އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީދާ އެދިވަޑައިގަތުމަކަށް، އީރާނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ޗައިނާއިން އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރައްވާފައި ވަނީ އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދިޔަ ހަ ހަފުތާގެ ހަނގުރާމައަށްފަހު، މި މަހުގެ އަށްވަނަ ދުވަހު ގެނައި ދެ ހަފުތާގެ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ފަހު އެމެރިކާއިން ހުރުމުޒު ކަނޑު އޮޅި ބަންދު ކުރުމުން އުފެދުނު ނުތަނަސްވަކާ ގުޅުވައެވެ.
އެމެރިކާއިން ކަނޑުއޮޅި ބަންދު ކުރިކަން އިއުލާން ކޮށް އެއްވެސް އުޅަނދަކަށް، ކަނޑުއޮޅިން ވަދެ ނުކުމެވޭނީ އެމެރިކާގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން ބަލައި ބާސްކޮށްގެން ކަމަށާއި، ކިޔަމަން ނުވާ އުޅަނދުތައް ހުއްޓުވައި، އަރާ ބަލާ ފާސްކުރުމުގެ އިތުރުން ބޭނުން ވެއްޖެ ހާލަތެއްގައި އެމެރިކާގެ ކޮންޓްރޯލުގެ ދަށަށް ގެންދާނެ ކަމަށް ޓްރަމްޕް އޮތީ އިއުލާން ކުރައްވާފައެވެ.
މިއާއެކު ޗައިނާއިން ބުނެފައިވަނީ، ޗައިނާ އާއި އީރާނާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް އެބައޮތް ކަމަށާއި އެ އެއްބަސްވުމަށް ޗައިނާއިން ފުރިހަމައަށް އިހުތިރާމް ކުރާނެ ކަމަށެވެ. އަދި ޗައިނާއިން އެމެރިކާއަށް ގޮވާލައިފައި ވަނީ ޗައިނާގެ ކަންކަމާ ނުބެހި ތިބުމަށެވެ.
ފޮކްސް ބިޒްނަސް ނެޓްވޯކަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނަށް ހަތިޔާރު ނުދިނުމަށް އެދިވަޑައިގެން ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ސިޓީފުޅެއް ފޮނުއްވި ކަމަށެވެ. އަދި އޭގެ ޖަވާބުގައި، ޗައިނާއިން އީރާނަށް ހަތިޔާރު ފޯރުކޮށްނުދޭނެ ކަމުގެ ޔަގީންކަން ދެއްވައި ޝީ ވެސް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް މި ސިޓީތައް ބަދަލުކުރެވުނީ ކޮން އިރަކު ކަމެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
މީގެ އިތުރުން، ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހުރުމުޒު ކަނޑުއޮޅި ޗައިނާއަށް ހުޅުވާލުމަށް އެމެރިކާއިން ނިންމި ނިންމުމާ ގުޅިގެން ޗައިނާ އޮތީ ވަރަށް އުފަލުން ކަމަށެވެ. އަދި އެކަން ކުރައްވަނީ ޗައިނާއާއި މުޅި ދުނިޔޭގެ ލާބައަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަންނަ މެއި މަހުގެ ތެރޭގައި ޗައިނާގެ ވެރިރަށް ބެއިޖިންގައި އޭނާ ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވާއިރު، އެ ބައްދަލުވުމުގައި ޝީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ދެ ގައުމުން ގުޅިގެން ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ހަނގުރާމަ ކުރުމަށް ވުރެ މިއީ މާ ރަނގަޅު ގޮތެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އަސްކަރީ ގޮތުން އެމެރިކާއަކީ އެހެން ހުރިހާ ގައުމަކަށްވުރެ މާ ވަރުގަދަ ގައުމެއްކަން ހަނދާންކޮށްދެއްވަމުން، ބޭނުންވެއްޖެ ހާލަތެއްގައި ހަނގުރާމަކުރަން ވެސް އެމެރިކާ އޮތީ ތައްޔާރަށް ކަމުގެ އިންޒާރު ދެއްވިއެވެ. އަދި ވިދާޅުވީ 'ޝީ އޭނާގެ ގައިގައި ބާރަށް ބައްދާލައްވާނެ' ކަމަށެވެ.
އީރާނަށް ހަތިޔާރު ފޯރުކޮށްދޭ ގައުމުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ. އެގޮތުން، އެފަދަ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 50 އިންސައްތައިގެ ޓެރިފެއް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޗައިނާއިން ކުރިން އީރާނަށް އެހީތެރިވެދީފައި އޮވެދާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށާއި، ނަމަވެސް މިހާރު އެކަން ހުއްޓާލާފައިވާ ކަމަށް އުންމީދުކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި ޗައިނާއިން އީރާނަށް ހަތިޔާރު ފޯރުކޮށްދޭކަން ސާބިތުވެއްޖެނަމަ، ޗައިނާއާ ދެކޮޅަށްވެސް އެ ޓެރިފް ތަންފީޒު ކުރާނެ ކަމަށް ވިދާޅުވިއެވެ.
ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން ކައިރިވެފައި ވާއިރު، އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށްފައެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ އީރާނަށް ކަނޑުމަގުން މުދާ އެތެރެކުރުމާއި ބޭރުކުރުން މިހާރު އެއްކޮށް ހުއްޓުވާފައިވާ ކަމަށެވެ. އަދި އީރާނުގެ ބަނދަރުތަކުން ނުކުންނަން މަސައްކަތްކުރި ދިހަ އުޅަނދެއް އަނބުރާ ފޮނުވާލާފައިވާ ކަމަށްވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި ޗައިނާގެ ތެޔޮ ޓޭންކަރެއްވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް، ޗައިނާގެ ހާރިޖީ ވުޒާރާއިން ވަނީ އެމެރިކާގެ މި ފިޔަވަޅުތަކަށް ގޮންޖަހައި ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ޗައިނާގެ އާގުބޯޓުތައް ހުރުމުޒު ކަނޑުއޮޅިން އަދިވެސް ދަތުރުކުރަމުންދާ ކަމަށާއި، އީރާނާއެކު ވެފައިވާ ވިޔަފާރިއާއި ހަކަތައިގެ އެއްބަސްވުންތަކަށް ޗައިނާއިން އިހުތިރާމް ކުރާނެ ކަމަށެވެ. އަދި ޗައިނާގެ ދާހިލީ ކަންކަމާ އެހެން ފަރާތްތަކުން ނުބެހުމަށްވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.
އީރާނުގެ އަސްކަރިއްޔާއިން ވެސް ވަނީ އެމެރިކާއިން ބަނދަރުތައް ބަންދުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ނުގެނެސްފިނަމަ، އެއީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވުން ކަމަށް ބަލައި، ގަލްފު ސަރަހައްދުގެ ވިޔަފާރި ދަތުރުތައް ހުއްޓުވާލާނެ ކަމުގެ އިންޒާރު ދީފައެވެ.
މި މައްސަލައިގައި އެމެރިކާއާއި ޗައިނާއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާއިރު، އީރާނާއެކު ވެފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އިތުރު މަޝްވަރާތަކެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. އެމެރިކާގެ ވައިޓް ހައުސްއިން ބުނެފައިވަނީ މި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުކުންނާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.
