ގޯތިތެރޭ ހުރި ފަތްޖެހި އެނދުގައި އިށީނދެގެން އިން ޝާކިރުގެ ހަތަރެސްފައި ކޮޅަށް ޖެހުނެވެ. ލަތީފާއަށް ކަމެއްވީބާވައޭ ހިތާ ޝާކިރުގެ ފަޔަށް ލެވުނުހާ ބާރެއްލާ ގިފިއްޔާ ދިމާއަށް ދުއްވައިގަތީ މުންޑުގަނޑު އަރުވާ ޖަހަމުންނެވެ. ގިފިލީގެ ދޮރުގައި ހިފާ ހުޅުވާލި އިރު ޝާކިރުގެ ދެލޯ ބޮޑުވެގެންދިޔައީ ލަތީފާ އޮތްގޮތުންނެވެ.

"ލަތީފާ... މޮޔަވީތަ؟... އޭ މަރުވާންތަ ތިއުޅެނީ..."

ޝާކިރު އަވަހަށް ވަޅުދޮށާ ދިމާއަށް ދުއްވައިގަތީ ލަތީފާގެ ހަރަކާތްތައް ހުރިގޮތުން އޭނާގެ ހިތަށް ބިރުވެރިކަމެއް ވެރިވުމުންނެވެ. ވަޅުފާރު މަތީ ބަނޑުއަޅައިގެން، ގުދަށް އޮތް ލަތީފާ ދުނިޔެއިން މޮޔަވީ ބާވައޭ ހިތާ ޝާކިރުގެ ހަރަކާތް ހަލުވިކޮށްލީ އޭނާ ސަލާމަތް ކުރާށެވެ. ލަތީފާ ވަޅަށް ފުންމާނުލަނީސް ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. ގަދަހަދަމުން ދިޔަ ލަތީފާ ދުރަށް ޖައްސަމުން ދިޔައިރު ވަޅާ ދިމާއަށް އޭނާ އިޝާރާތް ކުރާތީ ވެގެން އުޅޭގޮތެއް އަހާ ސާފުކުރަން ޝާކިރު ބޭނުންވިއެވެ.

"އޭ.. މައިތިރިވެބަލަ... ކިހިނެއްތަވީ... އަދި ސީމާ ފެންނާނޭ.. އެހާ އަވަހަށް އުންމީދު ކަނޑާލާކަށް ނުވާނެއްނު..." ލަތީފާގެ އަމަލުތައް ހުރިގޮތުން ޝާކިރުގެ ހިތަށް އުނދަގޫވަމުން ދިޔަކަން ދޭހަކޮށްދެނީ އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނައެވެ. ވާހަކަ ދައްކަން ލަތީފާ އަނގަ ހުޅުވާލީ އޭނާއަށް ފެނުނު މަންޒަރު ޝާކިރަށް ކިޔައި ދޭށެވެ. ނަމަވެސް އޭނާގެ އަނގައިން ބަހެއް ބޭރުވާ ގޮތެއް ނުވިއެވެ. ކޮންމެ ފަހަރަކު އަޑުފަޅާފައި އޭނާއަށް ރޮވެގަނެވެނީ ސީމާއަށް ގޮވަމުންނެވެ.

"ސީމާ ހޯދަން ދާން ނިކުންނާށެއްނު މިއުޅެނީ.. އަދި އެމަންޖެ ފެންނާނޭ..." ޝާކިރުގެ ހިތް ބުނަމުން ދިޔައީ ސީމާ އަދި ފެންނާނެ ކަމަށެވެ. ޝާކިރުގެ ދުލުން ބޭރުވަމުން ދިޔަ ލަފްޒުތައް އަޑުއަހަން ލަތީފާ ބޭނުން ނުވާ ކަހަލައެވެ. ޝާކިރު ލައިގެން ހުރި ގަމީހުންގެ ގިރުއާނުގައި ހިފަމުން ލަތީފާ ދެއަތަށް ބޯހޫރުވަމުން ދިޔައީ ވާހަކަދައްކަން މަސައްކަތް ކުރަމުންނެވެ. އެއްއަތް ވަޅާ ދިމާއަށް އިޝާރާތްކުރަމުން ލަތީފާއަށް ބުނެވުނީ މަދު ބަސްތަކެކެވެ. "މަގޭ ދަރި.. ސީމާ ސަލާމަތް ކުރޭ... ވަޅުތެރޭ..."

