މި މުޖުތަމައުގެ ތެރޭގައި އުޅޭ މަސައްކަތްތެރި ހީވާގީ އަންހެނުންގެ ތެރޭގައި ތަފާތު މަސައްކަތަށް ލޯބި ކުރާ މީހުން އުޅެއެވެ. ޒަވާޖީ ހަޔާތެއް ފަށައިގެން އުޅޭ އަންހެނުންގެ ތެރެއިން ދިރިއުޅުމުގައި ގޭތެރޭގެ ޒިންމާތަކާއެކު، ވަޒީފާ އަދާކުރަމުން، މަންމައެއްގެ މަސްއޫލިއްޔަތު އަދާކުރަމުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ހިންގުމުގެ އިތުރުން ވެސް އިޖްތިމާއީ މަސައްކަތްތަކުގައި ވެސް ހަރަކާތްތެރިވަމުން އަންނަ ހީވަގި މީހުންގެ ވާހަކަތަކަކީ އެތައް ބަޔަކަށް އިބްރަތްތެރި ވާހަކަތަކަކަށް ވާނެއެވެ.

ރޯދަމަހަށް ހާއްސަ ކޮށްގެން 'ދަ ޕްރެސް' އިން ގެނެސްދޭ މީހުން ސެގްމެންޓްގައި މިއަދު މި ގެނެސްދެނީ އެތައް ބަޔަކަށް ނަމޫނާ ދައްކަމުން އަންނަ އަދި ބޭކިން ދާއިރާ އިން ކުރިއަރަން މަސައްކަތް ކުރަމުން އަންނަ ޝަޒްރާ ޝާކިރު (ޝަޒޫ) ގެ ވާހަކައެވެ.

ބޭކިން ދާއިރާގައި ކުރި އަރަމުން އަންނަ ޝަޒްރާ ޝާކިރު / ފޮޓޯ: ޝަޒްރާ

އޭނާ އަކީ ހަމައެކަނި ކޭކް އަޅާ މީހެއް ނޫނެވެ. އެސޯސިއޭޝަން ފޯ ވުމަން އެމްޕަވަމަންޓްގެ 'ގްރޯތު އެންޑް ޑިވެލޮޕްމަންޓް' ވައިސް ޕްރެސިޑެންޓްގެ މަގާމު ފުރަމުން އަންނަ ޝަޒޫއަކީ އަންހެނުން ބާރުވެރި ކުރުވައި ހާއްސަކޮށް މި މުޖުތަމައުގައި އުޅޭ އެކަނިވެރި މައިން އަދި އަންހެނުންއަށް ފަހި ފުރުސަތުތައް ހޯދައި ދިނުމުގައި ވެސް މަސައްކަތް ކުރަމުން ދާ ކަނބަލެކެވެ.

ބޭކިންއަށް ޝަޒޫ ޝައުގުވެރިކަން އުފެދުނީ އޭނާ ވަރަށް ކުޑައިރުއެވެ. އޭނާގެ އެއްބަނޑު އެއްބަފާ ބޭބެއަކީ ކުރީގައި ބޭކަރީއެއް ހިންގި މީހެއް ކަމަށާއި ބޭބެ އެ މަސައްކަތް ކުރާ ތަން ފެނިގެން އޭނާ މި މަސައްކަތައް ހިތް ޖެހުނު ކަމަށް ޝަޒޫ ބުނެއެވެ. ބޭކިންއަށް އުފެދުނު ޝައުގެއްގެ ބޮޑު ކަމުން ބޭބެ ކައިރިން އެ މަސައްކަތް ދަސްކުރި އިރު ޝަޒޫ ވަނީ ބޭކިންގެ ބޭސިކް ކޯހެއް އިތުރު ފްލޭވާޑް ކޭކް ކޯހެއް ވެސް ފުރިހަމަ ކޮށްފައެވެ.

