ތަފާތު ވިސްނުމާއި ތަފާތު ހިޔާލުތަކާއެކީ އުފެއްދުންތެރި މަސައްކަތެއް ފެށުމުގެ ހިޔާލު ގެންގުޅޭ އެފަދަ ހުވަފެންތައް ދެކޭ އެތައް ބަޔަކު އުޅެއެވެ. މިފަދަ މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް ފުރުސަތުތައް ފަހިކޮށްދީ އެހީވުމުގެ ގޮތުން ބައެއްގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް މަސައްކަތް ކުރުމުން ހިތްހަމަޖެހުން ލިބޭ މީހުންނަކީ ވެސް ދިވެހިންގެ ތެރެއިން ފެންނަ ނަމޫނާ ބައެކެވެ.

އެގޮތުން ރޯދަމަހަށް ހާއްސަކޮށް 'ދަ ޕްރެސް' އިން ގެނެސްދިން މީހުން ސެގްމެންޓްގެ ފަހު ބައިވެރިޔާގެ ގޮތުގައި މިއަދު މި ގެނެސްދެނީ އެފަދަ މަސައްކަތަށް ލޯބި ޖެހިފައިވާ، އަމިއްލަ ނަފްސު 'ސުޕަމޭން' ގެ ގޮތުގައި ސިފަކުރާ މުހައްމަދު ސުނާދު އަހްމަދު ލަތީފު (ސުނާ) ގެ ވާހަކައެވެ.

ސުޕަމޭންގެ ގޮތުގައި އަމިއްލަ ނަފްސު ސުނާ ސިފަ ކުރަނީ ގިނަ މަސައްކަތްތަކެއް އަދި ހިދުމަތްތަކެއް ކުރުމުގައި ދެމިހުރެވޭތީއެވެ. ބިޒީ ތާވަލެއްގައި މަސައްކަތް ކުރަމުން އަންނަ ސުނާއަކީ ފާހަގަކޮށްލެވޭ ހުނަރުވެރި ވިޔަފާރިވެރިއެއް ވެސް މެއެވެ. ރާއްޖެއަށް ވެހިކަލް އެންޑް ސްޕެއާ ޕާޓްސް ސަޕްލައި ކުރުމުގެ ވިޔަފާރި ކުރަމުން އަންނަ ސުނާއަކީ ރާއްޖެއަށް އެކި އުފެއްދުންތައް އިމްޕޯޓްކޮށް މާކެޓްކޮށް ވިއްކުމުގެ މަސައްކަތް ވެސް ކުރާ ފަރާތެކެވެ. މަދަދުދާރެއްގެ އިތުރުން ވެސް ސުނާއަކީ ވަރަށް މޮޅަށް ކައްކާ ފަރާތެކެވެ. "ތައި ފުޑް ޝެފް ކޯސްތަކެއް ހެދީ. ދެން އަނެއްހެން ރެސްޓޯރެންޓެއް އެއްޗެއް ހުޅުވައިގެނެއް ނޫން އެކަން ކުރަނީ. ތަންކޮޅެއް ކުރީގަ ކެފޭއެއް ހުޅުވަން ވެގެން އަސްލު އެ ނޮލެޖް ބޭނުންވެގެން އެ ކޯހަށް ކުރިމަތިލައިގެން އެކަން ކުރިއަށް ގެންދިޔައީ" ސުނާ ބުންޏެވެ.

ސުނާގެ މަންމަ އަކީ އިންޓަނޭޝަނަލް ޝެފެއް

"މަންމަގެ ބްރޭންޑެއް އިންނާނެ ރަހަމަލާފަތް ކިޔާ ބްރޭންޑެއް. އެ ބްރޭންޑުގެ ދަށުން މަންމަ އުފައްދި އެކި ޕްރޮޑަކްޓްތައް އުފައްދާ މަންމަގެ ލެގަސީ ކޮންޓިނިއު ކުރުން ދެން މެއިން ކަމަކަށް މިކުރަނީ. ދެން އޭގެ ތެރެއަށް މިއަންނަނީ ފަސް ވައްތަރެއްގެ ހަވާދު. އާންމުކޮށް ރަށްރަަށަށް ހަވާދުގެ ބާވަތްތައް މީހުން މިގެންދަނީ."
ސުނާދު ލަތީފް

