މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބު އަދި ރިފެރެންޑަމް ވޯޓު ލުން މަރުކަޒުތަކުގައި މިއަދު ހެނދުނު 8:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މަރުކަޒުތަކުގައި ކިއުތައް ދަމާލައިފިއެވެ.
ރެފަރަންޑަމް ވޯޓަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ އިންތިހާބެކެވެ. މި އިންތިހާބުތަކާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވޯޓު ލާން އެންމެންވެސް ނިކުތުމަކީ މުހިންމު ކަމެއް ކަމަށާއި، ވޯޓު ލުމަކީ އެންމެންގެވެސް ހައްގެ ކަމަށެވެ. އަދި ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ހިފާ ގައުމަށްޓަކައި ހެޔޮ ގޮތް ނިންމުން ވަރަށްވެސް މުހިންމު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި އިންތިހާބަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ 294،876 މީހުން ތިބި އިރު އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،0370 ފިރިހެނުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ކައުންސިލްތަކުން ޖުމްލަ 626 ކެންޑިޑޭޓުން ކުރިމަތިލާފައި ވާއިރު، ސިޓީ ކައުންސިލްތަކަށް ވަނީ 52 ކެންޑިޑޭޓުން ކުރިމަތިލާފައެވެ. ހަމައެއާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 2961 ކެންޑިޑޭޓުން ކުރިމަތިލާފައި ވެއެވެ.
ޖުމްލަ 588 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައިވާ އިރު، އެންމެ ގިނަ ވޯޓު ފޮށި ބަހައްޓާފައި ވަނީ މާލެ ސަރަހައްދުގައި ހެންވޭރު ދަނޑުގައެވެ. އެއީ 30 ވޯޓު ފޮއްޓެވެ. މާލެ ސަރަހައްދުގައި 241 ވޯޓު ފޮއްޓެއް ބަހައްޓާފައިވާ އިރު، މާލޭގައި 180 ފޮށި، ވިލިމާލޭގައި 9 ފޮށި، ހުޅުމާލޭގައި 51 ފޮށި ވަނީ ބަހައްޓާފައެވެ. އަދި އަތޮޅުތެރޭގައި 347 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