ބޭކް ކުރަން ފެށީ 2013 ދަރިފުޅަށް 3 މަހު ގަ އޭނައަށް ބާތްޑޭ ކޭކްއެއް. އޭގެ ކުރިން ވެސް ބޭކް ކުރަން ވަރަށް އިންޓްރެސްޓް ހުރޭ. ބޭބެއަކީ ކުރީގަ ވަރަށް ބޭކް ކުރި މީހެއް. އޭރު މާލެ ގަ ހުންނާނެ ވެޔޮގެ ބޭކަރީ، ވެޔޮގެ ބޭކަރީ އަކީ ބޭބެގެ ތަނެއް. މީގެ އިތުރުން އައްޑޫ ފޭދޫގައި މޫންލައިޓް ބެކަރީއަކާއި ރެސްޓޯރަންޓެއް ވެސް ބޭބެ ހިންގި
ޝަޒްރާ ޝާކިރު

ޝަޒޫއަކީ އަބަދުވެސް ވަރަށް ދިވެހި ވަންތަ އެއްޗެއްސަށް ލޯބިކުރާ މީހެކެވެ. ކޭކް އެޅުމުގައި ވެސް އޭނާއަށް އެންމެ ކަމުދަނީ އެފަދަ ބާވަތްތައް އުފައްދާށެވެ. ތަފާތު ރަހަތަކުގެ ކޭކްތައް އުފައްދަން ބޭނުންވި އިރު، އެ ކޭކްތަކުގެ ޑެކަރޭޝަނަށް މާބޮޑު މަސައްކަތެއް ކުރާކަށް ޝަޒޫ ބޭނުމެއް ނޫނެވެ. އޭނާ އަޅާ ކޭކްތައް ތަފާތު ވަނީ މިހެންވެއެވެ. ޑެކަރޭޝަނަށް ވުރެ ޝަޒޫ އިސްކަމެއް ދެނީ ކޭކްގެ ރަހަތައް އެއް މިންވަރެއްގައި ހިފެހެއްޓުމަށެވެ.

މާލެއިން ފަސޭހައިން ލިބެން ހުންނަ ބާވަތްތަކުން ކޭކް އަޅަން މަސައްކަތް ކުރާ އިރު ބައެއް ފަހަރު ދިމާވާ ދަތި ކަމަކީ އެ ބާވަތްތައް މާކެޓުން ހުސްވުން ކަމަށް ޝަޒޫ ބުނެއެވެ. އޭނާ އަޅާ ކޭކްތަކުގެ ތެރެއިން އެންމެ ބޮޑަށް ކަސްޓަމަރުންގެ ޑިމާންޑެއް އޮންނަ ކަދުރު ކޭކް އެޅުމުގައި އެފަދަ ހުރަސްތައް ދިމާވެއެވެ.

ޝަޒޫގެ ކަދުރު ކޭކް އަޅަން ބޭނުން ކުރާ ކަދުރަކީ އާންމުކޮށް ކޮންމެ ރަމަޟާން މަހު ލިބެން ހުންނަ ކަދުރެއް ކަމަށާއި ރަމަޟާން މަސް ނިމިގެން ދުވަސްކޮޅެއް ވާއިރު އެ ބްރޭންޑްގެ ކަދުރު ނުލިބޭ ކަމަކީ ދިމާވާ ގޮންޖެހުމެއް ކަމަށް ޝަޒޫ ބުނެއެވެ. އެހެންކަމުން ދެން އޭނާ ކަދުރު ކޭކް އަޅަން ޖެހެނީ އެހެން ބްރޭންޑެއްގެ ކަދުރު ބޭނުންކޮށްގެންނެވެ. ކޭކްގެ ރަހަތައް އެއް މިންގަނޑެއްގައި ހިފަހައްޓަން ހާއްސަ ސަމާލުކަމެއް ދޭ އިރު މިއީ އޭނާ ކުރިމަތިލާންޖެހޭ އެންމެ ބޮޑު ގޮންޖެހުމެވެ.

https://www.instagram.com/p/DWPSBiHk3q1/?igsh=cXJzeDk0ejhuYnZ1

ކަދުރު ކޭކްގެ އިތުރުންވެސް ޗޮކްލެޓް ކޭކައި ބްރައުނީސް އަކީ ވެސް ކަސްޓަމަރުންގެ މެދުގައި ވަރަށް މަގުބޫލް ކޭކްތަކެއް ކަމަށް ޝަޒޫ ބުނެއެވެ. މީގެ އިތުރުން ހުވަނދުމާ ކޭކަކީ ވެސް ވަރަށް ތަފާތު ކޭކެއް ކަމަކަށާއި އެ ކޭކުގެ ރަހައާ މެދު ވެސް ތައުރީފް ލިބޭ ކަން ޝަޒޫ އުފާލާއެކު ފާހަގަކުރެއެވެ.