ކެއްކުމުގެ ތެރެއަށް ވަދެވުނީ މަންމަ އަކީ ޝެފެއް ކަމުން މަންމަގެ ފަރާތުން ވެސް ފެނި ތަޖުރިބާ ކުރެވުނު ކަންކަމުގެ ސަބަބުން ކަަމަށް ސުނާ ބުނެއެވެ. ހަމައެއާއެކު އޭނާގެ ކާފައަކީ ކުރިން މާލޭގައި ހޮޓަލެއް ހިންގި ފަރާތެއް ކަމަށް ވެސް އޭނާ ބުނެއެވެ. ސުނާއަކީ ތައިލެންޑްގެ ކެއްކުންތަކަށް ހާއްސަ ޝެފެއް ކަމުގައި ވީ ނަމަވެސް ދިވެހިވަންތަ އުފެއްދުންތަކަށް އޭނާ ލޯބި ކުރެއެވެ. އޭގެ އެއް ހެއްކަކީ ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައިވާ ސުނާ މަންމަ، އާމިނަތު ނާޒްލީ އިބްރާހިމްގެ ބްރޭންޑެއް ކަމަށްވާ "ރަހަމަލާފަތް" އަކީ މިހާރު އޭނާ ކުރަމުން އަންނަ މަސައްކަތަކަށް ވުމެވެ. ހަވާދު އުފެއްދުމުގެ މަސައްކަތް ފެށުނު ގޮތް ހިއްސާކުރަމުން ސުނާ ބުނީ، މި މަސައްކަތް ފެށީ މަންމަގެ ލެގަސީ ދެމެހެއްޓުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ.

ސިއްހީ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި ސުނާގެ މަންމަ، ނާޒްލީއަކީ ވެސް މީހުންނަށް އެހީވެދިނުމުގެ ނަމޫނާ ދެއްކި، ދިރިއުޅުމުގައި އޭނާ މީހަކަށް ހަދައިދިނުމަށް ބުރަ މަސައްކަތްތަކެއް ކުރި މަންމައެއްގެ ގޮތުގައި ސުނާދު ސިފަކުރެއެވެ. ހަމައެއާއެކު އޭނާގެ މަންމައަކީ ތަޖުރިބާކާރު މޮޅު ކެއްކުންތެރިއެއް ކަމަށާއި އިންޓަނޭޝަނަލް ޝެފެއް ކަމަށް ސުނާދު ބުނެއެވެ. މަންމަ ނިޔާވި އިރު މަންމަ ކުރި މަސައްކަތްތައް ދަމަހައްޓާ އެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ވަސިއްޔަތް ކޮށްފައެވެ. މަންމަގެ ވަސިއްޔަތާއެކު ސުނާދު އަތުކުރި އޮޅާލައިގެން މި މަސައްކަތް ފެށީ ވަރަށް ފޮނި އުންމީދަކާ އެކުގައެވެ.

ރަހަމަލާފަތް ބްރޭންޑުގެ ކަނޑުކުކުޅު ހަވާދު

ހަވާދު އުފެއްދުމުގެ މަސައްކަތުގައި އޭނާއަށް ދިމާވާ ގޮންޖެހުންތަކުގެ ތެރެއިން އެންމެ ފުރަތަމަ ކަމަކަށް ސުނާ ފާހަގަކުރީ ގިނަ މަސައްކަތްތަކެއް ކުރާ މީހެއްގެ ގޮތުން ހުރިހާ ކަމެއް އަމިއްލައަށް ކުރަން ޖެހުމަކީ އެންމެ ބޮޑު ޗެލެންޖް ކަމަށެވެ. އެ ޗެލެންޖާ ކުރިމަތިލުމަށް ޕެކޭޖިން އެންޑް ޑެލިވަރީ މަސައްކަތައް މީހުން ހޯދުމުގައި ވެސް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ސުނާ ބުނެއެވެ. އެ މަސައްކަތައް ބޭނުންވާ ދިވެހިން ލިބުމުގައި ދަތިކަން ފާހަގަކޮށް ސުނާ ބުނީ، މިފަދަ މަސައްކަތްތަކަށް ކުރިމަތިލާ ޒުވާނުންގެ ފަރާތުން ޒިންމާދާރު ކަމާ އެކީ މަސައްކަތް ކުރުމުގެ ރޫހު އަށަގެންފައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. "އެންމެ އުނދަގޫވާ ކަމަކީ މީ ފިހާރަތަކަށް މީއްޗިހި ލައިގެން ވިއްކުން. ދެން ފިހާރަތަކުގަ މި އޮންނަ ގޮތަކީ އަމިއްލަ އަށް އެއްޗެހި ލާފަ ގޮސް އޭގެ ސްޓޮކް ބަލާފަ ކޮންމެ ދުވަހަކު އެބަޖެހޭ މި ފިހާރަތަކަށް ދާން. އެކަން ކުރާނެ ވަގުތު ނެތް." ސުނާ ބުންޏެވެ.

