މިދިޔަ މާޗު މަހުގެ ތެރޭގައި ރާއްޖެއަށް ޖުމްލަ 161,259 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 643,218 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 1 އިންސައްތައިގެ ކުރިއެރުމެކެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ ގޮތަށް ބަލާއިރު، ޖަނަވަރީ މަހު 227,403 ފަތުރުވެރިން އަދި ފެބުރުވަރީ މަހު 254,556 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު ޖަނަވަރީ އަދި ފެބުރުވަރީ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.
ތަފާސްހިސާބުން ދައްކާގޮތުން މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވެ، މާޗު މަހު ފަތުރުވެރިން އައި އަދަދު ވަނީ ދައްވެފައެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނެނީ 94,823 ފަތުރުވެރިންނާއެކު އެއްވަނައިގައި އޮތް ޗައިނާއާއި، 79,326 ފަތުރުވެރިންނާއެކު ދެވަނައިގައި އޮތް ރަޝިއާއެވެ. ތިންވަނައިގައި 61,162 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތް އޮތްއިރު، ހަތަރުވަނައިގައި އޮތީ 57,289 ފަތުރުވެރިންނާއެކު އިޓަލީވިލާތެވެ. އަދި 43,344 ފަތުރުވެރިންނާއެކު މި ލިސްޓުގެ ފަސްވަނައިގައި އޮތީ ޖަރުމަނުވިލާތެވެ.
ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ތަންތަނަށް ބަލާއިރު، 68.8 އިންސައްތަ ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރިއިރު، 26.1 އިންސައްތަ ފަތުރުވެރިން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ. މީގެއިތުރުން، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 636,916 ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ވައިގެ މަގުންނެވެ. އަދި ކަނޑުމަގުން ރާއްޖެއަށް 6,302 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، މިއަހަރުގެ ނިޔަލަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ.