ދެބުމަ ގޮށްޖަހާލަމުން ލަތީފާގެ މޫނަށް ޝާކިރު ބަލާލީ އޭނާއަށް ހީވި ހީވުން ޔަގީންކުރަން ބޭނުންވެފައި ހުރުމުންނެވެ. ލަތީފާގެ އަތުގައި ހިފާ ދުރަށް ޖައްސާލުމަށްފަހު އޭނާ އީޝާރާތްކުރަމުން ދިޔަ ވަޅާ ދިމާއަށް ޝާކިރު ބަލާލީ އޭނާއަށް ހީކުރެވުނު ހީއަކީ ހަގީގަތަކަށް ވެދާނެ ކަމާމެދު ޝައްކު އުފައްދަމުންނެވެ. އޭރު ޝާކިރުގެ ހިތުގެ ވިންދު އަވަސްވެފައި ވަނީ އިންތިހާއަށެވެ. މަޑު ފިޔަވަޅުތަކެއްގައި ވަޅުދޮށަށް ޝާކިރު ހިނގައިގަތް އިރު ލަތީފާ ދެއަތުން މޫނު ނިވާކޮށްލީ ރޮއެ ހޭރެމުންނެވެ. "މަގޭ ދަރި.... ޝާކިރޫ.. މަގޭ ދަރި..." ވަޅުތެރެއަށް ބޯދިއްކޮށްލި ޝާކިރަށް ފެނުނު މަންޒަރުން އޭނާއަށް ފައިގެ ކަކުލު ހުޅުން ވަރު ދޫވާ ފަދަ އިހްސާސެއް ކުރެވުނެވެ. ފަހަތަށް އޭނާ ފިޔަވަޅު އަޅަމުން ދިޔައިރު ދެއަތުން ބޮލުގައި ހިފަހައްޓަމުން އަޑުގެ ނެތް ތަނަށް ހަޅޭއްލަވައިގަތީ މޮޔަޔަކު ފަދައިންނެވެ.

ފެންމަތީ އުއްޑުން އެ އޮތީ ދެވަނަ އެހެން ހަށިގަނޑެއް ނޫނެވެ. ސީމާގެ ދެލޯ ތަންމިނަށް ހުޅުވިފައިވާ އިރު އޭނާގެ ދެއަތާއި ފައި އޮތްގޮތުން މީހާ އޮތީ ހަރުއަރާފައި ކަން އެނގެއެވެ. "މީހެކޭ... މަގޭ ދަރި... މީހެކޭ މީހެކޭ...." ޝާކިރުގެ އަޑު ކެނޑިކެނޑިގެން ދިޔައިރުވެސް އޭނާއަށް ވާހަކަ ދެއްކޭނެ އެންމެ ބާރަކަށް ގޮވާ ހަޅޭއްލަވަމުން ދިޔައީ މީހެއްގެ މަދަދަށެވެ.

ލަތީފާ ކަކޫ ޖަހާ އެހުރި ތަނަށް ތިރިވީ އޭނާއަށް ކޮޅަށް ނުހުރެވޭނެކަން އިހްސާސް ވުމުންނެވެ. ޝާކިރު ގެއިން ބޭރަށް ނިކުތީ އަޑުގެ ނެތްތަނަށް މީހުންނަށް ގޮވާ ހަޅޭއްލަވަމުންނެވެ. ހެނދުނުގެ ވަގުތެއްކަމުން އަވައްޓެރި ގިނަ ބަޔަކަށް އަޑު އިވިގެން ޝާކިރުމެން ގޭދޮށަށް އެއްވާން ފަށައިފިއެވެ. އޭރު ޝާކިރަށް ވާހަކަ ދެއްކޭ ވަރެއް ނޫނެވެ. އޭނާގެ އިޝާރާތައް އެތަނަށް އެއްވި ދެ ޖިންސުގެ މީހުން ގިފިއްޔާ ދިމާއަށް އަވަސްވެގަތީ ވެގެން އުޅޭ ގޮތް އޮޅުން ފިލުވާށެވެ. ތަޅުންމަތީ ކަކޫ ޖަހައިގެން ލަތީފާ ބަލަން އިނީ ވަޅާ ދިމާއަށެވެ. ވެގެން އުޅޭ ގޮތެއް ސާފުވާވަރުވީ އޭނާގެ އަތުން ވަޅާ ދިމާއަށް އިޝާރާތްކުރުމުން އެތަނަށް އައި މީހުންތައް ވަޅުދޮށާ ގާތްވުމުންނެވެ.