ސުނާދު އޭނާގެ މަންމައާއެކު
"ދެން އެހެންވީމަ މިހާރު ބަޔަކަށް ސަޕޯޓެއް ދެމުން ކަމެއް ކުރެވޭތީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ. އެއީ މަންމަ އަކީ ވެސް އެކަހަލަ މީހެއް. މަންމަ އަކީ އަބަދުވެސް މީހުންނަށް މިހެން އެއްޗެހި ދިނުމާ މީހުންނަށް އެހީވުމާ ހަމަ ރާއްޖޭގަ ނަމޫނާ އަންހެނެއް މަންމަ އަކީ."
ސުނާދު ލަތީފް

ނަމަވެސް މި މަސައްކަތައް މީހުން ހޯދުމަށް އޭނާ ފޭސްބުކް ޕޭޖެއްގައި ޖެހި ޕޯސްޓަކާއެކު ވަރަށް ހެޔޮ ބަދަލަކާއި ކުރިއެރުމެއް ލިބިގެން ދިޔަކަން ފާހަގަކުރިއެެވެ. އޭގެ ތަފްސީލަށް ދަމުން ސުނާ ބުނީ، އެ ޕޯސްޓް ޖެހީ އެކަނިވެރިންގެ މައިންގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖެއްގައި ކަމަށެވެ. އެއާއެކު އެ ޕޭޖްގެ ފަރާތުން އެކަނިވެރި މައިންގެ މެންބަރުންތަކެއް 'ރަހަމަލާފަތް' އުފެއްދުން ޕެކް ކުރުމާއި އެހެނިހެން މަސައްކަތްތަކުގައި ވެސް އެހީތެރިކަން ލިބޭކަން އުފަލާއެކު ސުނާ ފާހަގަކުރިއެވެ.

ދިރިއުޅުމުގައި ދިމާވި ދަތިތަކާއެކީ ކުރިއަށްދާން މަސައްކަތް ކުރި ސުނާއަށް މިއަދު ލިބިފައިވާ ކާމިޔާބީއާއެކު އޭނާ އެންމެ ބޭނުން ވަނީ ވިޔަފާރިއެއް ފަށަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ. އެއީ އޭނާގެ ހަޔާތުގެ ތަޖުރިބާއަށް އަލިއަޅުވާލަމުން އެފަދަ އުނދަގޫތައް ތަހައްމަލު ކުރާ މީހުންނަށް 'ހުވަފެނެއް ހަގީގަތަކަށް' ހަދައިދިނުމުގެ ބޭނުމުގައި އޭނާ ފެށި ކަމެއް ކަމަށް ސުނާ ބުނެއެވެ. އެއްވެސް ރައްޓެއްސެއް ވިޔަސް ނުދަންނަ މީހެއް ވިޔަސް, ހިޔާލެއް އޮވެ އެއަށް މަސައްކަތް ކޮށްލަން އެދިއްޖިއްޔާ އެކަމެއްގައި އެހީވާން ސުނާ ހުރީ ތައްޔާރަށެވެ. މީހުންނަށް އެހީވުމަށް އޭނާގެ އަމިއްލަ ކުންފުނި ކަމަށްވާ ތައިލޭންޑްގައި ހުންނަ ރޯބާ އިންޓަނޭޝަނަލް މެދުވެރިކޮށް މިހާރުވެސް ވަރަށް ގިނަ މީހުންނަށް އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ރޯބާ ކުންފުނީގެ މަސައްކަތުގެ ތެރެއިން

އެގޮތުން އެ ކުންފުނި މެދުވެރިކޮށް ރާއްޖެއަށް މުދާ އިމްޕޯޓްކުރުމުގައި އެހީވެދޭ ކަމަށާއި އަދި ރޯބާ ލޮޖިސްޓިކް ނަމުގައި ހިންގާ ކުންފުނި މެދުވެރިކޮށް މުދާ ރާއްޖެއަށް ގެނެސް އެ ބަޔަކާ ހަމައަށް މުދާ ކްލިއާކޮށް ޑެލިވާ ކޮށްދޭ ކަމަށް ވެސް ސުނާ ބުނެއެވެ. މިފަދަ މަސައްކަތް ކޮށްދޭ އިރު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ކްރެޑިޓް ޓާމްސްގެ ދަށުން ވެސް ސުނާ އަންނަނީ ހިދުމަތް ދެމުންނެވެ.

"ރޯބާ.އެމްވީ އިންސްޓަގްރާމް ޕޭޖުން މެސެޖެއްކޮށްލީމަ ހަމަ މިކޮޅުގެ ކޮންމެވެސް ކުއްޖެއް ރެސްޕޮންޑު ކުރާނެ. މިހާރު އައިޑިއާއެއް އިނދެއްޖިއްޔާ އޯކޭ ތިމަންނަގެ އައިޑިއާ އެއް އެބައިނޭ ލެޓްސް އެކްޒެކިއުޓް ދިސް އޭ. އޭރުން އެއަށް ބަލާލާފަ ހަމަ މިކޮޅުން ހެލްޕް ވާނަން." ސުނާ ބުނެއެވެ.