ޝަޒްރާ އަޅާފައިވާ ޗީޒްކޭކް، ބްރައުނީސް، ކުކީސް އަދި ކޭކެއް / ފޮޓޯ: ޝަޒްރާ
މިހާރު އިންގްރީޑިއަންޓްސް ބައެއް ފަހަރު އެއްފަހަރު ބޭނުންކުރާ އެއްޗެއް ދެވަނަ ފަހަރަކު ނުއެއް ލިބޭ. މިސާލަކަށް މި ފަހުން ފޭމަސްވި ކަދުރު ކޭކް. އޭގަވެސް މި ބޭނުންކުރަނީ ވަކި ވައްތަރެއްގެ ކަދުރެއް އެކަމް މި ކަދުރުވެސް ގިނަ ފަހަރު ލިބެނީ ރޯދަ މަހު. ދެން ޖެހެނީ ކަދުރު ޗޭންޖް ކުރަން
ޝަޒްރާ ޝާކިރު

ކޭކް އެޅުމުގެ އިތުރުން ވެސް ޝަޒޫ އަކީ ބައެއް ކާނާ ތައްޔާރުކޮށް ވިއްކާ ފަރާތެއް ވެސް މެއެވެ. އޭގެ ތެރެއިން ދިވެހި ވަންތަ ދެ ކެއުމަކީ މިއަދުވެސް ދިވެހިންގެ ތެރޭގައި ވަރަށް މަގްބޫލު ދެ ކެއުމެވެ. ޝަޒޫ ތައްޔާރު ކުރާ މަސްބަތް ވައިރަލް ވެގެން ދިޔަ ގޮތް ހިއްސާ ކުރަމުން ބުނީ، މަސްބަތް ތައްޔާރުކޮށް ޓިކްޓޮކްއަށް ދޫކޮށްލި ވީޑިއޯ ވައިރަލްވެ ފޭސްބުކް ޕޭޖްތަކުން ވެސް ދައުރުކުރަމުން ދިޔަތަން ފެނުމުން މަސްބަތަށް އޮތް ތަރުހީބު އެނގިގެން ދިޔަ ކަމަށެވެ.

ހަމައެއާއެކު އޭނާގެ އުފަން އަތޮޅަށް މަޝްހޫރު ކެއުމެއް ކަމަށްވާ ތެއްލި ފޮޅި އާއި އައްޑޫ ހަވާދުގައި ތައްޔާރު ކުރާ ކުކުޅު ރިހައަކީ ވެސް މަގްބޫލުވެގެން ގޮސްފައިވާ ކެއުމެކެވެ. މީގެ އިތުރުން ރޯދައަށް ހާއްސަކޮށް މާހެފުން ޕެކްތައް ވެސް ޝަޒޫ ވަނީ ތައްޔާރު ކޮށްފައެވެ. މިއިން ކޮންމެ ބާވަތެއް ރަހަ ބަލާ ކޮންމެ މީހެއްގެ ވެސް ތައުރީފަކީ ޝަޒޫގެ އުފެއްދުންތަކުގައި ހުންނަ ދިވެހި ވަންތަ ރަހަތަކެވެ. ދެވަނަ ފަހަރަށް ވެސް އޯޑަރު ކުރާހާ ތަފާތު ކެއުމެއް ކަމަށާއި ކުޅު ދިޔާވާހާ އެ ކެއުންތައް މީރު ކަމަށް ކަސްޓަމަރުންގެ ކޮމެންޓްތަކުން އެނގެއެވެ.

ޝަޒްރާ ޝާކިރު، / ފޮޓޯ: ޝަޒްރާ

އަމިއްލަ ވިޔަފާރިއެއް ފެށުމަކީ ޝަޒޫ ކުރަން ބޭނުންވި ކަމެއް ކަމުގައި ވީ ނަމަވެސް ކުރީގައި އެކަމާ ދުރުގައި ހުރީ ފަށައިގެން އަންނަ ކުދި ވިޔަފާރިތައް ބަނގުރޫޓުވާ ފަދަ ވާހަކަތައް ތަކުރާރުކޮށް އަޑު އިވި އެކަމަށް އޮތް ބިރެއްގެ ސަބަބުން ކަމަށް ޝަޒޫ ބުނެއެވެ. ނަމަވެސް އެ ހިޔާލު ބަދަލުވެގެން ދިޔައީ އޭނާ މަސައްކަތް ކުރި އެންޓަޕްރައިޒް ޑިވެލޮޕްމެންޓް ޕްރޮގްރާމަކަށް ފަހުއެވެ. އެއީ ކުދި ވިޔަފާރިތައް ކުރާ މީހުންނަށް އެހީ ވެދީ، މާކެޓު ކުރާނެ ގޮތާއި، އަގު ކަނޑައަޅާނެ ގޮތްތަކާއި، ޕްރޮޕޯސަލް ތައްޔާރު ކުރާނެ ގޮތް ކިޔައިދިން ޕްރޮޖެކްޓެކެވެ.

