15 އޮގަސްޓް 1947 ގައި އިންޑިއާއަށް މިނިވަންކަން ލިބުނުއިރު، އެ ގައުމު އޮތީ އިސްތިއުމާރީ ވެރިކަމުގެ ސަބަބުން އިގުތިސާދީ ގޮތުން ނިކަމެތިވެފައެވެ. އޭރު އެ ގައުމުގައި ފަގީރުކަން އިންތިހާއަށް އޮތްއިރު، ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް މަދުވުމާއި، އިޖުތިމާއީ އަދި އިދާރީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް، އޭގެ 79 އަހަރު ފަހުން، މިއަދު އިންޑިއާއިން އެ ގައުމުގެ 80 ވަނަ މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު، އެ ގައުމަށް އައިސްފައިވާ ބަދަލުތަކަކީ ފާހަގަކޮށްލެވޭ ފަދަ ބަދަލުތަކެކެވެ. މިއަދު އިންޑިއާއަކީ 4 ޓްރިލިއަން ޑޮލަރަށް ވުރެ ބޮޑު އިގުތިސާދެކެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ އިތުރުން، އެއީ ނިއުކްލިއާ ބާރެއް އަދި ޓެކްނޮލޮޖީއާއި އީޖާދީ މަސައްކަތްތަކުގެ މައި މަރުކަޒެކެވެ.
އިންޑިއާގެ މި ކުރިއެރުމަކީ، ޑިމޮކްރެޓިކް މުއައްސަސާތައް ހިމާޔަތްކޮށް، ސިޔާސީ ގޮތުން ތަފާތު ފިކުރުތަކަށް ޖާގަދީ، އަދި އެތައް ސަތޭކަ ބަހަކާއި ސަގާފަތެއް އެކުލެވޭ ގައުމެއްގެ ގޮތުގައި އޮވެ ހޯދާފައިވާ ކުރިއެރުމެއް ކަމަށް ވާތީ، މިއީ ހާއްސަ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މިއަދު އިންޑިއާއަކީ ބައިނަލްއަގުވާމީ ބޮޑެތި ބާރުތަކުން ނިންމާ ނިންމުންތަކަށް ހަމައެކަނި އަމަލުކުރާ ގައުމެއް ނޫނެވެ. އޭގެ ބަދަލުގައި، ދުނިޔޭގެ ވިޔަފާރިއާއި، ސަލާމަތީ ކަންކަމާއި، ތަރައްގީއާ ގުޅޭ ނިންމުންތައް ނިންމުމުގައި އިންޑިއާއިން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.
އިގުތިސާދީ ކުރިއެރުމާއި ޑިޖިޓަލް އިންގިލާބު
އިންޑިއާގެ ކުރިއެރުމުގެ އެންމެ ފާޅުކަން ބޮޑު އެއް ހެއްކަކީ އެ ގައުމުގެ އިގުތިސާދަށް އައިސްފައިވާ ބަދަލުތަކެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކުރާ ގޮތުގައި، 2026 ވަނަ އަހަރު އިންޑިއާގެ ޖީޑީޕީ 4.15 ޓްރިލިއަން ޑޮލަރަށް އަރާނެއެވެ. މިއާއެކު ދުނިޔޭގެ އެންމެ ބޮޑެތި އިގުތިސާދުތަކުގެ ލިސްޓުގައި އިންޑިއާ ހިމެނެއެވެ. އދ.ގެ އާބާދީއާ ބެހޭ އިދާރާ (ޔޫއެންއެފްޕީއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2025 ވަނަ އަހަރު އިންޑިއާގެ އާބާދީ ވަނީ 1.46 ބިލިއަނަށް އަރާފައެވެ. މީގެ ތެރެއިން 69 އިންސައްތަ މީހުންނަކީ 15 އަހަރާއި 64 އަހަރާ ދެމެދުގެ، މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނެވެ. މިއީ އެ ގައުމަށް ލިބިފައިވާ ވަރަށް ބޮޑު އިންސާނީ ވަސީލަތެކެވެ.