ހަމައެއާއެކު ސުނާގެ ކުންފުންޏެއް ކަމަށްވާ ރޯބާ މީޑިއާއިން ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި "ރޯބާ ޓޯކް ޝޯ" ޕޮޑް ކާސްޓެއް އަންނަނީ ގެނެސްދެމުންނެވެ ދެން އޭގެ ދަށުން މީހުންނަށް އިސްތިހާރު ހަދައި ދިނުމާއި ޕްރޮގްރާމް ރިކޯޑުކޮށް ދިނުން ފަދަ ކަންކަން ވެސް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ސުނާ އަންނަނީ މި އަހަރު މެދުތެރޭ "ރޯބާ ލައިފް ސްޓައިލް" ނަމުގައި ކްލޯތިން ލައިނެއް ލޯންޗުކުރަން ތައްޔާރު ވަމުންނެވެ. އެއީ އިންޓަނޭޝަނަލް ކްލޯތިން ލައިނެއް ކަން ވެސް ސުނާ ފާހަގަކުރިއެވެ.

ތައިލޭންޑްގައި ވިޔަފާރިއެއް ފަށައިގެން އުޅޭ ސުނާގެ ކުންފުންޏަކީ ތައިލޭންޑްގެ ޕްރޮޑަކްޓެއް ކަމަށްވާ 'ޕަސޫޑާ ފުޑްސް" ގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓާ ވެސް މެއެވެ. އެ ލަނޑުދަނޑި ހާސިލްވި ގޮތް ހިއްސާ ކުރަމުން ސުނާ ބުނީ، ޕަސޫޑާ ފުޑްސްއަކީ ވެސް ތައިލޭންޑްގެ ވަރަށް ދުވަސްވެފަ ހުރި އަންހެނަކު ހިންގަމުން އަންނަ ވިޔަފާރިއެއް ކަމަށެވެ. އެ އަންހެން މީހާއާ ބައްދަލުވެގެން ދެއްކި ވާހަކަތަކުގައި ސުނާގެ މަންމަގެ މަސައްކަތްތެރިކަމާއި މަންމަގެ ލެގަސީ ކުރިއަރުވަން ކުރާ މަސައްކަތް ހިއްސާކުރުމުން ޕަސޫޑާ ފުޑްސްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓާސް ކަން ދޭން ނިންމީ ކަމަށް ސުނާ ބުނެއެވެ.

ސުނާދު ޕަސޫޑާ ފުޑްސްގެ ޕެކެޓެއް ދައްކާލަނީ

އިންޓަވިއު ނިންމާލަމުން މަސައްކަތެއް ފަށަން ބޭނުންވެފައި ތިބި މީހުންނަށް ސުނާ ދިން ހާއްސަ މެސެޖުގައި ބުނީ، ގޮތެއް ހޯދަން އުޅެފިއްޔާ އެކަމެއް ވާނެ ކަމަށެވެ. ބޭނުންވަނީ އިހްލާސްތެރި ހިތަކާއެކު ޖޯޝާއި ފޯރީގައި މަސައްކަތެއް ކުރަން ކުރިމަތިލައިގެން ކުރިއަށް ދާނެ ހިތްވަރު ކަަމަށެވެ. މުސްތަގްބަލުގެ ފޮނި މީރުކަން ލިބޭނީ މަސައްކަތަށް ކަމޭހިތައި، ވަގުތަށް ފަރުވާތެރިވެ، މަންޒިލާ ހަމައަށް ދިއުމުގެ ރޫހު ދެމެހެއްޓުމަށް ނުގުޑާފަދަ ވަރުގަދަ އަޒުމަކާ އެކު ކުރިމަތިލައިގެން ކަމަށް ސުނާ ބުނެއެވެ. އީމާންތެރިކަމެއް ނެތިއްޔާ ކާމިޔާބީގެ އައްސޭރިފަށަށް ވާސިލުވުމަކީ ދަތިކަމަކަށް ވާނެ ކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ސުނާ ނަސޭހަތްތެރިވިއެވެ.

"ނޮލެޖް ހޯދަން މަސައްކަތް ކުރުމުގެ ތެރެއިން އަންނާނެ އެކަމެއް ކުރެވޭނެ ކޮންމެވެސް ގޮތެއް ފެންނާނެ. ދެން އެއާ އެކީގަ ވަރަށް މުހިންމު ވާނެ ފެއިތު. ފެއިތު އެއީ އެންމެ މުހިންމު ކަންތައް. އެއީ ކޮންމެ ގަޑިއެއްގަވެސް ކޮންމެ ކަމަކާ ކުރިމަތިލިޔަސް ވެސް ފެއިތު ނެތިއްޔާ އެކަމެއް ނުވާނެ." ވާހަކަ ނިންމާލަމުން ސުނާ ބުންޏެވެ.