"ސުބްހާނަﷲ..." ވަޅުތެރެއަށް ދެ ޒުވާނަކު ފުންމާލީ ސީމާގެ ފުރާނަނެތް ހަށިގަނޑު ވަޅުތެރެއިން އަވަހަށް ނަގާށެވެ. އެއްބަޔަކު ރަށުއޮފީހަށާއި ފުލުހުންނަށް ގުޅޭތޯ އޭރު މަސައްކަތް ފެށިއެވެ. އަންހެންވެރިން ގާތްވީ ލަތީފާއަށް އެހީވާށެވެ. އޭރު ލަތީފާގެ ހެއަށް ގޮތްވެ އޭނާ ތަޅުންމައްޗަށް ތިރިވަނީއެވެ.

*** *** *** *** *** ***

ފެނުނު މަންޒަރުތަކުން މެހެކްއަށް އުނދަގޫތަކެއް ވަމުން ދިއުމުން ސަކޭރާ މަސައްކަތް ކުރީ އޭނާ ހަމައަކަށް އަޅުވާށެވެ. ޒޭބާގެ ދަރިއަކަށް ވީތީ އޭނާ ފަދައިން ބަދަލު ހިފުމުގެ ރޫހެއް މެހެކްގެ ހިތުގައި އަށަގެންފާނެތީ ސަކޭރާ ކަންބޮޑުވިއެވެ. "ދަރިފުޅާ... މިހުރިހާ ކަމެއް ދަރިފުޅުމެންނަށް ސިއްރު ކުރީ ތިކުދިން ދުނިޔެއަށް ފައިބާނެތީ... ކަމުގެ ހަގީގަތް ހޯދާ، މަންމަގެ މަރުގެ ބަދަލު ހޯދަން އުޅެފާނެތީ... މިކަން ސިއްރު ކުރީ އެއްގޮތަކަށް ވެސް ދަރިފުޅުމެންނަށް ތިކުދިންގެ މައިންބަފައިން އޮޅުވާލާކަށް ނޫން..."

ރުއިން ހުއްޓުނު އިރުވެސް މެހެކްގެ ލޯމައްޗަށް ސިފަވަމުން ދިޔައީ އިރުގަނޑެއް ކުރިން ސަކޭރާ އޭނާއަށް ދެއްކި މަންޒަރުތަކެވެ. އެ މަންޒަރުތައް އޭނާގެ ހިތަށް އެތައް އުނދަގޫތަކެއް ވަނީއެވެ. އެތައް ވާހަކަތަކެއް ހިއްސާ ކުރަން ބޭނުންވެފައިވީ ނަމަވެސް ވާހަކަ ފަށާނެ ހިސާބެއް އޭނާއަކަށް ނުވިސްނުނެވެ. "އަސްލު.. މިހުރިހާ ކަމެއް އަޅުގަނޑުމެންނަށް އެނގުނު ނަމަ.. އަޅުގަނޑުމެން ދުނިޔެއަށް ނުދިޔައީސް... އަޅުގަނޑުމެންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން... ދުނިޔެއަށް ދިއުމަކީ އެއްގޮތަކަށް އަޅުގަނޑުމެން ކޮށްގެން ވާނެ ކަމެއް ނޫން..." ދެއަތަށް ބޯހޫރުވަމުން އޭނާ ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ބަލި ހިތަށް ލުއެއް ލިބޭތޯއެވެ.

"ޒިބާންގެ ފަހަތުން ދެވުނީ ބައްޕަ ދާ ތަނެއް ބަލާހިތުންކަން ބޮޑުދައިތައަށް އެނގޭ.. ޒިބާން އުޅޭ ގޮތުން މި އާއިލާ އެންމެންވެސް މި ތިބެނީ ހާސްކަމެއްގަ... އެކަން ފޮރުވަން މަސައްކަތް ކުރިއަސް ދަރިފުޅުމެންނަށް ކޮންމެވެސް ދުވަހަކުން އެނގޭނެކަން އެނގޭ..." ސަކޭރާއަށް ހީވެފައި ވަނީ އެކުދިން ދުނިޔެއަށް ދިޔައީ ޒިބާންގެ ފަސްފަހަތުން ކަމަށެވެ.

