އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރު (772.5 މިލިއަން ރުފިޔާ) ގެ އެމަޖެންސީ އެސިސްޓެންސް ލޯނެއް ހަމަޖައްސައިދީފިއެވެ.
އޭޑީބީން ހާމަކޮށްފައިވާ ގޮތުގައި މި ފައިސާ ދޫކޮށްފައިވަނީ އެ ބޭންކުގެ "އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުންނެވެ. މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، ފަތުރުވެރިން އަންނަ އަދަދު ދަށްވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ފިއްތުންތަކަށް ލުޔެއް ހޯދައިދިނުމަށް ދޫކުރި ލޯނެކެވެ.
މި ލޯނު ފައިސާ ބޭނުންކުރާނެ ދާއިރާތަކުގެ ތެރޭގައި ކަރަންޓު އުފެއްދުމަށާއި ފެން އުފެއްދުމަށް ބޭނުންވާ ޑީސަލް އެތެރެކުރުމާއި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އުފުލުމަށް ބޭނުންވާ ތެޔޮ ހޯދުން ހިމެނެއެވެ. އަދި އަތޮޅުތެރޭގެ ދަތުރުފަތުރުގެ ނިޒާމަށާއި ކުނި މެނޭޖުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ތެޔޮ ގަތުން ހިމެނެއެވެ.
އޭޑީބީގެ މި އެހީގެ ކުރިން، ވޯލްޑް ބޭންކުންވެސް ވަނީ މެއި މަހު ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ އެހީއެއް ހަމަޖައްސައިދީފައެވެ. މި ދެ އެހީއާއެކު، ތެޔޮ ގަތުމަށް ބޭރުގެ މާލީ އިދާރާތަކުން ލިބުނު ފައިސާގެ ޖުމްލަ އަދަދު ވަނީ 90 މިލިއަން ޑޮލަރަށް އަރާފައެވެ.
އޭޑީބީއަކީ ފަގީރުކަން ނައްތާލުމަށް ކުރަމުންދާ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް 1966 ވަނަ އަހަރު އުފެދުނު މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކެކެވެ. ދިވެހިރާއްޖެއަކީވެސް އޭޑީބީގެ މެންބަރު ގައުމެކެވެ. ރާއްޖޭގެ ތަރައްގީގެ ތަފާތު އެކި މަޝްރޫއުތަކަށް އޭޑީބީން އެހީތެރިކަން ފޯރުކޮށްދެއެވެ.