އިންޑިއާގެ ޑިޕާޓްމަންޓް އޮފް ކޮމާސްގެ މައުލޫމާތުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުން މިހާރު 217 އަށް ވުރެ ގިނަ ބައިނަލްއަގުވާމީ ބައިވެރިންނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރެއެވެ. އިންފޮމޭޝަން ޓެކްނޮލޮޖީ، ބޭސްވެރިކަން، މުވާސަލާތީ ހިދުމަތްތައް، އޮޓޯމޯބައިލްސް، މާލީ ހިދުމަތްތައް، އިއާދަކުރަނިވި ހަކަތަ އަދި ޖައްވީ ހޯދުންތަކުގެ ދާއިރާގައި އިންޑިއާގެ ކުންފުނިތަކުން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. މީގެ އިތުރުން، ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) މެދުވެރިކޮށް އެތައް ސަތޭކަ މިލިއަން ބަޔަކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވުމަކީ ޑިޖިޓަލް ދާއިރާއިން އެ ގައުމު ހޯދާފައިވާ ބޮޑު ކާމިޔާބީއެކެވެ. އެ ގައުމުގެ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ މެދުވެރިކޮށް ރައްޔިތުންނަށް ބޭންކިންގ ހިދުމަތްތަކާއި ސަރުކާރުގެ ހިދުމަތްތައް ފޯރުކޮށްދީފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި މަދުން ނޫނީ ނުފެންނަ ފަދަ ފުޅާ ދާއިރާއެއްގައެވެ.
ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި، 2047 ވަނަ އަހަރާ ހަމައަށް މަތީ އާމްދަނީ ލިބޭ ގައުމަކަށް ވުމަށް އިންޑިއާއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި، ކުރިއަށް އޮތް ވިހި އަހަރުގެ ތެރޭގައި އެވްރެޖްކޮށް 7.8 އިންސައްތައިގެ ކުރިއެރުމެއް އެ ގައުމަށް ބޭނުންވާނެއެވެ. މިއީ ބޮޑު އަމާޒެއް ނަމަވެސް، މިނިވަންކަން ލިބުނު ފަހުން އިންޑިއާއިން ހޯދާފައިވާ ކުރިއެރުންތަކަށް ބަލާއިރު، މިއީ އެ ގައުމަށް ހާސިލުކުރެވިދާނެ ލަނޑުދަނޑިއެއް ކަމަށް ބެލެވެއެވެ.
މުސްތަގިއްލު ހާރިޖީ ސިޔާސަތާއި ބައިނަލްއަގުވާމީ ނުފޫޒު
އިންޑިއާގެ ބައިނަލްއަގުވާމީ ނުފޫޒު ފުޅާވަމުން ދިއުމުގެ މައިގަނޑު އެއް ސަބަބަކީ، ހިޔާލުތަފާތުވުންތައް ހުންނަ ގައުމުތަކާއެކުވެސް ގުޅުން ބާއްވަން އެ ގައުމަށް އެނގުމެވެ. އެމެރިކާ، ޖަޕާން އަދި އޮސްޓްރޭލިއާއާއެކު 'ކުއަޑް' ގެ ތެރެއިން އިންޑިއާއިން މަސައްކަތްކުރެއެވެ. ހަމައެއާއެކު، ބްރިކްސްގައިވެސް އެ ގައުމުން ހަރަކާތްތެރިވާއިރު، ރަޝިޔާއާއެކު އޮންނަ ޒަމާންވީ ގުޅުން ދަމަހައްޓައި، ޔޫރަޕާއި، ގަލްފުގެ ގައުމުތަކާއި، އީރާން އަދި އެފްރިކާގެ ގައުމުތަކާއެކުވެސް އިންޑިއާއިން ގުޅުން ބަދަހިކުރެއެވެ. މި ސިޔާސަތަށް އާންމުކޮށް ކިޔަނީ 'ސްޓްރެޓީޖިކް އޮޓޮނޮމީ' ނުވަތަ މުސްތަގިއްލު ހާރިޖީ ސިޔާސަތެކެވެ.