"ނޫން.. އަޅުގަނޑުމެން ދުނިޔެއަށް ދާތާ ކިތަންމެ ދުވަހެއްވެއްޖެ.. އިންސާނުންގެ ދިރިއުޅުމާއި އެތަނުގެ ރީތި މަންޒަރުތައް ބަލަން އަޅުގަނޑާ ޒޯއީ ވަރަށް ގިނައިން ދުނިޔެއަށް ދިޔައިން... މިއަދު އަޅުގަނޑަށް މިއެނގުނީ އެއީ ކިހާ ނުރައްކާ ކަމެއްކަން.. މި ނަސްލު ނެތިގެން ހިނގައިދާނެ ކަމެއްކަން.. އިންސާނަކު ދެކެ ލޯބިވެގެން ޖިންނީންނަކަށް ނޫޅެވޭނެކަން... އަޅުގަނޑު ދެކެމުން އައި ހުވެފަނީ ބިލާހެއްކަން..." މެހެކްއަށް ވާހަކަ ދައްކަމުން ގޮސް ރޮވޭގޮތްވީ އިރު އޭނާއަށް ލައްކަ ވާހަކަ ކިޔައިދެވިއްޖެއެވެ.

"އަޅުގަނޑަށް އިންސާނަކު ދެކެ ލޯބި ވެވިއްޖެ.. އެ ކުއްޖާ ވަރަށް ހާއްސަ ވެއްޖެ... އެކަމަކު އެކަން ކުރާކަށް އަޅުގަނޑު ބޭނުމެއް ނޫން... އަޅުގަނޑު މަންމަހެން މަރުވާކަށް ބޭނުމެއް ނޫން..." މެހެކްގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ހިފެހެއްޓޭ ގޮތެއް ނުވިއެވެ. އޭނާގެ ސިފައަށް އޭރު ބަދަލުތަކެއް އަންނަ ފެށީ އޭނާގެ ބާރަކުން ނޫނެވެ. އިސްތަށިގަނޑު ފޯލިފޯއްޔަށް ބޯވަ ފައިތަކެއްގެ ސިފައަށް ބަދަލުވީއިރު އޭނާގެ ހަންގަނޑުގައި ވަނީ ހުޅުބުތަކެއް ފަޅާފައެވެ. ސަކޭރާއަށް އެވަނީ ކިހިނެއް ކަން ދެނެގަނެވުނެވެ. މެހެކްގެ އަތުގައި ހިފާލަމުން އޭނާ ކިޔަވަން ފެށިއެވެ. މެހެކްގެ ހަށިގަނޑުން ވަރު ދޫވާ ފަދަ އިހްސާސެއް ކުރެވެން ފެށިއިރު ކުރިން އޭނާ ހުރި ސިފައަށް ބަދަލުވެއްޖެއެވެ.

"ދަރިފުޅު އެ އިންސާނާއާ ގުޅުން އޮތީ ކިހާ ވަރަކަށް؟.. ކަމެއް ގޯސްވުމުގެ ކުރިން ބޮޑު ދައިތައަށް ހުރިހާ ވާހަކައެއް ކިޔައި ދީ... ދުނިޔެއަށް ދިޔަ ކޮންމެ ފަހަރަކު ކަންތައްވީ ގޮތް ކިޔައިދީ..." ފުން ނަޒަރަކުން ސަކޭރާގެ މޫނަށް މެހެކް ބަލާލިއެވެ. ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު އޭނާ ދުނިޔެއަށް ދިޔަ ކޮންމެ ފަހަރަކު ކަންތައް ވީގޮތް ކިޔައި ދެމުން ދިޔައެވެ. ރާއިދުއާ މެހެކް، ދެމެދުގައި މާ ބޮޑު ގުޅުމެއް ނުހިނގާކަން އެނގުމުން ސަކޭރާއަށް ހިތްހަމަޖެހުމެއް ލިބުނެވެ.

"ދެން އެންމެ ފަހުން ދިޔަ ފަހަރު.. ވީ ގޮތަކީ... އަސްލު ޒޯއީ ވަރަށް ކިޔާތީ ދިޔައީ.. މަންޝާ ހޯދަން... އެރަށަށް ގޮސް މަގުތަކުގަ ހިނގަމުން ދިޔައީ... ވަކި ހިސާބަަކަށް ދެވުނުތަނާ ޒޯއީގެ ކަރުގައި އަޅާފައިވާ ފަށް ދިއްލެން ފެށީ... ދެން އޭނާއަށް އުނދަގޫތަކެއް ވާން ފެށީމަ އަޅުގަނޑު ޒޯއީ ގޮވައިގެން އެނބުރި އައީ.. އައި ފަހުން ޒޯއީ އޮތީ ވަރަށް ބަލިކޮށް... އެކަކަށް ވެސް ނޭނގޭނެ މިކަމެއް... ބޮޑު ދައިތާ.. ޒޯއީ ރަނގަޅު ކޮށްދެވޭނެތަ؟..." އާދޭހުން ފުރިގެންވާ ފަދަ ނަޒަރަކުން ސަކޭރާއާ ދިމާއަށް މެހެކް ބަލާލީ އޭނާ ބޭނުންވީ ވާހަކަ ދައްކާ ނިންމާލުމަށްފަހުއެވެ.

