ހެންވޭރު ދަނޑުގައި ވޯޓުފޮށި ބަހައްޓާފައި ހުރި ސަރަހައްދުގައި ހިރަފުހުގެ އަސަރު ހުރުމާއެކު ހިރަފުސް ކަނޑުވަން ފެން ޖަހައިފިއެވެ.
ހެންވޭރު ދަނޑު ވޯޓު ފޮށި ސަރަހައްދުގައި ހުރި 'ދަ ޕްރެސް' ގެ ނޫސްވެރިޔާ މައުލޫމާތު ދީފައިވާ ގޮތުގައި އެ ސަރަހައްދުގައި މިހާރު ވަނީ ފެން ޖަހައިގެން ހިރަފުހުގެ އަސަރު ކަނޑުވާލާފައެވެ.
ހިރަފުހުގެ އަސަރު ހުރިކަމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ އެނަލިސްޓް އަދި ތާރީހު ދިރާސާ ކުރައްވާ މުހައްމަދު ނާޖިހު ދީދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވިދާޅުވީ ވޯޓުލާން ދާން ޖެހުނު ޓެންޓުގެ މުޅިތާ ހިރަފުސްކަމަށާއި، އެތަަނުގައި ވޯޓުލުމަށް ހަމަޖައްސާފައިވާ އިންތިޒާމްތައް ބޮޑުތަނުން ސުމެއް ކަމަށެވެ.
މުޅިތަނުގައި ހިރަފުސް އޮތުމުގެ ސަބަބުން ރޯގާ ޖެހުމުގެ ފުރުސަތު ބޮޑުކަމަށާއި، އުމުރުން ދުވަސްވީ މީހުންވެސް އެތަނުގައި ގިނަ އަދަދަކަށް ތިބި ކަމުގެ ކަންބޮޑުވުން އޭނާ ވަނީ ފާޅުކުރައްވާފައެވެ.
ހެންވޭރު ދަނޑަކީ މާލެ ސަރަހައްދުގައި ވޯޓު ފޮށި ބެހެއްޓި މަރުކަޒުތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ފޮށި ބަހައްޓާފައިވާ މަރުކަޒެވެ. އެ މަރުކަޒުގައި ޖުމްލަ 30 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެހެންކަމުން އެންމެ ގިނަ އަދަދެއްގެ މީހުން ވޯޓު ލާން ދާނެ މަރުކަޒަށް ވެފައި އެ މަރުކަޒުގެ ވޯޓުގެ އިންތިޒާމުތައް އެންމެ ފުރިހަމަ ގޮތުގައި ހަމަޖެއްސުމަށްޓަކައި އީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި އިންތިހާބަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ 294،876 މީހުން ތިބި އިރު އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،0370 ފިރިހެނުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ކައުންސިލްތަކުން ޖުމްލަ 626 ކެންޑިޑޭޓުން ކުރިމަތިލާފައި ވާއިރު، ސިޓީ ކައުންސިލްތަކަށް ވަނީ 52 ކެންޑިޑޭޓުން ކުރިމަތިލާފައެވެ. ހަމައެއާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 2961 ކެންޑިޑޭޓުން ކުރިމަތިލާފައި ވެއެވެ.
ޖުމްލަ 588 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައިވާ އިރު، އެންމެ ގިނަ ވޯޓު ފޮށި ބަހައްޓާފައި ވަނީ މާލެ ސަރަހައްދުގައި ހެންވޭރު ދަނޑުގައެވެ. އެއީ 30 ވޯޓު ފޮއްޓެވެ. މާލެ ސަރަހައްދުގައި 241 ވޯޓު ފޮއްޓެއް ބަހައްޓާފައިވާ އިރު، މާލޭގައި 180 ފޮށި، ވިލިމާލޭގައި 9 ފޮށި، ހުޅުމާލޭގައި 51 ފޮށި ވަނީ ބަހައްޓާފައެވެ. އަދި އަތޮޅުތެރޭގައި 347 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
