އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފިއެވެ.

މިކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެތަން ހުޅުއްވައިދެއްވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އެވެ.

މި ރަސްމިއްޔާތުގައި، ހުޅުމާލޭގައި ހިންގާ އެކި ސްޕޯޓްސް އެކަޑަމީތަކުން ބައިވެރިވެފައިވާއިރު ރޭ ހުޅުވިގެންދިޔަ ކުޅިވަރު އެކުވެނިއާއެކު، ކުޅިވަރު ކުޅޭ ފަރާތްތަކަށް ކޯޓު/ދަނޑު ހޯދުމުގައި މިހާރު އޮތް ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެގޮތުން މި އެކުވެނީގައި، ބަށި ކޯޓާއި، ވޮލީ ކޯޓު، ބާސްކެޓް ކޯޓުގެ އިތުރުން ހޭންޑްބޯލް ކޯޓަކާއި ނެޓްބޯލް ކޯޓެއް ވަނީ ގާއިމުކޮށްފައެވެ.

މިހާރު މިތަން އާންމުންނަށް ހުޅުވާލާފައިވާއިރު މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތެއްގައި ތިބުމަށްވެސް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމުގައި އެޗްޑީސީން ވަނީ ބުނެފައެވެ.

ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް އިސްކަންދީގެން، ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރުން އައުޓްޑޯ ޖިމްތައް ގާއިމުކުރުން ފަދަ ގިނަ މަސައްކަތްތަކެއް އެޗްޑީސީން ކުރަމުން އަންނައިރު ހުޅުމާލެއަކީ ހިތްފަސޭހަ އަދި، އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްވެސް އެ ކޯޕަރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.