ވަކި ބްލޮކަކަށް ބަރޯސާވުމުގެ ބަދަލުގައި، އިންޑިއާއިން ނިންމުންތައް ނިންމަނީ އެ ގައުމުގެ ގައުމީ މަސްލަހަތަށާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ފައިދާއަށް ބަލައިގެންނެވެ. 2023 ވަނަ އަހަރު ޖީ20 ގެ ރިޔާސަތު އިންޑިއާއިން ބެލެހެއްޓިއިރު، އެފްރިކަން ޔޫނިއަންއަށް އެ ޖަމާއަތުގެ ދާއިމީ މެންބަރުކަން ހޯދައިދިނުމަށް އިންޑިއާއިން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑެތި އިގުތިސާދުތަކުގެ މެދުގައި އެފްރިކާގެ ގައުމުތަކުގެ އަޑު ވަނީ ގަދަވެފައެވެ. މީގެ އިތުރުން، އދ.ގެ ސަލާމަތީ މަޖިލީހަށް ބަދަލުތައް ގެނެސް، އެ މަޖިލީހުގެ ދާއިމީ މެންބަރުކަން ހޯދުމަށްވެސް އިންޑިއާއިން ދަނީ ވަކާލާތުކުރަމުންނެވެ. ދުނިޔޭގެ އާބާދީގެ 18 އިންސައްތަ ހިއްސާކުރާ، އަދި އަސްކަރީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އިންޑިއާއިން ގަބޫލުކުރާ ގޮތުގައި، ގްލޯބަލް ސައުތުގެ ގައުމުތަކަށް ބައިނަލްއަގުވާމީ މުއައްސަސާތަކުގައި އެކަށީގެންވާ ތަމްސީލުވުމެއް ނެތްނަމަ، ބައިނަލްއަގުވާމީ އުސޫލުތަކުގެ އިތުބާރު ގެއްލިގެންދާނެއެވެ.
އަވަށްޓެރިންނަށް އެހީތެރިވުމާއި ރާއްޖެއާއެކު އޮންނަ ގުޅުން
އިންޑިއާގެ ބައިނަލްއަގުވާމީ ނުފޫޒު ފެށެނީ އެ ގައުމުގެ އަވަށްޓެރި ގައުމުތަކާ ހިސާބުންނެވެ. 'ނޭބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން ބަންގްލަދޭޝް، ބޫޓާން، ރާއްޖެ، މޮރިޝަސް، ނޭޕާލް، ސީޝެލްސް އަދި ސްރީލަންކާގެ އުމްރާނީ ތަރައްގީއަށާއި ސިއްހީ އަދި ތައުލީމީ ދާއިރާއަށް އިންޑިއާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އަވަށްޓެރި ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން 7.5 ބިލިއަން ޑޮލަރަށް ވުރެ ގިނަ ލުއި ލޯނާއި ކަރަންސީ އެރޭންޖްމަންޓްތަކުގެ އިތުރުން، ގާތްގަނޑަކަށް 850 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ފޯރުކޮށްދީފައެވެ. 2022 ވަނަ އަހަރު ސްރީލަންކާއަށް ކުރިމަތިވި އިގުތިސާދީ ކާރިސާގައި، ކާބޯތަކެއްޗާއި ތެލާއި ބޭރު ފައިސާގެ ދަތިކަން ކުރިމަތިވުމުން، އިންޑިއާއިން ވަނީ ގާތްގަނޑަކަށް 4 ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ މި ސިޔާސަތުގެ ވަރަށް މުހިންމު މިސާލެކެވެ. ރާއްޖޭގެ ބޯހިޔާވަހިކަމަށާއި، މަގުހެދުމަށާއި، ބްރިޖު އެޅުމަށާއި، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް އިންޑިއާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އިންޑިއާގެ ހިލޭ އެހީއާއި ލުއި ލޯނުގެ ދަށުން ކުރިއަށްގެންދާ 500 މިލިއަން ޑޮލަރުގެ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ. މީގެ އިތުރުން، ތަރައްގީގެ އެކި މަޝްރޫއުތަކަށް އިންޑިއާއިން ވަނީ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއްވެސް ދީފައެވެ. ރާއްޖެއަށް ބޭރު ފައިސާގެ ދަތިކަން ކުރިމަތިވުމުން، އިންޑިއާއިން ވަނީ 400 މިލިއަން ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖައްސައިދީފައެވެ. ބޮޑެތި އުމްރާނީ މަޝްރޫއުތަކުގެ އިތުރުން، ރާއްޖޭގެ އެކި ރަށްރަށުގައި މުޖުތަމައަށް ފައިދާހުރި ކުދި މަޝްރޫއުތައް ހިންގުމަށްވެސް އިންޑިއާއިން ވަނީ އެހީތެރިވެދީފައެވެ.
