ދަތުރުފަތުރުގެ ނިޒާމު ތިމާވެއްޓާ ރައްޓެހި ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އިރުގެ ހަކަތަ ނުވަތަ ސޯލާ ބޭނުންކޮށްގެން ދުއްވާ ފެރީ ރާއްޖެ ގެނެސް، އޭގެ އަޖުމަ ބެލުމުގެ ދަތުރުތައް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިކަން އިއުލާނު ކުރެއްވީ ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތޯރިގު އިބްރާހީމެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ހިދުމަތަށް ކުރާ ހޭދަ ކުޑަކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. ހާއްސަކޮށް މިހާރު ބޭނުންކުރާ ފެރީތަކުގެ ތެލަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ، އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ދުއްވޭނެ ގޮތްތައް ބަލަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެގޮތުން ތިމާވެއްޓާ ބެހޭ ވުޒާރާއިން އިސްނަގައިގެން އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެރީ ދުއްވޭނެ ގޮތްތައް ބަލަމުންދާ ކަމަށާއި، އަދި ލަސްތަކެއް ނުވެ ސޯލާ ފެރީ ރާއްޖެ ގެނެސް، ބައެއް ސަރަޙައްދުތަކުގައި އަޖުމަ ބެލުމުގެ ދަތުރުތައް ފަށަން ނިންމާފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ނިޒާމް ހާއްސަ ކުރެވޭނީ ކައިރި ރަށްރަށުގެ މެދުގައި ދަތުރުފަތުރު ކުރުމަށެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ކުންފުންޏަކުން ބަންނަ "އެޕޯލޯ" ނަމަކަށް ކިޔާ ފެރީއެކެވެ. 75 މީހުންގެ ޖާގަ ހިމެނޭ މި ފެރީގައި 75 ސޯލާ ޕެނަލް ހަރުކޮށްފައި ހުންނާނެއެވެ. މި އުޅަނދަކީ ކަނޑުގަދަ ވަގުތުތަކުގައި، ނުވަތަ ރާޅުގެ އުސްމިން 4 މީޓަރަށް ހުންނަ "ސީ ސްޓޭޓް 5" ގައިވެސް ދުއްވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ.

މި ފެރީގެ ބާރުމިނަކީ ގަޑިއަކު 8 ނޯޓިކަލް މޭލެވެ. މީގައި 50 ކިލޯވޮޓުގެ ދެ ބެޓަރީ ޕެކާއި 40 ކިލޯވޮޓުގެ ދެ އިލެކްޓްރިކް މޯޓަރު ހިމެނޭނެއެވެ. އަދި އުޅަނދުގެ މަތީގައި ހަރުކޮށްފައިވާ 25 ކިލޯވޮޓުގެ ސޯލާ ޕެނަލް ސިސްޓަމުން ބެޓެރިތައް ޗާޖުކޮށްދޭނެއެވެ. މީގެ އިތުރުން، މީގައި ހިމެނޭ އިލެކްޓްރިކް ސްޓިއަރިން ސިސްޓަމްގެ ސަބަބުން މަރާމާތަށް ކުރަންޖެހޭ ހޭދަވެސް ކުޑަވެގެންދާނެއެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި، އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ތަރައްގީ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.