ހުޅުމާލޭގެ ފޭސް އެކެއްގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި، ކުޅިވަރު ކުޅޭނެ ވަސީލަތްތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ސަރަހައްދުގައި ތަރައްގީކުރާ ސްޕޯޓްސް ޕާކުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އިއްޔެ ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ މި ޕާކުގެ ބިންގާ އަޅާފައެވެ. މި ސްޕޯޓްސް ޕާކު ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ފިޔަވައްޗާ އިންވެގެން އޮންނަ ހުސް ބިމުގައެވެ.
މި ސްޕޯޓްސް ޕާކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖްތިމާއީ ދުޅަހެޔޮކަމާއި، ކުޅިވަރުކުޅޭނެ ފެސިލިޓީތައް އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ފުޓްސަލް ދަނޑަކާއި، ވޮލީ ކޯޓެއްގެ އިތުރުން ހާފް ބާސްކެޓް ކޯޓެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަަކޮށްދިނުމުގެ ގޮތުން ޕާކިން ޒޯނެއްވެސް މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭނެއެވެ. އެޗްޑީސީގެ އަމާޒަކީ އަންނަ އޭޕްރީލް މަހުގެ ނިޔަލަށް މި މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.
ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް އިސްކަންދީގެން، ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރުން އައުޓްޑޯ ޖިމްތައް ގާއިމުކުރުން ފަދަ ގިނަ މަސައްކަތްތަކެއް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން، އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ގާއިމުކުރި ކުޅިވަރު އެކުވެނިވެސް މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
މިފަދަ މަޝްރޫއުތަކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.