ބައިނަލްއަގުވާމީ މައްސަލަތަކާއި އިންޑިއާ ކަނޑުގެ ސަލާމަތް
ބައިނަލްއަގުވާމީ މައްސަލަތައް ހައްލުކުރުމުގައި މަޝްވަރާއާއި ޑިޕްލޮމަސީ އިސްކުރުމަށް އިންޑިއާއިން އަބަދުވެސް ވަކާލާތުކުރެއެވެ. ރަޝިޔާއާއި ޔޫކްރެއިންގެ މައްސަލައިގައި ދެ ގައުމާއެކުވެސް އިންޑިއާއިން މުވާސަލާތުކުރެއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވަނީ “މިއަދުގެ ޒަމާނަކީ ހަނގުރާމައިގެ ޒަމާނަކަށް ވެގެން ނުވާނެ” ކަމަށެވެ. މެދުއިރުމަތީގައިވެސް، އިސްރާއީލާއެކު ވަރުގަދަ ގުޅުމެއް ބާއްވަމުން، ފަލަސްތީނުގެ މިނިވަން ދައުލަތަކަށް އިންޑިއާއިން ތާއީދުކުރެއެވެ. މީގެ އިތުރުން، އދ.ގެ ސުލްހަ ބެލެހެއްޓުމުގެ މިޝަންތަކުގައި އިންޑިއާގެ ސިފައިންނާއި ފުލުހުން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.
އިންޑިއާގެ ސްޓްރެޓީޖިކް މުހިންމުކަން އިންޑިއާ ކަނޑާ ވަރަށް ބޮޑަށް ގުޅިފައިވެއެވެ. ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (ސިޕްރީ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2024 ވަނަ އަހަރު އިންޑިއާގެ އަސްކަރީ ހަރަދު ވަނީ 86.1 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއާއެކު އިންޑިއާ ވެފައިވަނީ ދުނިޔޭގައި ފަސްވަނައަށް އެންމެ ބޮޑު އަސްކަރީ ހަރަދެއް ކުރާ ގައުމަށެވެ. ނަމަވެސް، އިންޑިއާގެ ދައުރު ހަމައެކަނި އަސްކަރީ ބާރަކަށް ފެތިފައެއް ނުވެއެވެ. ކަނޑުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމާއި، ކޯސްޓްގާޑު ތަމްރީނުކުރުމާއި، ކަނޑުފޭރުމާ ދެކޮޅަށް މަސައްކަތްކުރުމުގައި އިންޑިއާއިން ދަނީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް އެހީތެރިވަމުންނެވެ.
އިންޑިއާގެ މުސްތަގުބަލާއި ދުނިޔޭގެ މަސްރަހު
އިންޑިއާގެ މިސްރާބު ހުރި ގޮތަށް ބަލާއިރު، އެ ގައުމުގެ އިގުތިސާދީ އަދި ޑިޕްލޮމެޓިކް ނުފޫޒު ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ. ބޮޑު މާކެޓަކާއި، ޒުވާން މަސައްކަތްތެރިންނާއި، ޓެކްނޮލޮޖީގެ ގާބިލުކަން ހުރުމަކީ އެ ގައުމަށް ލިބިފައިވާ ވަރަށް ބޮޑު ފައިދާއެކެވެ. އިންޑިއާގެ މި ކުރިއެރުމަކީ ހަމައެކަނި އިގުތިސާދީ ނަންބަރުތަކަކުން މިންކުރެވޭނެ ކަމެއް ނޫނެވެ. މީގެ އެންމެ މުހިންމު ކަމަކީ، ޑިމޮކްރެޓިކް އުސޫލުތައް ހިފަހައްޓާ، ތަރައްގީވަމުން އަންނަ ބޮޑު ގައުމަކަށް ބައިނަލްއަގުވާމީ ބާރަކަށް ވެވިދާނެކަން ސާބިތުކޮށްދިނުމެވެ.
އެ ގައުމުގެ 80 ވަނަ މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު، އިންޑިއާއަކީ ހަމައެކަނި އެ ގައުމުގެ މިނިވަންކަމުގެ ތާރީހު ހަނދާންކުރާ ގައުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެ ގައުމުން ދަނީ އޭޝިއާއާއި އިންޑިއާ ކަނޑުގެ އިތުރުން މުޅި ބައިނަލްއަގުވާމީ މުޖުތަމައުގެ މުސްތަގުބަލު ބައްޓަންކުރުމަށް ތައްޔާރުވަމުންނެވެ.