އެ ޕްރޮޖެކްޓާއެކު ޝަޒޫގެ ހިޔާލު ބަދަލުވެގެން ދިޔައީ އޭގައި ބައިވެރިވި މީހުންގެ ތެރެއިން ކާމިޔާބު ވިޔާފާރިތަކެއްގެ ނަތީޖާ ފެނި ޝަޒޫއަށް ނުވާންވީ ސަބަބެއް ނެތް ކަމަށް ވިސްނުނު ހިސާބުންނެވެ. އެއާއެކު "ލޯ މަރާލާފައި" އަމިއްލަ ވިޔަފާރި ރަޖިސްޓްރީ ކޮށް ވަޒީފާއަށް ދަމުން ލިބޭ ހުސް ވަގުތުތަކުގައި މަސައްކަތް ކުރާ ގޮތަށް ޝަޒޫގެ ހުވަފެންތަކުގައި ކުލަ ޖައްސަން ފެށިއެވެ.

އަންހެނުން ކުރިއެރުވުމަށާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ޝަޒްރާ / ފޮޓޯ: ޝަޒްރާ

ޝަޒޫ ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕޭސްޓްރީ އަދި އޭނާގެ އަމިއްލަ ކޭކު ލިބެން ހުންނާނެ ކުޑަ ކޮފީ ޝޮޕެއް ހުޅުވުމެވެ. ބޭކަރީއެއް ހިންގުމުގައި ބޭބެ ގިރާ ކުރަމުން ދިޔަ ހަރުފަތްތައް ގާތުން ބަލަމުން ދިޔަ ޝަޒޫ އެ މަސައްކަތް ދަސްކޮށް ބޭބޭ އަށް އެތައް ބައެއްގެ ލޯބި ލިބިގެން ދިއުމުން އޭނާ އެ ކޮފީ ޝޮޕް ހުޅުވަން ބޭނުންވަނީ ހުނަރުތައް ދަސްކުރަން ފުރުސަތު ދިން ބޭބެގެ ހަނދާނުގައެވެ.

މިއަދު ބޭބެ ދުނިޔޭގައި ނެތް ނަމަވެސް ބޭކިންގެ ކޮންމެ މަސައްކަތަކީ ބޭބެގެ ހަނދާންތައް އާވެ އަބަދުވެސް އޭނާގެ ކައިރީގައި ބޭބެ ހުންނަ ކަމުގެ އިހްސާސް ކޮށްދޭ ކަމެކެވެ. މި ހުވަފެން ހަގީގަތަކަށް ވާނެ ދުވަހަކީ ޝާޒޫގެ ހަޔާތުގައި ކާމިޔާބީގެ ނަން ރަން އަކުރުން ފެވިގެން ދާނެ ދުވަހެއް ކަމަށް އޭނާ ދެކެއެވެ.

ޝަޒްރާ ޝާކިރު އޭނާ އަޅާފައިވާ ކޭކުތަކެއް ވިއްކަނީ / ފޮޓޯ: ޝަޒްރާ

އިންޓަވިއު ނިންމާލަމުން ޝަޒޫ ވަނީ އޭނާގެ އުފެއްދުންތައް މާކެޓްކޮށް ދިނުމުގައި ހިލޭ ސާބަހަށް ވީޑިއޯ އަދި ކޮންޓެންޓް ތައްޔާރު ކުރާ އުސައިދް އަދި އޭނާގެ ޓީމަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި އޭގެ އިތުރުން ކޭކް އެޅުމާ ބެހޭ ގޮތުން ކުޑަކުދިންނަށް ކިޔަވައި ދިނުމަށް "ކުޅުމުގެ ތެރެއިން އުނގައްނައިދޭން" ކްލާސްތައް ހިންގުމުގެ ފުރުސަތު ފަހިކޮށް ދިން "ކިޑްސް ޒޯން" ގެ ވެރިޔާ އިރާޝާ އަށް ވެސް ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.