"އަޅެ.. ދަރިފުޅާ... ތިވަރު ކަމެއްވީ އިރު ނުބުނެ ތިހުރީއްޔޯ.. ހިނގާ ޒޯއީ ކައިރިއަށް ދާން..." ސަކޭރާ މިސްރާބުޖެހީ ޒޯއީ އޮތް ކޮޓަރިއާ ދިމާއަށެވެ. ސަކޭރާގެ ފަހަތުން މެހެކް ހިނގާފައި ދިޔައިރު އޭނާ ހުރީ ކުށްވެރިއަކު ފަދައިން އިސްޖަހައިގެންނެވެ. ޒޯއީ އޮތީ ދެލޯ މަރައިގެން ނެވެ. ނަމަވެސް އޭނާގެ ކުކުރުމުގެ އަޑުން އޭނާގެ ހަށިގަނޑުގައި ވޭން އަޅަމުން ދިޔަކަން ދޭހަވިއެވެ. "ޒޯއީ ރަނގަޅު ވާނެތަ؟.. ނަމަނަމަ ކާފައަށް މިކަން ނާންގާތި؟.. ކާފަ ވަރަށް ރުޅިގަދަވާނެ..." އާދޭސް ކުރާ ހާލުގައި މެހެކް ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ލޯބިވާ ކޮއްކޮއާ ވަކިވާން ބޭނުންނުވާތީއެވެ.

"ކަންބޮޑު ނުވޭ ދެން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅުވަމުން..." ސަކޭރާ ހިނިތުންވާން މަސައްކަތް ކުރީ މެހެކް ބިރުގެންފައި ހުރިވަރު އެނގޭތީއެވެ. ޒޯއީއަށް ފަރުވާ ދެވޭތޯ ސަކޭރާގެ މަސައްކަތް ފެށިއެވެ. އަތްމަތި ހަލުވިކޮށްލަމުން އޭނާ ބޭނުންވާ ހުރިހާ ސާމަނަކާއެކީ އޭނާއަށް ލިބިފައިވާ ބޭސްވެރިކަމުގެ ހުނަރުން އެ ކުއްޖާ ރަނގަޅުކުރަން އޭނާ ބޭނުންވިއެވެ.

*** *** *** *** *** ***

"ހާދަ ބިރުން ތިހުރީ... ކޮންކަމަކާ ތި ވިސްނަނީ..." ޒިބާންގެ އަނގައިން ނިކުންނަމުން ދިޔަ ލަފްޒުތައް އަޑުއިވުމުން މަންޝާއަށް ސިހުމެއް ލިބުނެވެ. ތެޅިތެޅި އޮތް ހިތަކާއެކީ މަންޝާ މައްޗަށް ބަލާލީ އޭނާއަށް ތިރިބެލުމުން ބުނެދޭން ނޭނގޭ ކަހަލަ އިހްސާސް ތަކެއް ކުރާތީއެވެ. ބިމުން މައްޗަށް އެ ދެމީހުން އެކީ އެރި އިރު މަންޝާއަށް ބިރުން ހުރެވުނީ ޒިބާންގެ އަތުގައި ހިފާ ބާރުކޮށްލައިގެންނެވެ. އޭނާގެ ނިޔަފަތިތަކުން ޒިބާންގެ އަތުގައި ވަކިއެޅެމުން ދިޔަކަން ނޭނގޭވަރަށް މަންޝާ ހުރީ ބިރުގެންފައެވެ.

"އަޅެ އަހަރެން ވަރަށް ބިރު ގަނޭ..." ދެލޯ މަރާ ބާރުކޮށްލަމުން މަންޝާ ބިރުންގެންފައިވާ ކަން ހާމަކުރިއެވެ. ޒިބާންގެ ތުންފަތަށް ވެރިވީ ހިނިތުންވުމުން މަންޝާ ބިރުން ހުރިކަން އެނގޭ ކަހަލައެވެ. މަންޝާގެ އަތުގައި ހިފާލަމުން އޭނާގެ ހަށިގަނޑު ތެރެއަށް ލާ ބޮނޑިކޮށްލަމުން ބައްދާލިއެވެ. މަންޝާގެ ބަނޑަށް ހީލިއަރާ ކަހަލަ އިހްސާސެއްވުމުން ޒިބާންގެ ހަށިގަނޑުގައި ދެއަތުން ހިފާ ބާރުކޮށްލިއެވެ. ވައިގަދަވެފައި ވުމުން މަންޝާގެ އިސްތަށިގަނޑު ވަޔާއެކީ ވިހުރެމުން ދިޔައެވެ.

