވެ. ހަމައެއާއެކު، އަތޮޅު ކައުންސިލްތަކުގެ ގާނޫނީ ޒިންމާތަކާއި، މުދާ، ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް ބަދަލުވެގެންދާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަން އެލްޖީއޭއިން ފާހަގަކުރިއެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލުމާއި އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމި ނިންމުމާ ގުޅިގެން، މީސްމީޑިއާގެ އެކި މަންސަތަކުގައި ވަނީ ތަފާތު ވާހަކަތައް ފެތުރިފައެވެ. ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވަނީ މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުވެ، ރަށްރަށުގެ އިދާރީ ހިންގުން ހުއްޓުމަކަށް އަންނާނެ ކަމަށެވެ.
މިކަމާގުޅިގެން ނެރިފައިވާ އެލްޖީއޭގެ ރަސްމީ ބަޔާނުގައި، އިދާރީ ދާއިރާތައް ހިންގުމަށް އެއްވެސް ގާނޫނީ ހުރަހެއް ނުވަތަ ހުސްކަމެއް ނެތް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ގާނޫނުން ލިބިދީފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އެ އޮތޯރިޓީން ވަނީ ދީފައެވެ.
