މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމް ވޯޓު ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވޯޓު ލައްވައިފިއެވެ.

ރައީސް ޔާމީން ވޯޓުލައްވާފައި ވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ.

ރައީސް ޔާމީންގެ އަރިހުގައި ދަރިކަލުން އަދި ޕީއެންއެފްގެ ނައިބު ރައީސް ޒޭން އަބްދުﷲ ޔާމީން ވެސް ވަނީ ވޯޓު ލައްވާފައެވެ.

ވޯޓުލުމަށްފަހު މީޑިއާ އާއި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ހުރިހާ ބޭފުޅުންވެސް ވޯޓުލާން ދިއުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ރިފަރެންޑަމް ވޯޓަކީ ސިޔާސީ ކުރިމަގު ބައްޓަން ވެގެންދާނެ ވޯޓެއްކަމަށް ފާހަގަކުރައްވާ، ޖިސްމާނީ ގޮތުން ކެރިކުޅަދާނަ ހުރިހާ ފަރާތްތަކުން ވޯޓުލާން ވަޑައިގަތުމަށް ޔާމީން އެދިވަޑައިގެންނެވިއެވެ.

"މި ވޯޓަކީ ހަމަ ރާއްޖޭގެ ވީހާ ގިނަ ރައްޔިތުން ލައްވާ, ދައުލަތުންނާ އިލެކްޝަން ކޮމިޝަނުން މަސައްކަތް ކޮށްގެން މީހުން ނެރެން ޖެހޭ ވޯޓެއް"
ޔާމީން

ޔާމީން ވިދާޅުވީ މިއީ ދައުލަތާ އިލެކްޝަންސް ގުޅިގެން ގިނަ ރައްޔިތުން ވޯޓުލާން ނެރެން މަސައްކަތް ކުރަންވީ އިންތިހާބެއް ކަމަށެވެ. އަދި މިއަދުގެ އިންތިހާބުތަކުގެ ކަންބޮޑުވުންތައް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ މިއަދު ކުރިއަށްދާ އިންތިހާބުތަކަށް އާންމުން ހޭލިތެރިކުރުވުމަށް އިލެކްޝަންސް ކޮމިޝަނުން އެދެވޭ މަސައްކަތެއް ކޮށްފައިނުވާކަމަށެވެ. އަދި ރިފަރެންޑަމް ވޯޓު ކަރުދާސްކޮޅު ފަރުމާކޮށްފަ އޮތީ ގިނަ ބަޔަކަށް އޮޅުން އަރާފާނެ ގޮތަކަށްކަމަށްވެސް ޔާމީން ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން އިންޑިއާ، ސްރީލަންކާ، މެލޭޝިއާ އަށް ބެލިކަމުގައިވެސް ވޯޓު ލުމުގެ ހައްގު ލިބިފައިވާ ގިނަ ބަޔަކު ތިބިކަމަށް ފާހަގަ ކުރައްވާ ޔާމީން ވިދާޅުވީ އިލެކްޝަނުން ރީރެޖިސްޓްރޭޝަން ކުރި މީހުންގެ އަދަދު މަދުކަމަށް ބުނެ ބޭރު ގައުމުތަކުގަ ވޯޓު ފޮށި ނުބެހެއްޓުމުގެ ސަބަބުން މިއަހަރުގެ އިންތިހާބުތަކުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ ގިނަ ފަރާތްތަކަށް ވޯޓުލުމުގެ ހައްގު ލިބިފައި ނުވާކަމަށެވެ.

މިއަދު ކުރިއަށްދާ އިންތިހާބު ތަކުގެ ވޯޓުލުން ހެނދުނު 8 ޖަހާއިރުން ފެށިގެން ކުރިއަށްދާއިރު މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4:00 އަށެވެ.

މިއަދުގެ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 2961 ކެންޑިޑޭޓުން ޖުމްލަކޮށް ވާދަކުރެއެވެ.

މި އިންތިހާބުތަކުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 150،370 ފިރިހެނުންނާއި، 144،506 އަންހެނުންނެވެ. މި އިންތިހާބުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މީގެތެރެއިން 241 ވޯޓު ފޮށި ގްރޭޓާ މާލެ ސަރަހައްދުގައި ބަހައްޓާފައިވާއިރު، 180 ވޯޓު ފޮށި މާލޭގައި ވަނީ ބަހައްޓާފައެވެ.