މަޑުމަޑުން މަންޝާ ދެލޯ ހުޅުވާލި އިރު ވަށައިގެން ފެންނަމުން ދިޔައީ ތަރިތަކެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން އުޑުމަތީގައި ވާ ހުރިހާ ތަރިތަކެއް އެހާ ސާފުކޮށް ފެންނާތީ މަންޝާ އަޖައިބުވިއެވެ. ތިރިއަށް ބަލާލި ވަގުތު މޭގަނޑު އަނގަޔަށް ނައީ ކިރިއާއެވެ. އެމީހުން އެތިބީ ކާށިދޫ މަތިން ދަތުރު ކުރަމުން ދިޔަ ވިލާ ކޮޅެއްގެ މަތީގައެވެ. ބިރުންހުރެ ޒިބާންގެ ގައިގާ ބައްދާލަމުން މަންޝާގެ ހަށިގަނޑުން ދޫ ނުކުރުމަށް ޒިބާން ގާތު އެދުނެވެ. އޭރުވެސް އެ ވިލާކޮޅު މަޑުމަޑުން ވައިހުރިކޮޅަށް ދަތުރުކުރަމުން ދިޔައެވެ.

ވިލާކޮޅުމަތީ ހުރެ މަންޝާ ތިރިއަށް ބަލާލީ މަޑުމަޑުން ގުދުވަމުންނެވެ. އޭރުވެސް މަންޝާގެ ހަށިގަނޑުން ޒިބާން ދުލެއް ނުކުރެއެވެ. މަންޝާގެ ފުރަގަހުގައި ހުރި އިރު އުނަގަނޑުގައި ހިފަހައްޓައިގެން އޭނާ ހުރީ މަންޝާގެ ހަރަކާތް ހުރިގޮތުން ހިނި އައިސްފައެވެ. ކާށިދޫގެ ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުތައް އުފެދެމުން ދިޔަ މަންޒަރުވެސް ވަރަށް ފުރިހަމަކޮށް ފެނުނެވެ. މަންޝާއަށް އަދިވެސް ބެލަމުން ދިޔައީ ބެރެބެދި ގަސް ހުރި ދިމާއަށެވެ. އެހިސާބުގައި އުޅޭ އަލިފާން ކޮކާތަކުގެ ދަޅައިން ހީވަނީ އެތަނުގައި ކުދިކުދި "ޓިންކަ ބެލްތަކެއް" އުޅޭހެންނެވެ.

"ކިހިނެއް ވިލާކޮޅެއް މަތީގައި މިތިބެވެނީ... ވިލާމަތީ ތިބެވޭތަ....." ހައިރާންވެފައި ހުރިލެއް ބޮޑުކަމުން މަންޝާއަށް ވާހަކަ ދެއްކޭ ވަރުވީ އިރުކޮޅެއް ފަހުންނެވެ. ވަޔާ އެކު ވިހުރެމުން ދިޔަ އިސްތަށިތައް މަންޝާގެ އަނގަޔަށް ވަންނާތީ އަތުން އިސްތަށިގަނޑު އެއްފަރާތުން ގެނެސް ހިފަހައްޓާލިއެވެ. ހަށިގަނޑަށް ފިނިވަމުން ދާތީ ފަހަތަށް ޖެހި ޒިބާންގެ ހަށިގަނޑުގައި ލައްވެލީ އެ ހަށިގަނޑުން ހޫނުކަމެއް ލިބޭތީއެވެ.

"އަހަރެމެން މިތިބީ ވިލާ މަތީގައެއް ނޫން... އަހަރެންނަށް މިހިސާބަށް އެރޭނެ.. މަންގެ ހަށިގަނޑުގައި އަހަަރެން ހިފަހައްޓައިގެން ހުރިހާ ހިނދަކު މަންވެސް ބިންމައްޗަށް ނުވެއްޓި އަހަރެންނާ އެކީގަ ހުރެވޭނެ... ވިލާކޮޅުމަތީ މިހުރީ މަން ބިރުގެންފާނެތީ.... މަން... ދެލޯ މަރާލާ... މިހާރު އަހަރެމެން ދާން ވެއްޖެ..." ޒިބާންގެ އެދުމަށް މަންޝާ ދެލޯމަރާލީ ހިތާ ދެކޮޅައެވެ. ޒިބާންގެ އަތްތިލައިން މަންޝާގެ ލޯމަތި ނިވާކޮށްލީ މަންޝާގެ ނިތްކުރިއަށް ބޮސްދެމުންނެވެ.

