މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން މި އަހަރު ދިވެހިރާއްޖޭގެ އިގުތިސާދީ ދުވެލި ދަށްވާނެކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން އަންދާޒާކޮށްފިއެވެ.

މިއަދު އާންމުކުރި "އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް" (އޭޑީއޯ) ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، 2025 ވަނަ އަހަރު 5.4 ޕަސެންޓުގައި ހުރި ރާއްޖޭގެ އިގްތިސާދީ ދުވެލި މިއަހަރު 1.0 ޕަސެންޓަށް ވެއްޓޭނެއެވެ. މިއީ ރާއްޖޭގެ މާލީ އަދި ބޭރު ފައިސާގެ ރިޒާވަށް ހުރި ގޮންޖެހުންތަކުގެ ސަބަބުން އައިސްފައިވާ ބަދަލެއް ކަމަށް ވެއެވެ.

ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމަށް މެދުއިރުމަތީގެ މައްސަލަތަކުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް ވެސް ރިޕޯޓުގައި އަލިއަޅުވާލާފައި ވެއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާ ގުޅިގެން 2025 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 10 ޕަސެންޓު އިތުރުވި ނަމަވެސް، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދަށްވެފައެވެ. މިއަހަރުވެސް ފަތުރުވެރިން އަންނަ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުވެލި ލަސްވާނެ ކަމަށް އަންދާޒާ ކުރެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަކީ:

  • 2025 ވަނަ އަހަރު ފަތުރުވެރިކަމުން ލިބުނު އާމްދަނީ އިތުރުވުމާއި، ދައުލަތުގެ އިންވެސްޓްމަންޓްތައް މަދުކުރުމުގެ ސަބަބުން ކަރަންޓް އެކައުންޓް ޑެފިސިޓް ކުޑަވުން
  • ބޭރު ފައިސާއާ ގުޅޭ ގަވާއިދުތައް ހަރުދަނާކުރުމުން ރިޒާވަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބުނު ނަމަވެސް ސަރުކާރުން ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމާ ގުޅިގެން ރިޒާވް ވަނީ ވަރަށް ބޮޑަށް ދަށްވެފައިވުން
  • ކެޕިޓަލް ހަރަދުތައް ކުޑަކުރުމުން 2025 ގައި ބަޖެޓް ޑެފިސިޓް ދަށްވި ނަމަވެސް، ރިކަރަންޓް ހަރަދުތައް ދަނީ އަދިވެސް އިތުރުވަމުން ދިޔުން
  • ސުކޫކް ދެއްކުމަށްފަހުވެސް، ދައުލަތުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 130 ޕަސެންޓު ގާތުގައި

މީގެ އިތުރުން ވެސް ކާމިޔާބުކަމާއެކު ސުކޫކް ދެއްކި ނަމަވެސް، އިގްތިސާދީ ގޮންޖެހުންތައް އެބަހުރި ކަމަށް ރިޕޯޓުގައި ވެއެވެ. އެގޮތުން ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވުމާއި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ސަރުކާރުގެ ބަޖެޓަށް ބާރުބޮޑުވަމުންދާ ކަމަށާއި، އެހެންކަމުން މާލީ އިސްލާހުތައް އަވަސްކުރުން މިހާރު މާ ބޮޑަށްވެސް މުހިންމުވެފައިވާ ކަމަށް އޭޑީބީގެ ސީނިއާ އިކޮނޮމިސްޓް ޖޫލްސް ހޫގޯ ވަނީ ވިދާޅުވެފައެވެ.

އޭޑީބީން އާންމުކުރި ތަފާސް ހިސާބުތައް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމަކީ ރާއްޖޭގައި ދޭ ކަރަންޓުގެ ސަބްސިޑީގެ ހަރަދު ބޮޑުވާކަމެއްކަން ފާހަގަކޮށް އޭޑީބީ ރިޕޯޓުގައި ބުނެފައި ވަނީ ފަތުރުވެރިކަން ދަށްވުމަކީވެސް ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ މަދުވާ ކަމަކަށް ވާއިރު، މިއީ މާލީ ގޮތުން ސަރުކާރަށް އޮތް ވަރަށް ބޮޑު ޕްރެޝަރެއް ކަމަށެވެ.

އެކަމަކު، ފަތުރުވެރިކަން އަލުން ރަނގަޅުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އާންމު ހާލަތަކަށް އައުމުން 2027 ވަނަ އަހަރު އިގްތިސާދީ ދުވެލި 3.0 ޕަސެންޓަށް އަރާނެ ކަމަށް އޭޑީބީން އަންދާޒާކުރެއެވެ. ނަމަވެސް މި ކުރިއެރުން ހާސިލުކުރެވެން އޮތީ ސަރުކާރުން މިހާރު ފަށާފައިވާ މާލީ އިސްލާހުތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންގޮސްގެން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.