ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި އައްޑޫ ސިޓީ ހިތަދޫ ފެހިވިލާގޭ އަހްމަދު ސާލިހް އަލިދީދީ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ސާލިހް އަލިދީދީ އަވާހަރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައެވެ. އަވަހާރަވި އިރު އުމުރަކީ 92 އެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މެންބަރުކަމާއި އައްޑު އަތޮޅު އަތޮޅުވެރިކަންވެސް ކުރައްވައި، ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް އަދި ހާއްސަ އައްޑޫގެ ކުރިއެރުމަށާއި ތަރައްގީއަށް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވި އަހްމަދު ސާލިހް އަލިދީދީ އަވަހާރަވުމުގެ ހިތާމައިގައި، އައްޑޫގެ ރައްޔިތުންނަށާ، އެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ. "އަލްމަރްހޫމް އަހްމަދު ސާލިހް އަލިދީދީއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މާތްﷲ މިންވަރު ކުރައްވާށި! އާމީން" ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

ސާލިހް އަލިދީދީ ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1965 ގައެވެ. ދައުލަތަށް 45 އަހަރު ހިދުމަތް ކުރައްވާފައިވާ ސާލިހު އަލިދީދީ ވަނީ އަތޮޅުވެރިކަމާ، ހިތަދޫ ކަތީބުކަމާ، އައްޑު އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ. މީގެ އިތުރުން ގަން އެއާޕޯޓުގެ މެނޭޖަރުކަމާ، ގަމުގެ އެސްޓީއޯގެ މެނޭޖަރުކަމުގެ އިތުރުން ހިތަދޫ ސްޓެލްކޯގެ މެނޭޖަރުކަމާ ޑެޕިއުޓީ މެނޭޖަރުކަން ވަނީ ކުރައްވާފައެވެ. ސާލިހް އަލިދީދީ ރިޓަޔާ ކުރެއްވީ 2009 ގައެވެ.

ސާލިހް އަލިދީދީގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އިޝާ ނަމާދަށްފަހު ހިތަދޫ، ހުސައިން މޫސާ މިސްކިތުގައެވެ.