މާގިނަ އިރެއް ނުވެއެވެ. މަންޝާއަށް އިހްސާސްވަމުން ދިޔަ ފިނި ވަޔާއި ޖައްވުގެ ފިނިކަން މުޅިންހެން ބަދަލުވެއްޖެއެވެ. "ގުޑްނައިޓް...." މަންޝާގެ ކަންފަތް ދޮށުން އިވިގެން ދިޔަ އަޑާއެކީ މަޑުމަޑުން އޭނާގެ ލޯ ހުޅުވާލިއެވެ.

މަންޝާއަށް އޮވެވުނީ އޭނާގެ ކޮޓަރީގައެވެ. ދެލޯ ހުޅުވާލަމުން އޭނާ ބަލާލީ ވަށިއިގެން މުޅި ކޮޓަރި ތެރެއަށެވެ. މަންޝާގެ ކަރުގައި އޮތް ފަށުފުލުގައި އޭނާ އަތް ޖައްސާލީ އެ ފުލުގައި އާދަޔާ ޚިލާފް ފިނިކަމެއް ހުރުމުންނެވެ. އޭނާއަށް އެ ފެނުނީ ހުވަފެނެއް ހެއްޔެވެ. ކިޝަންއާ އެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވުނިކޮށެވެ. ނަމަވެސް އެއީ ބުއްދި ގަބޫލުކުރާ ކަހަލަ ކަންތައްތަކެއް ނޫނެވެ. އުދުހިލާފަ ވިލާތަކުމަތީގައި އުޅޭތަން ފެނުމަކީ ކޮންކަހަލަ މާނައެއް އެކުލެވޭ ހުވަފެނެއްހެއްޔެވެ. ކޮންމެ ގޮތެއްވިޔަސް މަންޝާއަށް ފެނުނު ހުވަފެނުގެ ސަބަބުން އޭނާގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. އޭނާގެ ހިތުގައި އާ ވިންދެއް ޖަހާލި ކަހަލައެވެ.

*** *** *** *** *** ***

"އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން... އަޅެ އެ ދެމަފިރިން ހާދަ ދެރަވާނޭ..." ދުފާ ތަބަށް އުނގަށް ލައިގެން ފޯއްފޮއްޗެއް ކޮށަން އިން ކިޝަންގެ އަންހެނުން ވާހަކަ ދެއްކީ ރާއިދުގެ އަނގައިން ވެދިޔަ ހާދިސާ ކިޔައި ދިނުމުންނެވެ. "ކޮބާތަ ހޫދު؟.. ކަށުނަމާދަށް ދާން އޭނައަށް ވަރަށް ގުޅިން ފޯނު އޮތީ ނިވިފަ؟ އަދި ނުހޭލަނީތަ؟.." ޖިންސު ޖީބުން ފޯނު ނަގާ އޭގެ ސްކްރީނަށް ބަލާލަމުން ރާއިދު ވާހަކަ ދެއްކީ ކިނާނާ ދިމާއަށް ކަޅިއެއް އެއްލަމުންނެވެ.

"މަށަށް ހީވަނީ އަދި ނުހޭލާހެން.. ދޭބަލަ ގޮވަން.. މަ އެބަ އަންނަން މިތާ ކައިރީ އިން ފިހާރައަށް ވަދެލާފަ.." ކިނާންގެ މަންމަގެ އެދުމަށް ފިހާރައަށް ދާން އޭނާ ހިނގައިގަތީ މައްޗަށް ދާންހުރި ސިޑި ރާއިދަށް ދައްކާލުމަށްފަހު އެކުވެރިޔާގެ ކޮނޑުގައި ފިރުމާލަމުންނެވެ.

