ބަޔަކަށް ނާޖައިޒު މަންފާ ލިބޭ ގޮތަށް، ހުޅުމާލެއިން 600 އަށް ވުރެ ގިނަ ޕާކިން ޖާގަ ވިއްކާލާފައިވާ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތައް އެޗްޑީސީން ދޮގުކޮށްފިއެވެ.

އެޗްޑީސީން އުސޫލާ ހިލާފަށް ޕާކިން ސްލޮޓް ވިއްކުމަށް ބައެއް މީހުންގެ އަތުން ސްލޮޓަކަށް 35,000 ރުފިޔާ އާއި 50,000 ރުފިޔާ ދެމެދުގެ އަދަދެއް ނަގާފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭ ގޮތުން މިއަދު އެ ކޯޕަރޭޝަނުން ވަނީ ބަޔާނެއް ނެރެފައެވެ.

އެޗްޑީސީގެ ބަޔާނުގައި ބުނީ ހުޅުމާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ޕޮކެޓް ޕާކިން ދުކުރުމަށް އެ ކޯޕަރޭޝަންގެ ވެބްސައިޓު މެދުވެރިކޮށް އާންމުކޮށް ހުޅުވާލިކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މި ފުރުސަތު ހުޅުވާލުމާއެކު ގިނަ ބަޔަކު ޕާކި ޖާގަ ހޯދުމަށް ކުރިމަތިލާފައިވާ ކަމަށެވެ. އަދި އުސޫލުގެ ތެރެއިން އެ ފަރާތްތައް އިވެލުއޭޓްކޮށް ޝަރުތު ހަމަވި ފަރާތްތަކުގެ ލިސްޓުވެސް އާންމުކޮށްފައިވާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އިތުރަށް އެ ކޯޕަރޭޝަނުން ބުނީ ހާމަކަން ބޮޑު ގޮތެއްގައި ޕާކިން ސްލޮޓް ދޫކުރުމުގެ މަސައްކަތްކުރިއަށް ދަނިކޮށް މިކަމާއި ގުޅޭ ގޮތުން އާންމުންނަށް އޮޅުން އަރާ ގޮތަށް ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރަމުން އަންނަކަމަށެވެ. ވަކި ބަޔަކަށް ނާޖައިޒު މަންފާ ލިބޭ ކަމަށް ބުނެ އެ ކޯޕަރޭޝަންގެ އިތުބާރު ގެއްލޭ ގޮތަށް ވާހަކަދައްކަމުން ދާ މައްސަލަ ކުށްވެރިކޮށް އެޗްޑީސީން ބުނީ މި ފަދަ ހަގީގަތާއި ހިލާފު މައުލޫމާތު ފަތުރާ ފަރާތްތަކުގެ މައްސަލަ ކަމާއި ގުޅޭ މުއައްސަސާތަކަށް ހުށަހަޅާނެކަމަށެވެ.