ރާއިދު އަވަސްވެގަތީ ހޫދަށް ގޮވާށެވެ. ކޮޓަރި ތަޅުނުލާ ހުރުމުން ރާއިދަށް އެތަޅު އަނބުރާލުމާއެކީ ދޮރު ހުޅުވިއްޖެއެވެ. އެނދުގައި ހަމަޖެހިލައިގެން ނިދާފައި އޮތް ހޫދު ފެނުމުން ރާއިދު އޭނާއަށް ގޮވާލިއެވެ. ދެތިން ބުރަށް ގޮވާލިއިރުވެސް ހޫދުގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އޭނާ ނުހޭލާނެކަން ރާއިދަށް ކަށަވަރުވިއެވެ. އެހެންކަމުން އެ ކޮޓަރިން ނިކުމެގެން ދާން ހިނގައިގަތް ރާއިދު ގާތްވެލީ ޑްރެސިންގް ޓޭބަލް ކައިރިއަށެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތްހާކާލާ ރީތި ކޮށްލުމަށްފަހު އޭނާ ލައިގެން ހުރި ގަމީހުގައި އަތް ހާކާލީ އޭގައި ޖެހިފައިވާ ރޫތައް ރީތިކޮށްލަމުންނެވެ. ދެއަތް ފޭކޮށްލުމަށްފަހު އެއްކޮނޑު އުފުލާލަމުން ގަމީހުން އޭނާ ވަސްބަލާލިއެވެ. އެއަށްފަހު ޑްރެސިންގް ޓޭބަލް މަތީ ހުރި ސެންޓުފުޅި ނަގާ އޭނާގެ ގަޔަށް ބުރުވާލިއެވެ. ސެންޓު ފުޅީގެ މަތި ޖަހާލަމުން އެ ފުޅި ބެހެއްޓި ވަގުތު ރާއިދުގެ ލޮލުގައި އަޅައިގަތީ ޑްރެސިންގް ޓޭބަލްގެ އެއްފަރާތެއްގައި ބާއްވާފައިވާ ފޮތެވެ.

އެނދުގައި ނިދާފައި އޮތް ހޫދާ ދިމާއަށް ރާއިދު ބަލާލުމަށްފަހު އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މި ދެތިން ދުވަހެއްގައި ހޫދު އޭނާގެ ކޮޓަރިތެރޭ އެ ފޮތް ހިފައިގެން އޮތްތަން ރާއިދަށް ފެނިފައި ވެއެވެ. ރާއިދު ފެނުމާއެކީ ކޮންމެ ފަހަރަކު އެ ފޮތް ބާލީސް ދަށަށް ލާ އެ ފޮތް ފޮރުވަން މަސައްކަތް ކުރާކަން އޭނާއަށް ވަނީ އެނގިފައެވެ. "މީނަ މީ ހާދަ ރޮމޭންޓިކް މީހެކޭ... ޑައިރީވެސް ލިޔާ މީހެއްދޯ.." ރާއިދުގެ ހިތަށް އަރަމުން ދިޔަ އެއްޗެހިން ހިނިއަންނަ ގޮތް ވިއެވެ. އެ ފޮތުގައިވާ އެއްޗެއް ބެލުމުގެ ބޭނުމުގައި އެފޮތް ނަގައިގެން މަޑުމަޑުން ކޮޓަރިން ބޭރަށް އޭނާ ދިޔައީ ހޫދަށް ހޭ ނުލެވޭނެހެން މަޑުމަޑުންނެވެ.

*** *** *** *** *** ***

މެންދުރުގެ ކެއުމަށް އިންސާފުކުރަން މޭޒުދޮށުގައި އަޒީމް އިށީނދެގެން އިންއިރު ދޭތެރެއަކުން މަންޝާއާ ދިމާއަށް ބަލާލައެވެ. ޝީން އާ އެކީ ޝާޔާވެސް ކާމޭޒު ދޮށުގައި ތިއްބެވެ. ޝާޔާ ކައި ނިމުމުން އެ ކުއްޖާގެ ތުން ދޮއްވާލުމަށްފަހު ޝީން ކާގެއިން ނިކުތީ ޝާޔާ ގޮވައިގެން ޤުރުއާން ކުލާހަށް ދަނީކަމަށް ބުނަމުންނެވެ. ބޯޖަހާލުމަށްފަހު އަޒީމް ޝާޔާގެ ބޮލުގައި ފިރުމާލީ ނުހަނު ލޯބިންނެވެ. "ދަރިފުޅު މިހާރު ރަނގަޅު ދޯ..." އަޒީމްއާ ޝާޔާ ހަތަރުކަޅި ބައްދަލު ކުރަން ބޭނުން ނުވާ ކަހަލައެވެ. އަތުގައި އޮތް ނިވި ދިއްލޭ ބޯޅައަށް ބަލަން ހުރެ އޭނާ ބޯޖަހާލިއެވެ. ޝީންގެ އަތުގައި ހިފައިގެން ޝާޔާ ދިޔަ ދިމާއަށް އަޒީމް ބަލަން އިނީ އޭނާގެ ދަރިފުޅުގެ ހަލަނި މިޒާޖަށް އަންނަމުން ދިޔަ ބަދަލުތައް ފާހަގަވުމުންނެވެ.

(ނުނިމޭ)